ކާށިދޫގައި އެއާޕޯޓެއް އެޅޭނެ ގޮތް ހައްދަވައިދޭން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ދަންނަވައި މިނިސްޓަރަށް އޯޑިއޯ މެސެޖެއް ފޮނުއްވައިފި އެވެ.
ޖާބިރު ޕްލޭނިން މިނިސްޓަރު އަސްލަމަށް ފޮނުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުން އުޅެމުންދަނީ އިގްތިސޯދީ ގޮތުން ވަރަށް ދަތީގައި ކަމަށެވެ. ކާށިދޫ އާއި، ގާފަރުގެ ރައްޔިތުންނަށް ކާށިދޫގައި އެއާޕޯޓް އެޅޭނެ ގޮތް ހައްދަވައިދެއްވަން މިނިސްޓަރަށް ދަންނަވައިދޭން އެ ރައްޔިތުން ތަކުރާރުކޮށް އެދެމުންދާ ކަމަށެވެ.
"އާދޭހާއެކު މަނިކުފާނަށް މި ދަންނަވަނީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެބޭފުޅުންގެ ރޮއެފައި އެދުނު މިނިސްޓަރަށް ދަންނަވާށޭ މިތާގައި އެއާޕޯޓެއް އޭޅޭނެ ގޮތް ހައްދަވައި ދެއްވާށޭ. ވަރަށް ދަތީގައޭ މި އުޅެނީ. ވަރަށް އިގުތިސޯދީ ގޮތުން ދަތީގައޭ މިއުޅެނީ. އަޅުގަނޑު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އަމިއްލަ އެއްވެސް އެދުމެއްނެތި ރައްޔިތުންގެ ހައްގުގައި މިވާހަކަ މި ދަންނަވަނީ" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ، އެކަން ނުވާކަމަށްވާނަމަ، މިނިސްޓަރުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި، އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށެވެ. އަދި އެކަން ނުކޮށްދެއްވައިފިނަމަ ބައްލަވާނީ، އެ ދާއިރާގައި ޖާބިރު ހުންނަވާތީ ގަސްދުގައި ދާއިރާގެ ކުރިއެރުމަށް ހުރަސް އަޅުއްވަނީ ކަމަށެވެ.
ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ޖާބިރުގެ މަޖިލިސް ކެމްޕެއިން ތެރޭގައި ވެ ވަޑައިގެންނެވި ވައުދެކެވެ. ޖާބިރު ވަނީ ސަރުކާރުން އެހުއްދަ ދެއްވައި ބިން ދެއްވިހާ އަވަހަކަށް އެއާޕޯޓްގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އެދާއިރާގެ ރައްޔިތުންނަށް ދީފަ އެވެ.