ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓަށް ތިން ފަނޑިޔާރުން ހޯދަނީ

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވުމާއި ގުޅިގެން އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ހުންނަން ޖެހޭ ޝަރުތުތައްވެސް ބަޔާންކޮށްފައެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ހުންނަންޖެހޭ ޝަރުތުތައް

  • މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
  • ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން.
  • ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހްލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން.
  • އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.
  • އުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން

ޖޭއެސްސީން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ބޭފުޅަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި އަދި އެ ސެޓްފިކެޓަކީ ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެ ކަމަށެވެ.

އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ބޭފުޅަކަށްވެސް ވާންޖެހޭނެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރުމުންނެވެ. ޖޭއެސްސީން އެދިގެން އެ ދެ ފަނޑިޔާރުން ވަކިކޮށްފައިވަނީ މަޖިލީހުގައި ނެގުނު ވޯޓަކުންނެވެ.

އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް މަގާމު ގެއްލުމުގެ ބިރު އޮއްވާ ފަނޑިޔާރު އާދަމް އަރީފް ރޭ ވަނީ ކުއްލި ގޮތަކަށް އިސްތިއުފާދީފައެވެ. އަދި ފަނޑިޔާރު އަބްދުލްގަނީވެސް މަގާމުން ވަކިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ކުރިން މަޖިލީހުން ވަނީ ފަނޑިޔާރު ފަނޑިޔާރު އަބްދުﷲ ޑީޑީވެސް މަގާމުން ވަކިކޮށްފައެވެ.

މި ސަރުކާރު ވެރިކަމަށް އައިސް އަހަރު ދުވަސްވީއިރު ސުޕްރީމް ކޯޓް މިވަނީ އެއްކޮށް ބަދަލުވެފައެވެ.