ލ. ގަން

ލ. ގަމުން ގޯއްޗަށް އެދުނު މީހުނަށް ލިބުނު ޕޮއިންޓްތައް އާންމުކޮށްފި

ލ. ގަމުން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯއްޗަށް ކުރިމަތިލާފައިވާ މީހުންނަށް ލިބުނު ޕޮއިންޓްތަކުގެ ތަފްސީލް ހިމެނޭ ލިސްޓް އެ ރަށު ކައުންސިލުން އިއްޔެ އާންމުކޮށްފި އެވެ.

ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެ ރަށުން ދޫކުރުމަށް މިދިޔަ އޮގަސްޓް މަހު އިއުލާން ކުރީ، އެ ރަށުން ގޯތި ދޫކުރުމަށް އިއުލާން ނުކުރާތާ 10 އަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އެ ގޮތުން އިއުލާން ކުރީ 2،000 އަކަފޫޓުގެ 400 ގޯއްޗަށެވެ.

ގަމުން ގޯތި ދޫނުކުރާތާ އެހާ ގިނަ ދުވަސް ފަހުން ގޯތި ދޫކުރުމަށް އިއުލާން ކުރުމުން ގޯއްޗަށް އެދި ހުށަހަޅާނެ ގިނަ ބަޔަކު ތިބޭނެ ކަމަށް ލަފާ ކުރެވޭތީ އެ ރަށު ކައުންސިލުން ނިންމީ ޕޮއިންޓް ދޭ އުސޫލުން، އެންމެ މަތިން ޕޮއިންޓް ލިބޭ 400 ފަރާތަށް ގޯތި ދޫކުރުމަށެވެ.

ގަމު ކައުންސިލްގެ އިދާރާއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ ރަށުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކަށް ކުރިމަތިލާން ފޯމް ހުށަހެޅި މީހުނަށް ޕޮއިންޓް ދޭ އުސޫލުން ޕޮއިންޓް ދިނުމުގެ މަރުހަލާ ނިމިފައިވާ ކަމަށެވެ.

ލިބިފައިވާ ޕޮއިންޓްތަކުގެ ތަފްސީލް ހިމެނޭ ލިސްޓް އެ ކައުންސިލްގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ. ލިސްޓުގައިވާ ގޮތުން 400 ގޯއްޗަށް 1376 މީހުން ކުރިމަތިލާފައިވެ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ގަމު ކައުންސިލުން އެ ރަށުން ގޯތި ދޫކުރުމަށް މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އެ ކަމަށް ހުއްދަ ނުދީ ހައުސިން މިނިސްޓްރީން އޭރު ހިފަހައްޓާފައި އޮތީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް ކައުންސިލުން ގޯތި ދޫކުރަމުންދާ ކަމަށް ބުނެ އެވެ.

ތަނަވަސް ބޮޑު ބިމެއް އޮންނަ ގަމުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭރު 3000 އަށްވުރެ ގިނަ ގޯތި ދޫކުރިއިރުގައި، މާލެއާއި އެހެން ބައެއް ރަށްރަށުގެ ރަށްވެހިންނަށް ވެސް ގޯތި ދޫކުރި އެވެ. އެކަމަކު އޭގެ ތެރެއިން މިހާތަނަށް ވެސް ދިރިއުޅެން ފަށާފައި ވަނީ 700 އެއްހާ ގޭގައި ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.