ޑރ. މުހައްމަދު ޖަމީލް އަހުމަދު

މަޖިލީހުން ރިޕޯޓްގެ އިތުބާރު ގެއްލުވާލައިފި: ޖަމީލް

ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓްގެ މައްޗަށް އިތުރު ނިންމުމެއް ނިންމުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހަށް ލިބިގެންނުވާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ އަފްރާޝީމް އަވަހަރާކޮށްލި މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ދިރާސާ ކުރުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ އިން އެކުލަވާލި ސަބް ކޮމެޓީގެ ރިޕޯޓެއް އެކުލަވާލާ އެ ރިޕޯޓްގައި އަޅަންޖެހޭ ފިޔަވަޅުތަކެއް ފާހަގަކޮށްފައިވަނިކޮށެވެ.

ކޮމެޓީގެ އެ ނިންމުންތަކަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ އަފްރާޝީމް މަރުގެ ރިޕޯޓްގެ މައްޗަށް އިތުރު ނިންމުމެއް ނިންމުމުގެ ބާރެއް މަޖްލީހަށް ލިބިގެންނުވާ ކަމަށެވެ. ޖަމީލް ވިދާޅުވީ އަފްރަޝީމްގެ ރިޕޯޓްވެފައިވަނީ އެމްޑީޕީން ކޮންޓްރޯލްކުރާ ހަތިޔާރަކަށް ކަމަށެވެ. އަދި ރިޔާސީ ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން މަޖިލީހުން އަމަލުކުރާ ގޮތުން އެ ރިޕޯޓްގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

"އަފްރާޝީމް މަރުގެ ރިޕޯޓްގެ މައްޗަށް އިތުރު ނިންމުމެއް ނިންމުމުގެ ބާރެއް މަޖިލީހަށް ލިބިގެންނެއް ނުވޭ. އެމްޑީޕީ ކޮންޓްރޯލްކުރާ ހަތިޔާރަކަށް މި ރިޕޯޓް ވެއްޖެ. ރިޕޯޓްގެ އިތުބާރު ގެއްލިއްޖެ. ލާޖައްސާ އުސޫލުން ރިޕޯޓާ މެދު ކަންތައްކުރުމަކީ ރޭވުމެއް." ޖަމީލް ވިދާޅުވި އެވެ.

އަފްރަޝީމްގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ޓެރަރިޒަމްގެ ހަރަކާތްތަކަށް ސަލަފު ޖަމިއްޔާ ވާގިދޭ ކަމަށް ބުނެ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގެ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ކުރިއަށްދާ ކަމަށް މަޖިލީހުގެ ރައީސް އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދި އެ ރިޕޯޓްގެ މަސައްކަތް ސިއްރުން އެ ކޮމެޓީން ވަނީ ކޮށްފައެވެ. އެ ރިޕޯޓްގައި ސަލަފަކީ ޖިހާދީ ޖަމާއަތެއް ކަމަށް ވަނީ ބުނެފައިވެއެވެ. އަދި އެ ޖަމާއަތް އުވާލުމުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށްވެސް ލަފާދީފައިވެއެވެ.

އަދި އެނޫންވެސް އެތައް ބައެއްގެ ނަން ހިމަނާ އެ މީހުންނާމެދު ފިޔަވަޅު އެޅުމަށްވެސް ލަފާދީފައިވެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިސްވެ ހުންނަވާ އެކުލަވާލި އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާ މަޖިލީހުން ގޮތްތަކެއް ނިންމާނެ ކަމަށް ބެލެވެއެވެ.