އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް އިތުރު 366 މިލިއަން ރުފިޔާ ހިމަނައި، ރަައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރި ކޮމިޓީން ރޭ ފާސްކޮށްފި އެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި 366 މިލިއަން ރުފިޔާ އިތުރަށް ބަޖެޓަށް ހިމަނަން އެ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ޖުމުލަ އަދަދު ވަނީ 37.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ބަޖެޓަށް އިތުރު ކުރި 366 މިލިއަން ރުފިޔާގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމެނިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. އަދި ބައެއް އޮފީސްތަކުގެ ބަޖެޓަށް ވެސް ބައެއް ފައިސާ އިތުރު ކޮށްފައިވެ އެވެ. އެހެންވެ ރިކަރެންޓް ހަރަދު ވެސް އިތުރުވާނެ އެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އެކުލަވާލަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެންބަރުންނާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށެވެ. އެ ކޮމިޓީން ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރު ކުރިޔަސް އެ ގޮތަށް ފާސްވާނީ މަޖިލީހުގެ ތަޅުމުން އެ ގޮތަށް ފާސްކުރުމުންނެވެ.
ބަޖެޓްގެ މުހިއްމު ބައިތައް
- ޖުމްލަ ބަޖެޓް: 37.8 ބިލިއަން ރުފިޔާ
- އާމްދަނީ: 29.9 ބިލިއަން ރުފިޔާ
- ޑެފިސިޓް: 5.9 ބިލިއަން ރުފިޔާ
ބަޖެޓަށް އިތުރު ކުރި އަދަދަށް ފައިސާ ހޯދުމަށް ހަމަޖެހިފައި ވަނީ ޓީބިލް ވިއްކައިގެންނެވެ. އެހެންކަމުން 929 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ޖެހޭނެ އެވެ.
ބަޖެޓަށް އިތުރު ކުރި އަދަދާއެކު، ބަޖެޓް ޑެފިސިޓް ވަނީ 5.9 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. ބަޖެޓް ޑެފިސިޓްގެ ފައިސާ ހޯދަން ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކަން ވަނީ ނިންމައިފަ އެވެ. އިތުރަށް ބޭނުންވާ ފައިސާ ހޯދަން ނިންމާފައި ވަނީ ވެސް ޓީބިލް ވިއްކައިގެންނެވެ.