އެންމެ ފަސޭހައިން ވިޔަފާރިކޮށްލުމަށް ބޭނުންކުރާ މެތަޑަކީ އޮންލައިކޮށް ވިޔަފާރި ކުރުމެވެ. ކޮންމެތާކު ހުރެވެސް އަދި ކޮންމެ ވަގުތެއްގައި ވެސް އޮންލައިންކޮށް ވިޔަފާރިކޮށްލެވެ އެވެ. އެކަމަކު އޮންލައިންކޮށް ގަންނަ އެތި ގެއާ ހަމައަށް އައުމަށް ދުވަސްތަކެއް ނަގަ އެވެ. އާންމު ގޮތެއްގައި އޮންލައިންކޮށް ގަންނަ އެތި ގެއާ ހަމައަށް ފޯރަން ދެ ހަފުތާ ނުވަތަ ތިން ހަފުތާ ނަގަ އެވެ. އެހެންކަމުން އަވަސް ހިދުމަތެއް ދިނުމަށް އޮންލައިން ވިޔަފާރި ކުންފުނިތަކުން އަބަދުވެސް މަސައްކަތް ކުރެ އެވެ. އެއީ ގޮންޖެހުން ބޮޑުވެ މަސައްކަތެކެވެ.
އޮންލައިންކޮށް އެންމެ ގިނައިން މީހުން އެއްޗެހި ގަންނަ އެއް ސައިޓަކަށް އަބަދުވެސް އެމޭޒަން ވާނެ އެވެ. އެމަޒޯން އިން ގަންނަ އެތި ގެއާ ހަމައަށް އެހެން އޮންލައިން ވިޔަފާރިތަކުން ފޯރުކޮށްދޭހާ އަވަހަށް ފޯރުކޮށްދޭތީ އެމެޒަންއާ މެދު ކުރާ އިތުބާރު ބޮޑެވެ. އެމެޒަން ކުންފުނީގެ މައިގަނޑު އަމާޒަކީ ވެސް ވީހާވެސް އަވަސް ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމެވެ. މިހާރު އެކުންފުނިން ނިންމާފައިވަނީ އެ ކުންފުނިން ގަންނަ ކޮންމެ މުދަލެއް ވެސް 30 މިނިޓުގެ ތެރޭގައި އެ ގަންނަ މީހަކާ ހަމައަށް ފޯރުކޮށް ދިނުމަށެވެ.
އެމަޒަން ކުންފުނީގެ އޮފީސްތައް 50 ގައުމެއްގައި ހުރެ އެވެ. އަދި އެއިން ކޮންމެ ގައުމެއްގެ މައި ސިޓީތަކުގައި ވެސް އެކުންފުނީގެ އޮފީސް ހުރެ އެވެ. އެމެޒަންގެ އޮފީސް ހުންނަ ގައުމަކުން ގަންނަ އެއްޗެއް ނަމަ ދެ ދުވަސް ތެރޭގައި ކަސްޓަމަރަށް ލިބެ އެވެ. ނަމަވެސް މިހާރު އެމަޒަން އިން ބޭނުންވަނީ އޮންލައިން ވިޔަފާރީގެ އެންމެ ފާސްޓް ޑެލިވަރީއަށް ވާށެވެ.
ކުންފުނީގެ ވެރިޔާ ސީއީއޯ ޖެފް ބެޒޯސް ވިދާޅުވީ، އަންނަ އަހަރުގެ މެދުތެރޭގައި އެ ކުންފުނީގެ އޮފީސްތައް ހުންނަ ގައުމުތަކުގެ ކުރާ އޯޑަރުތައް 30 މިނިޓުގެ ތެރޭގައި ގެއާ ހަމައަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ކުރާނީ ރޮބަޓްތަކުގެ އެހީގައި ކަމަށް ވެސް ޖެފް ވިދާޅުވި އެވެ. މި ރޮބަޓްތަށް ތައްޔާރު ކުރާނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެންނެވެ. ސީދާކޮށް ތައްޔާރުކުރާނެ ރޮބަޓުތަކުގެ އަދަދު ނުބުނި ނަމަވެސް ޖެފް ވިދާޅުވީ އެކަމަށް 1.5 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ.
ޖެފް އިތުރަށް ވިދާޅުވި ގޮތުންނަމަ މުދަލާއެކު ރޮބަޓް ދަނީ އުދުހޭ ޑްރޯންއެއްގެ އެހީގަ އެވެ. މިކަން ކުރާއިރު ވައިގެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ އިންތިޒާމު މިހާރު ވެސް ހަމަޖެހިފައިވާ ކަމަށް ޖެފް ވިދާޅުވި އެވެ. އެމެޒަން އިން މިހާރު ވެސް ވަނީ ރޮބަޓްތައް މުދާ ގެންދާނެ ވައިގެ ސަރަހައްދު މެޕިން ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. މެޕިން ކުރުމުގެ މަސައްކަތް އަދި ކުރިއަށް ދަނީ ފަސް ގައުމެއްގަ އެވެ. މިދިޔަ ދެ އަހަރު ތެރޭގައި ވެސް ކަސްޓަމަރުންނަށް އަވަސް ހިދުމަތް ދިނުމުގެ ބޭނުމުގައި އެމެޒަން ކުންފުނިން ވަނީ ދެ ބިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ.
ރޮބަޓް ބޭނުންކޮށްގެން ޑެލިވަރީގެ ހިދުމަތް ދިނުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. ޖެފް ވިދާޅުވި ގޮތުންނަމަ މިހާރު ނިންމާފައިވަނީ އޯޑަރު ލިބޭތަނުން ފެކްޓަރީން ރޮބަޓް ވައިގެ ތެރެއަށް އުދުއްސާލާށެވެ. އެހެން ކަމުން ގަޑިއެއްގެ ތެރޭގައި 50 އަށް ވުރެ ގިނަ ރޮބަޓް އުދުއްސާލަން ޖެހޭނެ އެވެ. އެމެޒަން ކުންފުނީގެ ހިޔުމަން ކެޕިޓަލްއަށް ބަލާއިރު މިއީ ގޮންޖެހުން ބޮޑު ކަމެކެވެ. އެ ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ހިމެނޭ ގޮތަށް މަސައްކަތް ކުރަމުންދަނީ ފަސް ލައްކަ މުވައްޒިފުންނެވެ.
އަނެއް ގޮންޖެހުމަކަށް ޖެފް ވިދާޅުވީ، ޑެލިވަރީ ކުރާއިރު ސާމާނުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވުމެވެ. އޭނާ ވިދާޅުވީ ރޮބަޓް ގޮވައިގެން ޑްރޯން އުދުހިފައި ދާނީ ފުދޭ ވަރަކަށް ތިރިން ކަމަށް ވުމުން، ޑްރޯން ވައްޓާލުމަށްފަހު ސާމާނު ވަގަށް ނެގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.