ހުޅުމާލޭގައި އެންސިސް ކުންފުނިން ހަދާފައިވާ ދަޅު މަސް ފެކްޓްރީ އަންނަ މަހު ހުޅުވައި، މަސް ދަޅު ބާޒާރަށް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެންސިސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އަވަސް އަށް ވިދާޅުވީ އަންނަ މަހުގެ ތިން ވަނަ ހަފުތާގައި ދަޅު މަސް މާކެޓަށް ނެރެވޭނެ ކަމަށެވެ. އަދި ދަޅު މަހުގެ އަގު ބާޒާރާ އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދުކުރެއްވިއްޔާ އޮކްޓޫބަރު މަހު އެކްސްޕޯޓް ކުރަން ވެސް ފަށާނެ. މިއާއެކު ރާއްޖޭގެ ބާޒާރަށް ވެސް ނެރޭނެ. މިހާރު ޓެސްޓިންތައް ވެސް ޖައްސާ ނިމިފައި ވަނީ،" ވަސީމް ވިދާޅުވި އެވެ.
ޔޫރަޕާއި ދުނިޔޭގެ އެކި ބާޒާރު ތަކަށް މަސް ބޭރު ކުރާ ގޮތަށް ހަދާ މި ފެކްޓްރީ ތަރައްގީ ކުރަމުން ގެންދަނީ މަސް ފިނި ކުރަން ހާއްސަ 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްއަކާއެކުގަ އެވެ. މިތަން ފަރުމާ ކޮށްފައިވަނީ ފިނި ކޮށާރުގެ ފަސް ކޮށާރު ހުންނަ ގޮތަށެވެ. އަދި މި ފެކްޓްރީއަށް މަސް ކިރުވަން އަންނަ ދޯނި ފަހަރަށް އެއް ފަހަރާ 20 ދޯނި ފަހަރަށް މަސް ކިރުވޭނެ އެވެ.
ވަސީމް ކުރިން ވިދާޅުވި ގޮތުގައި މި ފެކްޓްރީގެ ކޯލްޓް ސްޓޯރޭޖް، ފަސް ބަޔަކަށް ހެދުމުގެ މައިގަނޑު ބޭނުމަކީ މުޅިތަން އެއް ފަހަރާ ޖެއްސުމުގެ ބަދަލުގައި މަސް ލިބޭ ވަރަކަށް ބައިތައް ވަކިން އޮޕަރޭޝަންގައި ބާއްވާށެވެ.
"ފެކްޓްރީގައި ހިމެނޭ 1500 ޓަނުގެ މަސް ފިނިކޮށްފައި ބެހެއްޓޭ ކޯލްޓް ސްޓޯރޭޖް [ފިނި ކޮށާރެ] އް ގެ އިތުރުން 25 ޓަނުގެ ކޭނަރީއެއް. މި ކޭނަރީގެ ވަރަށް ބޮޑު ބައެއް މިހާރު ހިންގާ ފެކްޓްރީގެ ބައި ޕްރޮޑަކްޓްތައް [މަސް މަހުން ބާކީވާ ބާވަތްތަކުގެ އުފެއްދުން] ތައް އުފެއްދުން. މީގެ އިތުރުން ކަނޑުމަހުގެ އުފެއްދުންތައް،" ވަސީމް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން އެންސިސް ފިޝަރީޒުން ހުޅުމާލޭގައި ހަދާ މަސް ފެކްޓްރީ ހުޅުވާއިރު، އެތަން ވެގެންދާނީ ރާއްޖޭގައި ދަޅު މަސް ބަންދު ކުރަން ހުޅުވާ ތިންވަނަ ފެކްޓްރީ އަށެވެ. މިހާރު ފެކްޓްރީ ހިންގަނީ ސަރުކާރު ކުންފުނި މިފްކޯގެ ފެލިވަރާއި ހޮރައިޒަންގެ މާންދޫ ގަ އެވެ.