ހަބަރު

ޗުއްޓީގައި ފުރާ އުޅަނދުތައް ފާސް ކުރަން ފަށައިފި

ބޮޑު ޗުއްޓީއާއެކު ރަށްރަށަށް ދަތުރުކުރާ ކަނޑު އުޅަނދުތައް ބަލައި ފާސް ކުރަން އޮޕަރޭޝަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ "އޮޕަރޭޝަން ނިޔާމަ" އަކީ ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީއާ ދިމާކޮށް ހިންގާ އޮޕަރޭޝަނެކެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މި އަހަރުގެ ބޮޑު ޗުއްޓީ ފެށުމާއެކު ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދިމަ ދިމާއަށް ދަތުރުކުރަން ފަށާފައިވާތީ ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލާ އޮޕަރޭޝަން، "ނިޔާމަ" ފަށާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި އުޅަނދު ފަހަރުގައި ޕަސިންޖަރުން އުފުލަން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން އުފުލާތޯ އާއި ސަލާމަތީ ސެޓްފިކެޓްގައި ބަޔާން ކޮށްފައި ހުންނަ ކަންކަން ފުރިހަމަތޯ ކޯސްޓްގާޑުން ބަލާނެ އެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ސެޓްތައް ޗެކް ކުރުމާއި ކެޕްޓަން އަތުގައި ލައިސަންސް އޮތްތޯ ބެލުމާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންތައްތައް ފުރިހަމަތޯ ބެލުން ހިމެނެ އެވެ.