ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(19 ނޮވެމްބަރ 2019 އާ ގުޅޭ)

ސައިކަލު ދިޔަ ދެ މީހުން ފެނި ހޭޒަލް ވެސް އަޖައިބުވިއެވެ. އެހެންވާނީ ކިހިނެއްތޯ ވަގުތުން އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

"ވީރާއަށް ސައިފް އެނގެނީ ކިހިނެއްބާ" ހޭޒަލްއަށް އަހާލެވުނީ ހިތާހިތުންނެވެ.

ހޭޒަލް ފަސްއެނބުރި އެތައް ފަހަރަކު ބެލިއެވެ. ދަރުބާރުގޭ ކައިރީ ސައިކަލު މަޑުކޮށްލުމާއެކު ވީރާއާއި ސައިފް ހެލްމެޓް އަޅައިގެން ނައްޓާލީ ހުޅުމާލެ ބުރިޖާ ދިމާއަށް އަށެވެ.

"ޒެއްލު!" ހޭޒަލްއަށް ވީގޮތެއް ނޭނގި ކުއްލިއަކަށް ބާރަށް އެއްޗެކޭ ބުނެލާފައި އޭނާ ހިމޭންވީތީ ލިއަމް ސުވާލު އުފެދުނެވެ. އޭނާ ދެވަނަ ފަހަރަށް ވެސް ގޮވާލީ ހޭޒަލްއަށް ވީގޮތެއް އޮޅުން ފިލުވައިދޭތޯއެވެ.

"މީހަކު ފެނުނީ... އަނެއްހެން މާބޮޑުކަމެއްނޫން" ހޭޒަލް އާދައިގެ ގޮތަކަށް ބުނެލިއެވެ. ހޭޒަލްގެ ވިސްނުން ހުރީ ފެނުނު މަންޒަރު ލިއަމްއަށް ކިޔައިދިނުމަށްވުރެ ސީދާ ވީރާގެ ގާތުން އޮޅުންފިލުވުމަށެވެ. ސައިފްއަކީ ކާކުކަން ލިއަމްއަށް ވެސް އެނގޭނެއެވެ. ސައިފްގެ ވާހަކަ ހޭޒަލް އޮތީ ލިއަމްއާ ޚިއްޞާކޮށްފައެވެ.

އެތައް އަހަރެއް ފަހުން ބައްދަލުވީއިރު ހޭޒަލްއަށް ވެސް ހީކުރެވުނީ ސައިފްއަށް ވެސް ބަދަލުތަކެއް އަތުވެދާނޭ ކަމަށެވެ. އިހު ހުރި ފީކަޅާ އުޅުން ދޫކޮށްލައި ހަރުދަނާ އަޙުލާގެއްގެ ވެރިއަކަށް ސައިފް ބަދަލުވެދާނޭ ކަމަށެވެ. ޚާއްޞަކޮށް މީހަކާ އިނދެ ދިރިއުޅެއް ފެށީމައެވެ. އަނެއްކޮޅުން މިހާރު ދަރިއަކު ވެސް އެބަހުއްޓެވެ. ނަމަވެސް އެކަން އެހެން ނުވާކަން އެނގެނީ އޭނާއާއި ހޭޒަލްއާ ދެމެދު މިފަހަކުން ބައްދަލުވެ އޭނާ ދައްކާފައި ހުރި ވާހަކަތަކުންނެވެ. ލިއަމްއާ އިނދެގެން ހުރިހާ ދުވަހަކު އޭނާގެ ޢާއިލާއަކީ ހޭޒަލްގެ ވެސް ޢާއިލާ ކަމުގައި ޤަބޫލުކުރެއެވެ. ވީއިރު ޢާއިލާގެ އެއްވެސް މެންބަރަކަށް ދެރަގޮތެއްވާން އުޅޭހެން ހީވާއިރު ދެއަތް އުރާލައިގެން އެ މަންޒަރު ބަލަން ހުރެވިދާނެ ހެއްޔެވެ. ހޭޒަލްއަކީ އެފަދަ ޒުވާނެއްނޫނެވެ. ލިއަމް ގާތު މިއިން އެއްވެސް ވާހަކައެއް ބުނެފިނަމަ އޭނާގެ ނިންމުންތައް ހަރުކަށިވެދާނޭ ހޭޒަލްއަށް ހީވަނީއެވެ. މީހަކަށް ކަމެއް ވިސްނައިދިނުމުގައި ހަރުކަށިން ބޭނުންކުރުމަކުން ނަތީޖާ ރަނގަޅެއްނުވާނެއެވެ. އެހެންވެ ކަމުގެ އަސްލު ވީރާގެ ގާތުން އޮޅުން ފިލުވަން ހޭޒަލް ނިންމީއެވެ.

"ކާކުތަ؟" ލިއަމް އަހާލިއެވެ.

"ވީރާ" ހޭޒަލް ހާމަކުރީ ފެނުނު މަންޒަރުގެ އެއްބައެވެ.

"އޭނާ އަހަރުމެން ތިއްބައެއްނު ގެއިން ނުކުތީ، ވީރާ ފެނިގެންތަ ތިވަރުތިވީ" ލިއަމް ބުނެލިއެވެ. ވީރާ ފެނިގެން ހޭޒަލް އެވަރަކަށް ސިހޭންވީ ސަބަބެއް ލިއަމްއަކަށް ނުވިސްނުނެވެ.

"ގޮވާލަން އުޅުނީ... އެކަމަކު އެމީހުން ނައްޓާލައިފި... އޭނާ ބޯއީފްރެންޑު ކަންނޭނގެ ދެން އިނީ" ހޭޒަލް ބުނެލިއެވެ. ނަސީބަކުން އެކަމާ ލިއަމް އަޅައެއްނުލިއެވެ.

ގެއަށް އައިސް ހޭޒަލް ހެދުން ބަދަލުކޮށްލައިގެން ސިޓިންރޫމަށް ނުކުތެވެ. ލިއަމް އާދައިގެ މަތިން ސޯޓުބުރިއަށް ހަދާލައިގެން އައިސް ސޯފާއަށް ވެއްޓިގަތެވެ. ފޯނު ބަލާލިއިރު މެސެންޖާގައި ދާރިއަންގެ މެސެޖެއް އައިސްފަ އޮތްތަން ފެނުނެވެ. ފާއިތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭ ދާރިއަންއަށް ވެފައި އޮތް އެއްބަސްވުމުގެ މަސައްކަތް ކުރިއަކަށް ނުގެންދެވުނެވެ. ދިރިއުޅުން އޭނާއާ ކުރިމަތިކުރުވި ހާސްކަމުގެ ތެރޭ އޭނާ ހުރީ މަސައްކަތެއް ކުރެވޭ ފަދަ ހާލަތެއްގައެއްނޫނެވެ. ލިއަމްއަށް ވަގުތު ނުދޭން ވެގެން އޭނާ މަސައްކަތު ސާމާނުތައް ހިފައިގެން ބަދިގޭގަ ކާމޭޒު ދޮށުގައި ކިތަންމެ ދުވަހަކު އިނެވެ. ނަމަވެސް ހަދަންފަށާފައި ފޮށީގެ މަސައްކަތް އެންމެ ތަންކޮޅެއް ވެސް ކުރިއަކަށް ނުގެންދެވުނެވެ. ފުންނޭވާއެއް ދޫކޮށްލާފައި ހޭޒަލް ފޯނުގައި އޮތް މެސެޖު ކިޔާލިއެވެ. މަސައްކަތެއް ކުރަންފަށާފައި އެކަން ނުނިންމާ ހުއްޓާލަކަށް ހޭޒަލް ވެސް ބޭނުމެއްނޫނެވެ. ހަމައެއާއެކު ދާރިއަންއަށް ޚަބަރެއް ނުވެ ވަރަށް ދުވަހު ހުރެވިއްޖެކަމުގައި ވެސް ހޭޒަލް ޤަބޫލުކުރެއެވެ.

"އެބަ އަންނަން ފޯނެއްކޮށްލާފަ" ސޯފާގައި އިށީނުމުގެ ބަދަލުގައި ފޯނަށް ބަލަން ހުރެ ހޭޒަލް ބުނެލިއެވެ.

"ކާކަށް" ލިއަމް އަހާލިއެވެ.

"ދާރިއަން... އޭނާ ވަރަށް އަހާ މަސައްކަތް ދިޔައީ ކިހާ ހިސާބަކަށްތޯ، އެންމެ އެއްޗެއް ވެސް އަދި ނުނިންމިގެން މިއުޅެނީ... މާ ގިނަދުވަސް ވެއްޖެ މިކަމުގަ، އޭނާއަށް ޚަބަރެއްނުވެ ނުހުރެވޭނެއެއްނު، އޭނާ ހިތަށް އަރާނެކަންނޭނގެ އަހަރެން ހާދަ ފަރުވާކުޑައޭ" ހޭޒަލްއަށް ބުނެލެވުނީ އަމިއްލަ ހިތަށް އަރަމުންދިޔަ އެއްޗިއްސެވެ.

"އައި ތިންކް ހީ ވިލް އަންޑަސްޓޭންޑް... ޒެއްލުއަކީ ފަރުވާކުޑަ މީހެއްނޫން، ވަޓް އެވާ ޔޫ ޑޫ، ޔޫ އޯލްވޭޒް ގިވް ޔޯ ބެސްޓް، ޑޯންޓް ވޮރީ... އަހަރެންގެ ހެލްޕެއް ބޭނުންތަ؟" ލިއަމް އަހާލިއެވެ. އޭނާގެ ވާހަކަތަކުން ހޭޒަލްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ހޭޒަލް ބޭނުންވަނީ އެފަދަ ހިތްވަރެއްކަން ލިއަމްއަށް އެނގޭ ކަހަލައެވެ.

ހުޅުވާފައި ހުރި ޓީވީގެ އަޑުން އެއްފަރާތްވެލުމަށް ހޭޒަލް އައީ ބަދިގެއާ ދިމާއަށެވެ. އައިލޭންޑްސް ކައިރީ ހުރި އުސްގޮނޑިތަކުން ގޮނޑިއެއްގައި އޭނާ އިންއިރު ސިޓިންރޫމު ސޯފާގައި އިން ލިއަމްއަށް ހޭޒަލް ފެނެއެވެ. ދާރިއަންއަށް ގުޅައިގެން މާގިނައިރަކު ހޭޒަލް ނީނެވެ. ދާރިއަން އެދުނީ ދެ މީހުން ބައްދަލުވެ ވާހަކަ ދައްކާލުމަށެވެ. ހޭޒަލް ވެސް ހިތަށް އެރީ އެގޮތް ރަނގަޅުވާނޭ ކަމެވެ. ފޯނުން ވާހަކަދެއްކުމަށްވުރެ ކުރިމަތީ ދެ މީހުން ތިބެ ދައްކާ ވާހަކަ ޤަބޫލުކުރަން ފަސޭހަވާނޭ ކަމެވެ. ކުރަންފަށާފައި އޮތް މަސައްކަތް ކުރިއަށް ނުދާތީ ދާރިއަން ހުންނާނީ ހިސާބަކަށް ހިތްހަމަނުޖެހިފައިހެން ހޭޒަލްއަށް ހީވާތީއެވެ.

ދާރިއަންގެ ކޯލު ނިންމާލާފައި ސޯފާގައި އިން ލިއަމްއަށް ހޭޒަލް ބަލާލިއެވެ. އޭނާގެ ސިކުނޑީގައި އިތުރު ޚިޔާލެއް ވިއެވެ. ލިއަމް ގާތަށް ދިއުމުގެ ކުރީން އޭނާގެ "ކޮންޓެކްޓް ލިސްޓް"އިން ވީރާގެ ނަންބަރު ހޯދާލިއެވެ. ހޭޒަލްއާއި ވީރާއަކީ ޢާންމުކޮށް ވާހަކަދައްކާ ދެ މީހުންނެއްނޫނެވެ. އެކަކުއަނެކަކާ މާބޮޑު ކަންތައްތަކެއް ޚިއްޞާ ކުރެވިފައެއް ވެސް ނެތެވެ. އެހެންވިޔަސް ހޭޒަލް ގަސްދުކުރީ އޭނާ އިސްނަގާށެވެ. ފޯނުކޯލު ރިންގުވެފާ ކެނޑުނީއެވެ. ހޭޒަލް ދެން ބަލާލީ ގަޑިއަށެވެ. ރޭގަނޑު އަށެއްޖަހައިފިއެވެ. އަނެއްކާ ވެސް ވީރާއަށް ހޭޒަލް ގުޅިއެވެ. ކޯލު ކެނޑުނެއްކަމަކު މިފަހަރު އޭނާ މެސެޖުކުރިއެވެ. މިވަގުތު ބިޒީކަމާއި "ޓެކްސްޓް"ކޮށްލަދިނުމަށް އެދިފައި އޮތެވެ.

"މޭބީ ޝީ އިޒް ސްޓިލް ވިތް ހިމް" ހޭޒަލް ވިސްނާލިއެވެ. އަދި ވީރާއަށް މެސެޖުކޮށްލީ ވަގުތުވީމާ ހޭޒަލްއަށް ގުޅާލަ ދިނުމަށެވެ.

* * * * *

ފޯނު ކޯލު ނިންމާލާފައި އެނބުރިލި އިޝްވާއަށް ދޮރުމަތީ ހުރި ދާރިއަން ފެނުނެވެ. އެ ޢާއިލާގެ ތެރެއަށް އިޝްވާ ތަޢާރަފުކޮށްދެވުމާއެކު ޒުކަންއާއި އިބާގެ ދަޢުވަތަށް އެގެއަށް އަންނަންޖެހޭލެއް ގިނަވިއެވެ. ދާރިއަންއާއި އައިކުގެ ފަރާތުން ވެސް ފެނުނީ އެކުވެރިކަމެވެ. އައިކުގެ ސުވާލުތައް ހުސްނުވިއިރު ދާރިއަން އަމިއްލަ ތަޢާރަފަށް ހަމައެކަނި ނަން ބުނެލުން ފިޔަވާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. މިއަދު މީ އިޝްވާ އެގެއަށް އައީ ހަތަރުވަނަ ފަހަރެވެ.

"ޑްރޮޕްކޮށްލަ ދޭން ބައްޕަ ބުނީ" އިޝްވާ ބަލާލުމުން ދާރިއަން ބުނެލިއެވެ. އިޝްވާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.
ޑްރައިވަރު ސީޓުގައި ދާރިއަން އިންއިރު އޭނާއާ ޖެހިގެން ކާރުގެ ސީޓަށް އިޝްވާ އެރިއެވެ. ކާރު ދުއްވާލުމާއެކު އެ ދެމެދުގައި އޮތް ހިމޭންކަން ނަގާލީ އިޝްވާއެވެ.

"ދާރިއަންގެ ގާލްފްރެންޑްތަ ނޫނީ ޖަސްޓް ފްރެންޑެއްތަ ދައްތައާއެކު އެ އިނީ" އިޝްވާ އިޝާރާތް އެކުރީ އިބާއާއެކު ސިޓިންރޫމުގައި އިން ސާރާއަށެވެ.

"ކޮންއިރަކުން ކްލިނިކް ހުޅުވަނީ، ބައްޕަ ބުނި ރެޖިސްޓްރޭޝަން ކަންތައް ނިމިއްޖެއޭ" ދާރިއަން ފެށީ މުޅިން އެހެން ވާހަކައެކެވެ. އޭނާ ގަސްދުގައި ކުރިކަމެއްކަން އިޝްވާ ދެނަގަތެވެ. ލުއިގޮތަށް އޭނާ ހީނލީ އެހެންވެއެވެ.
"ޔޯ ޑޯންޓް ލައިކް ދެޓް ޓޮޕިކް، އައި ގެޓް އިޓް" ހިނިއައިސްފަ އިނދެ އިޝްވާ ބުނެލިއެވެ. އޭނާއާ އަވަސް ނަޒަރެއް ބަދަލުކޮށްލި ދާރިއަންގެ ތުންފަތުގައި ވެސް ފަނޑު ހިނިތުންވުމެ ވިއެވެ.

"އޭނަ ވަރަށް ރީތި އިނގޭ، އޭނާ ދާރިއަންއަށް ބަލާ ގޮތް ވެސް އަހަރެން ދުށީން، ފަހަރެއްގަ މީ އަހަންނާ ބެހޭ ކަމެއްނޫންކަންނޭނގެ، އެހެންވިޔަސް ބުނެލީ... ކްލިނިކް ދޯ!... ޑެޑީއާއި ބައްޕަ އުޅެގެން އެހާ އަވަސް އެވީ، ތަނެއް ވެސް ލިބިއްޖެ، މިނިސްޓްރީއިން ބަލަން ވެސް އަންނާނެކަމަށް ބުނީ... ވަރަށް ބައިވަރު ކަންކަން އެބަހުރި ކުރަންވެފައި" އިޝްވާ ބުނެލިއެވެ. އޭނާގެ މިޒާޖާއި ވާހަކަދެއްކުމުގައި ގެންގުޅޭ އުސޫލުތައް ދާރިއަންއަށް ވަރަށް ކަމުދިޔައެވެ. ދައްކާ ވާހަކައާ އެއްވަރަށް އިޝްވާގެ ދެއަތް ވެސް ހަރަކާތްކުރެއެވެ. ބައެއްފަހަރަށް އައިކުގެ ފުށުން ފެންނަ ފަދަ މަޖާ ގޮތް އިޝްފާގެ ފުށުން ވެސް ފެންނަހެން ދާރިއަންއަށް ހީވެއެވެ.

"އަހަރެން ކީއްކޮށްދޭންވީ" ދާރިއަން އަހާލިއެވެ.

"ކްލިނިކްގެ އިންޓީރިއާ ހަދައިދޭންވީ" ހޭޒަލް ބުނެލި ގޮތުން ހީވީ ދާރިއަން ނާހައިގެން އިން ހެނެވެ. މިފަހަރު ދާރިއަން ތަންކޮޅެއް ބޮޑަށް ހީނލެވުނެވެ. އަދި ބޯޖަހާލީ އިޝްވާ އެދުނު ކަންތައް ކޮށްދޭނަމޭ ބުނާ ފަދައިންނެވެ.

އިޝްވާގެ ގެއާ ހަމައަށް އާދެވެންދެން ދާރިއަންއާއި އިޝްވާގެ ދެމެދުގައި މީގެ ކުރީން ނުދެކެވޭހާ ގިނަ ވާހަކަ ދެއްކިއެވެ. އައިކުއަކީ ހުޅުވިފައި އޮތް ފޮތެއް ކަހަލަ ޒުވާނެކެވެ. އޭނާ އެއްވެސް ވާހަކައެއް ދައްކާކަށް ޖެހިލުމެއްނުވެއެވެ. އެކަމަކު ދާރިއަންގެ ފަރާތުން އެނގެނީ އޭނާ ހާމަކުރި ކަމެއް އެކަންޏެވެ. ދާރިއަންއާ މެދު ތަފާތު ޝައުގުވެރިކަމެއް އިޝްވާގެ އުފެދުނީ އެހެންވެއެވެ. ދާރިއަން ހާމަނުކުރާ ކަންކަން އެނގެން އިޝްވާ ބޭނުންވެއެވެ. ފަހަރެއްގައި އޭނާ ޚާއްޞަވެފައިވާ ދާއިރާގެ ގޮތުން ކަމަށް ވެދާނެއެވެ.

ހަވީރުގެ ވަގުތެވެ. އިޝްވާ ގެއަށް ލާފައި ދާރިއަން އައިއިރު ވެސް ސާރާ އެގޭގައި އުޅެއެވެ. ނަމަވެސް ދާރިއަން އަވަސްވެލީ ކޮޓަރިއަށް ވަދެ ފެންވަރާލާށެވެ. ސާރާ އަތުވެދާނޭތީ ކޮޓަރީގެ ދޮރު ތަޅުލަން ދާރިއަން އިސްކަމެއް ދިނެވެ. އޭނާ ތައްޔާރުވެގެން ކޮޓަރިން ނުކުތްއިރު ސާރާ އެ ކޮޓަރިއާ ދިމާއަށް އަންނަނީއެވެ.

"ވާއު!... ހާދަ މީރުވަސް ދުވައޭ، ކޮން ސެންޓެއް؟" ސާރާ ނޭފަތް ދަމާލަމުން ހަށްޓަށް އަރާމުވީ ފަދަ އަސަރުތައް ފާޅުކޮށްލިއެވެ.

"ކޮންއިރަކުން ސާރާ ގެއަށްދަނީ" ދާރިއަން އަހާލިއެވެ.

"ދެމީހުން ވާހަކަދައްކާލާނޭ ވަގުތެއް އަދިނުވޭ... އަހަރެން މިއައީ ރިއާންއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން" ގެއަށްދާން ބޭނުންނުވާކަން ސާރާ ހާމަކޮށްލިއެވެ.

"އަހަރެން މިދަނީ ބޭރަށް" ދާރިއަން ބުނެލިއެވެ.

"ކޮންތާކަށް" މާޔޫސްކަމާއެކު ސާރާއަށް އަހާލެވުނެވެ.

"މީހަކާ މީޓުކޮށްލަން... އައި ހޭވް ޓު ގޯ" ދާރިއަން މިހެން ބުނެ ހިނގައިގަތީއެވެ. ހައިރާންވެފައި ސާރާއަށް ބަލަން ހުރެވުނީއެވެ. ދާރިއަންގެ އެއްވެސް ފަރުވާލެއް އޭނާއަކަށް ނެތެވެ. ކުސްތަޅައި ގަތުމާއެކު ޝަކުވާކުރަން ސާރާ ބޭނުންވިއެވެ. ކޮންމެގޮތަކުން ވިޔަސް ދާރިއަންގެ ސަމާލުކަން ހޯދަން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާއަށް ކަމެއް ނުކުރެވިގެން އުޅެނިކޮށް ދާރިއަން ހަލުވިކޮށް ގޮސް މައިދޮރާ އަރާ ހަމަވެއްޖެއެވެ. ތުންއޫކޮށްލުމާއެކު ހިތްހަމަނުޖެހިފައި ހުރެ ސާރާ އެނބުރި އައީ ސިޓިންރޫމަށެވެ.

* * * * *

މޭޒުދޮށުގައި އެކަނި އިންނަން ވުމުން ހޭޒަލް ކޮފީއަކަށް އޯޑަރު ދިނެވެ. އުދަރެސް ފެންނަނީ އެހެން ދުވަސްދުވަހަށްވުރެ ބަނަކޮށެވެ. ފަޒާގައި ވެސް ވަނީ ތެތްފިނި ކަމެވެ. ރެސްޓޯރެންޓުގެ ހާމަ ޑެކުގައި މޭޒުތައް ފެންނަނީ ހުހަށް ހުރިތަނެވެ. ހޭޒަލް އެތަނަށް އެރިއިރު މޭޒެއްގެ ދޮށުގައި ހަމައެކަނި ތިބި ގުރޫޕު ވެސް މޭޒުދޮށުން ތެދުވީއެވެ. މިހާރު އެތަނުގައި އިނީ އޭނާ އެކަންޏެވެ. ހެޑްސެޓް ފޯނާ ގުޅާލުމާއެކު ކަންފަތަށް ހެޔޮވަރު ކޮށްލިއެވެ. ފޯނުގައި ހުރި ލަވަތަކުން ހިންދީ ލަވަ ހުރި ޕްލޭ ލިސްޓުން ލަވަތައް އަޑުއަހަން ފެށިއެވެ. ހިތްގައިމު ލަވައިގެ ސަބަބުން ހޭޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ. މޭޒުގައި އުޅަންބޮށިކޮޅު ޖައްސާލައި އަތްތިލާގައި ދޮޅި ޖައްސާލައިގެން ހޭޒަލް އިނީ ކަމަކަށް ގެއްލިފައި އިން މީހަކު ފަދައިންނެވެ. އެހެން އިންދާ ވެއިޓަރަކު ކޮފީތަށި ގެނެސް މޭޒުމަތީ ބަހައްޓާފައި ހިނގައްޖެއެވެ. ހޭޒަލް ނޭފަތް އެތެރެއަށް ދަމާލައި ކޮފީގެ ވަހުން ހަށިފުރާލި ކަހަލައެވެ. ދުން އަރައަރާ ހުރި ކޮފީތަށީގައި އެހާ އަވަހަށް ތުންޖެހުމުގެ ވިސްނުމެއް ހޭޒަލްގެ ނެތެވެ. އޭނާ އިންގޮތަށް އިނީ އެހެންވެއެވެ.

ކޮފީގެ ވަހާއި މާޙައުލުގަވީ ވަހުގެ ތެރެއިން ދުވި ފިރިހެން ވަސް ހޭޒަލްގެ ސަމާލުކަން ހޯދިއެވެ. ހަށިގަނޑުގެ ހިއްސުތަކަށް އެވަހުން އަސަރު ފޯރީއެވެ. މޫނު އަނބުރާލެވުނީ އެ ވަސް އަސްލު ހޯދުމަށެވެ. އެހިނދު ލޮލާ ލޯ އަމާޒުވީ އޭނާގެ ދާދި ގާތުގައި ހުއްޓިލި ޒުވާނާއާއެވެ. ވަގުތުން ދެމީހުންނަށް ވެސް ހިނިތުންވެވުނެވެ.

"ކޮންތާކުތަ ތިއުޅުނީ... ކީއްވެތަ ރިޕްލައިއެއް ނުދީ މިހާ ދުވަސްވީ" ހޭޒަލްއާ ކުރިމަތިވާނޭހެން މޭޒުދޮށުގައި ދާރިއަން އިށީނެވެ.

"ޕާސަނަލްކަމެއް ދިމާވީ... ސޮރީ އިނގޭ" މޫނަށް ގޮތެއް ހަދާލަމުން ހޭޒަލް ބުނެލިއެވެ.

"ނައު އޯކޭތަ؟" ދާރިއަން އަހާލިއެވެ. އޭގެ ޖަވާބުގައި ހޭޒަލް ބޯޖަހާލީއެވެ.

"ލަސްވެއްޖެ ދޯ..." އަތުކުރީ ގަޑިއަށް ބަލާލައި ދާރިއަން ބުނެލިއެވެ. އަދި އެ މޭޒު ކައިރިއަށް އައި ވެއިޓަރަށް ކޮފީއެއް ގެނެސް ދިނުމަށް އޭނާ ބުނެލިއެވެ.

ހޭޒަލްއާއި ދާރިއަންގެ ދެމެދުގައި އެހެންޏާ ވެސް ދެކޭ ފަދަ ވާހަކަ ކުރިއަށް ދިޔައެވެ. އެހެންވިޔަސް ދާރިއަން އިނީ ވަރަށް ހަމަޖެހިފައެވެ. އޭނާ ހިނިތުންވާލެއް ގިނައެވެ. ޚާއްޞަކޮށް އެތަނުގެ އެމީހުން ނޫން ބަޔަކު ނެތުމުން ދާރިއަން ވަކިންބޮޑަށް ހިތްހަމަޖެހުނެވެ. އޭނާ ސަމާސާ ވާހަކަތައް ދައްކަމުން ދިޔައިރު ހޭޒަލްގެ އަތްތިލައިގަ ހިފާލީ އޭނާގެ ސަމާލުކަން އެކަމަށް ނުހުއްޓޭނޭވަރު ބަލައިގެންނެވެ. ހޭޒަލްގެ އިނގިލިތައް ހިމަވާހަކައާއި ނިޔަފަތިތައް ހުންނަ ގޮތް ވަރަށް ރީތިކަމަށް ބުނެ އެ އަތްތިލައާ ދާރިއަންގެ ދެއަތުން ކުޅެލައެވެ. ރަކި ގޮތަކަށް ހެމުން ދާރިއަންގެ ތާރީފުތަކާ ހޭޒަލް ދެކޮޅު ހަދައެވެ.

"މި ފްރެންޑްޝިޕް ބްރޭކްވެދާނެތަ؟" ދާރިއަން އަހާލިއެވެ.

"ކީއްވެ ބްރޭކްވާންވީ" ހޭޒަލް ސުވާލު އުފެދުނެވެ.

"ޔޯ ހަޒްބަންޑް އަހަރެންދެކެ ހިތްހަމަނުޖެހިދާނެއެއްނު... އޭނަ ބުނެފިއްޔާ ހޭޒަލް އަހަންނާ ވާހަކައެއް ނުދައްކާނަންތަ" ދާރިއަން ބުނެލިއެވެ. ހޭޒަލް ލިބުނީ ހައިރާންކަމެވެ. ދާރިއަން އެ ދައްކަނީ މީގެ ކުރީން ނުދައްކާ ކަހަލަ ވާހަކަތަކެކެވެ.

"ލިއަމް ޓްރަސްޓްކުރޭ އަހަންނަށް... އޭނާއަކީ އެހާ ނުވިސްނޭ މީހެއްނޫން، އަލަކަށްނޫނެއްނު އަހަރެމެން މީޓުވަނީ، އޭނާ ހިތްހަމަނުޖެހޭނަމަ މިހާ ދުވަސްވީއިރު ނުބުނެއެއް ނުހުންނާނެ، އޭނާއާއެކީ ދޯ މިތަނަށް މިއަންނަނީ... ދާރިއަން ބުނެފިއްޔާ އަހަރެމެންނާއެކު ކޮފީގަ ލިއަމް ބައިވެރިވެދާނެ" ހޭޒަލް ބުންޏެވެ.

"ނޫން!... ދެން އަޅާނުލާ..." ލިއަމް ބައިވެރި ކުރުމުގެ ޚިޔާލެއް ދާރިއަންގެ ނެތެވެ. ދެއްކުނު ވާހަކައިގެ ތެރެއަށް ލިއަމް ވެއްދުނީ ޚުދު އޭނާއަށެވެ. އެކަމަކު ލިއަމްގެ ނަން ހޭޒަލް ބުނުމުން އެކަމާ އެއްވެސް ވަރަކަށް ދާރިއަން ގަޔާއެއްނުވިއެވެ. ދެކެވެމުންދިޔަ ވާހަކަ އަވަހަށް ހުއްޓާލީ އެހެންވެއެވެ. މީގެ ކުރިން ވެސް އެ ދެމެދުގައި ލިއަމްގެ ވާހަކައެއް އެއްވެސް ވަރަކަށް ދެކެވިފައެއް ނުވެއެވެ. ފޫހިކަމެއް ނަފްސަށް ލިބުނީ ހޭޒަލްއާ ލިއަމް ގުޅިފައިވާ މިންވަރު ދާރިއަންއަށް އެނގޭތީއެވެ. އެއީ ހަޤީޤަތަށްވީމައެވެ.

"އަހަރެން ވާހަކަދެއްކުން ހުއްޓާލައިފިއްޔާ... ދެރަވާނެތަ؟" އިރުކޮޅަކު ހިމޭނުން އިނދެފައި ބުނެލިއެވެ.

"އިޓްސް ޔޯ ޗޮއިސް... އެކަމް ސަބަބު އެނގެން ބޭނުންވާނެ" ހޭޒަލް މިހެންބުނެ ބޯއަރިކޮށްލިއެވެ.

ވާހަކައިގެ މިސްރާބު ދާރިއަން ގެންދަން އުޅެނީ ކޮންދިމާއަކަށް ކަމެއް ހޭޒަލްއަށް ނުވިސްނުނެވެ. އެހެންވިޔަސް އޭނާ އިނީ ދާރިއަން ދައްކާ ކޮންމެ ވާހަކައެއް ކަނުލާ އަޑުއަހާށެވެ. އޭނާ ސުވާލެއްކޮށްފިނަމަ ޖަވާބުދެނީ އެކަމާ ވިސްނާފައެވެ.

ދާރިއަންއާއެކު ކޮފީގައި އިންދާ ހޭޒަލްއަށް ވީރާ ގުޅިއެވެ. ހޭޒަލް ބައްދަލުކޮށްލަން ބޭނުންވާކަން ހާމަކުރުމުން އޭނާ ފުރަތަމަ ވެސް އެނގެން ބޭނުންވީ ބައްދަލުކުރާ ސަބަބެވެ. ހޭޒަލް ބުނީ ވާހަކައެއް ދައްކާލަން ކަމަށެވެ. ފޯނުން ދެއްކޭ ކަހަލަ ވާހަކައެއްނޫންވީމައެވެ. ހޭޒަލް މެންގެއަށް އިރުއޮއްސޭކަން ހާއިރު ދާނޭކަމަށް ވީރާ ބުންޏެވެ. ދާރިއަންގެ އަތުގައި ހިފައި ގާތަށް ދަމާލައި އަތުކުރީ އޮތް ގަޑި ހޭޒަލް ބަލާލިއެވެ. އަދި މިވަގުތު އޭނާ އެ ހުރީ ގެއަކު ނޫންކަމާއި ހައެއް ޖަހަންވާއިރަށް ގެއަށް ވަންނާނަންކަން ވީރާ ގާތު ބުނެލިއެވެ. ހޭޒަލްގެ އެ ހަރަކާތް ދާރިއަންއަށް ނަގައިގަނެވުނީ ވަރަށް ޚާއްޞަ ކަމެއްގެ ގޮތުގައެވެ.

"އަހަރެންގެ މީހަކަށްވާންވީނު" ދެތުންފަތް ބައްދާލައިގެން އިން ދާރިއަންގެ ނަޒަރު ހޭޒަލްއަށް ހުއްޓިފައިވީއިރު އެ ހިތުގައިވިއެވެ.

"ލިއަމްގެ ސިސް ގުޅީ... ސިކްސްގަ ގެއަށް ދާންޖެހޭ" ފޯނުކޯލު ނިންމާލައި ދާރިއަންއަށް ބަލާލަމުން ހޭޒަލް ބުނެލިއެވެ.

* * * * *

ވީރާ ދެއްކި ގޭ ކައިރީ ސައިކަލު މަޑުކޮށްލި ސައިފްއަށް ލިބުނީ ހައިރާންކަމެވެ. އެއްފަހަރާ އެތައް ސުވާލެއް ސިކުނޑިތެރޭ އެނބުރިގަތެވެ. ވީރާ އައި ގެއަކީ ހޭޒަލްއާ ބައްދަލުވި ގެއަށް ވީމައެވެ. ފުރަތަމަ ވެސް ހިތަށް އެރީ ވީރާއަށް ހޭޒަލް އެނގޭބާއެވެ. ނުތަނަވަސްކަމާއެކު ސައިފްގެ ހިތަށް ލިބުނު ހާސްކަން އިތުރުވިއެވެ. ވީރާއާއި ހޭޒަލްއަކީ ރައްޓެހިންނަށްވާކަށް އެއްގޮތަށް ވެސް ސައިފް ބޭނުމެއްނޫނެވެ. އެހެންވެއްޖެއްޔާ ކަންތައްތައް ވަރަށް ގޯސްވެދާނޭ ސައިފްގެ ޟަމީރު ވެސް އެއްބަސްވިއެވެ.

(ނުނިމޭ)