ވިޔަފާރި

އެންސިސް ދަޅު މަސް ބަންދުކުރާ ފެކްޓްރީ މާދަމާ ހުޅުވަނީ

ދަޅު މަސް ބަންދުކުރަން ރާއްޖޭގައި ހަދާ ތިންވަނަ ފެކްޓްރީ މާދަމާ ހުޅުވާނެ އެވެ. ހުޅުމާލޭގައި މި ފެކްޓްރީ ހަދާފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އެންސިސް ފިޝަރީޒުންނެވެ.

ހުޅުމާލެ އިންޑަސްޓްރިއަލް އޭރިއާގައި މާދަމާ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި މި ފެކްޓްރީ ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އެންސިސް ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ މުހައްމަދު ވަސީމް (އެންސިސް ވަސީމް) އަވަސް އަށް މިއަދު ވިދާޅުވީ މިއީ އެ ކުންފުނީގެ ބޮޑު މަސައްކަތެއް ކަމަށެވެ.

"ފެކްޓްރީ ހުޅުމާއެކު މަހުގެ ވެލިއުއެޑެޑް ޕްރޮޑަކްޓްތައް އިތުރުވެގެން ދާނެ،" ވަސީމް ވިދާޅުވި އެވެ.

އެންސިސް ކުންފުނިން ވަނީ މި ފެކްޓްރީގެ ގިނަ ވަޒީފާތަނަށް މީހުން ނަގާފަ އެވެ. އެ ކުންފުނިން 400 އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވާލައި، މީހުން ނަގަން އޯޕަންޑޭއެއްވެސް ބޭއްވި އެވެ.

ވަސީމް ވިދާޅުވީ މި ވަޒީފާތަކަށް ގިނަ އަދަދެއްގެ ދިވެހިން ކުރިމަތިލި ކަމަށާ، ފެކްޓްރީގައި 200 އެއްހާ ދިވެހިން މަސައްކަތް ކުރާނެ ކަމަށެވެ.

"ފެކްޓްރީގެ އެކި މަސައްކަތްތަކުގައި ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން ވެސް މަސައްކަތް ކުރާނެ،" ވަސީމް ވިދާޅުވި އެވެ.

އެންމެ ޒަމާނީ މެޝިނަރީ

ފެކްޓްރީއަށް އެންސިސް ކުންފުނިން 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231 މިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވެ އެވެ. ތައިލެންޑުގެ ކުންފުންޏަކުން މެޝިނަރީ ރާވާފައިވާ މި ފެކްޓްރީ ހަދާފައިވަނީ ހުޅުމާލެ އިން ލިބޭ އެންމެ ބޮޑު ބިމުގަ އެވެ. މިތަނުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން އަށް ހާއްސަކޮށް ފަސް ބުރީގެ ދެ އިމާރާތެއް ހަދާފައިވެ އެވެ. "ޕްރީފެބް" މެޓީރިއަލް އިން ހަދާފައިވާ މި އިމާރާތް ތަކުގައި ދަޅު މަސް އުފައްދާނެ އެންމެ ފަހުގެ އާލާތްތައްވަނީ ގާއިމްކޮށްފަ އެވެ. މިތަނުގައި ކަރަންޓުން މަސް ކައްކާނެ ވަސީލަތްތަކާއި ދަޅުގައި ބަންދު ކުރުމަށްފަހު އަލުން އެ ދަޅުތައް ކައްކާނެ މެޝިނަރީތައް ހުރެ އެވެ. މީގެ ގިނަ މެޝިނަރީ ތަކަކީ އޮޓަމެޓިކުން މަސައްކަތް ކުރާ ތަކެއްޗެވެ.

އެންސިސް ފެކްޓްރީ ކުރުކޮށް:

  • 15 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް
  • ދުވާލަކު 25 ޓަނުގެ ދަޅު މަސް އުފެއްދޭ
  • އެންމެ ޒަމާނީ ވަސީލަތްތައް ފެކްޓްރީގައި
  • ފެކްްޓްރީއިން 400 ވަޒީފާގެ ފުރުސަތު
  • 1500 މެޓްރިކް ޓަނުގެ ފިނި ކޮށާރެއް ހުރޭ
  • 20 ދޯނި ކައިރި ކުރެވޭނެ ބަނދަރެއް

ޔޫރަޕާއި ދުނިޔޭގެ އެކި ބާޒާރުތަކަށް މަސް ބޭރު ކުރާ ގޮތަށް ހަދާ މި ފެކްޓްރީ ތަރައްގީ ކުރަމުން ގެންދަނީ މަސް ފިނި ކުރަން ހާއްސަ 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް (ފިނި ކޮށާރެއް) ހުރެ އެވެ. އެއް ފަހަރާ 25 ޓަނުގެ ދަޅު މަސް ބަންދުކުރޭވޭ މި ފެކްޓްރީގައި މަސް ކެނޑުމަށްފު އުކާލާ، ފެކްޓްރީގެ ބައި ޕްރޮޑަކްޓްތައް [މަސް މަހުން ބާކީވާ ބާވަތްތަކުގެ އުފެއްދުން] ތައް އުފެއްދެން ވެސް ހުރެ އެވެ. އަދި މި ފެކްޓްރީއަށް މަސް ކިރަން އަންނަ އޮޑި ފަހަރަށް ހާއްސަކޮށް 20 ދޯނި ބަނދަރުކުރެވޭ ބަނދަރެއްވެސް ހަދާފައިވެ އެވެ.