ހުޅުމާލޭގައި އެންސިސް ކުންފުނިން ތަރައްގީކޮށްފައިވާ ފެކްޓްރީގެ 400 ވަޒީފާއަކަށް މުވައްޒަފުން ހޯދަން އޯޕަންޑޭއެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.
އެންސިސް ކުންފުނިން ބުނި ގޮތުގައި ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވާ އޯޕަންޑޭއެއް ވީހާވެސް ގިނަ ބަޔަކު އައިސް ވަޒީފާތަކަށް ކުރިމަތިލާން އެދޭ ކަމަށެވެ. އޯޕަންޑޭ އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ އެންސިސް ފެކްޓްރީ ސަރަހައްދުގަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށްދާއިރު ބޮޑެތި މީހުންނަށް ފެކްޓްރީ ދައްކާލުމާއި ކުޑަކުދިންނަށް މެޖިކް ޝޯއެއްވެސް ކުރިއަށްދާނެ ކަމަށެވެ.
ޔޫރަޕާއި ދުނިޔޭގެ އެކި ބާޒާރު ތަކަށް މަސް ބޭރު ކުރާ ގޮތަށް ހަދާ މި ފެކްޓްރީ ތަރައްގީ ކުރަމުން ގެންދަނީ މަސް ފިނި ކުރަން ހާއްސަ 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްއަކާއެކުގަ އެވެ. މިތަން ފަރުމާ ކޮށްފައިވަނީ ފިނި ކޮށާރުގެ ފަސް ކޮށާރު ހުންނަ ގޮތަށެވެ. އަދި މި ފެކްޓްރީއަށް މަސް ކިރުވަން އަންނަ ދޯނި ފަހަރަށް އެއް ފަހަރާ 20 ދޯނި ފަހަރަށް މަސް ކިރުވޭނެ އެވެ.
ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން އެންސިސް ފިޝަރީޒުން ހުޅުމާލޭގައި ހަދާ މަސް ފެކްޓްރީ ހުޅުވާއިރު، އެތަން ވެގެންދާނީ ރާއްޖޭގައި ދަޅު މަސް ބަންދު ކުރަން ހުޅުވާ ތިންވަނަ ފެކްޓްރީ އަށެވެ. މިހާރު ފެކްޓްރީ ހިންގަނީ ސަރުކާރު ކުންފުނި މިފްކޯގެ ފެލިވަރާއި ހޮރައިޒަންގެ މާންދޫ ގަ އެވެ.