ބޮލީވުޑް

ގިނަ ދުވަސްތަކަކަށް ފަހު ރިޝީ އާއި ނީތޫގެ ފިލްމެއް

ރިޝީ ކަޕޫރާއި ނީތޫ ސިންގް އަކީ ހަތްދިހައިގެ އަހަރުތަކުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ގަދަޔަށް ފިޔަޖެހި ޖޯޑެކެވެ. ގިނަ ޒަމާންތަކެއް ވަންދެން ފިލްމެއްގެ ލީޑް ރޯލުން ނުފެނި ތިބުމަށްފަހު މި ދެ އެކްޓަރުން އަނެއްކާ ވެސް އެކުގައި ފިލްމެއް ކުޅެން ވަނީ ނިންމާފަ އެވެ. ރިޝީ އާއި ނީތޫ ކުޅެން ހަމަޖެހިފައިވަނީ ބެންގޯލީ ފިލްމު "ބޭލާ ސެޝޭ" ގެ ހިންދީ ރިމޭކް އެވެ.

ބޭލާ ސެޝޭ" (ދި އެންޑް އޮފް ދަ ޑޭ، އޯޓަމް އޮފް ލައިފް) އަކީ ފެމެލީ ޑްރާމާ އެކެވެ. މީގެ ހިންދީ ރިމޭކް ޕްރޮޑިއުސްކުރަނީ ރިލައަންސް އިންނެވެ.

މިހާރު މި ފިލްމު ކުޅެން ރިޝީ އާއި ނީތޫ ވަނީ އެއްބަސްވެފަ އެވެ. މިއީ ދަރިފުޅު ރަންބީރު ކަޕޫރުގެ "ބޭޝަރަމް" ގައި ކުޑަ ރޯލެއް އަދާކޮށްފައިވީ ނަމަވެސް މުހިއްމު ރޯލަކުން މި ދެމަފިރިން އެކުގައި ފެންނާނެ ފުރަތަމަ ފިލްމަށް ވާނެ އެވެ.

ރިޝީ އާއި ނީތޫ ފުރަތަމަ އެކުގައި ކުޅުނު ފިލްމަކީ 1974 ގައި ރިލިޒްކުރި "ޒެހެރީލާ އިންސާން" އެވެ. އަދި މި ދެ އެކްޓަރު އެންމެ ފަހުން އެކުގައި ކުޅުނީ 1980 ގައި ނުކުތް "ދަން ދައުލަތު" އެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 40 ވަރަކަށް އަހަރަށް ފަހު ލީޑް ރޯލަކުން މި ދެ ތަރިން ފެންނާނެ ފުރަތަމަ ފިލްމަށް ވާނެ އެވެ.

މި ފިލްމުގައި ރިޝީ ކުޅެނީ ބެންގޯލީ ފިލްމުގައި ސޯމިތުރާ ޗެޓަޖީ އަދާކުރި ބައެވެ. ނީތޫ ކުޅެނީ ސްވަތިލޭކާ ސެންގުޕްތައިސް ކުޅުނު ބައެވެ.

"ބެލޭ ސެޝޭ" އަކީ ދުވަސްވީ ދެމަފިރިއެއްގެ ހަޔާތުގެ ދަތުރުގެ ސަފުހާ ތަކެކެވެ. ސާޅީހަކަށް އަހަރު ކައިވެނިކޮށްގެން އުޅުނު ދެމަފިރިއަކަށް ވަކިވާން ޖެހުނު ގޮތާއި އެމީހުންގެ ލޯތްބާއި ފުރިހަމަ ނުކުރެވުނު ވައުދު ތަކާއި އުންމީދު ތަކެވެ.

މި ފިލްމުގެ ލީޑް ރޯލު ކުރިން ކުޅެން ހަމަޖެހިފައި އޮތީ އަމީތާބު ބައްޗަން އެވެ. ނަމަވެސް އޭނާއަށް ކުޅެވޭ ގޮތް ނުވުމުން ދެން އެ ރޯލަށް ހަމަޖެހުނީ ނާނާ ޕަޓޭކަރް އެވެ. ނާނާ އަށް ފިލްމު ނުކުޅެވުނީ އޭނާ ބަތަލާއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ކުރެވުނު ތުހުމަތުތަކާ ގުޅިގެންނެވެ. ރިޝީ އަށް ފިލްމު ލިބުނީ އެހެންވެ އެވެ.

ރިޝީ މި ފިލްމުގެ މަސައްކަތް ފަށާނީ އޭނާއަށް ނުނިންމި އޮތް ޖޫހީ ޗައުލާ ބަތަލާގެ ބައި ކުޅޭ ފިލްމެއްގެ މަސައްކަތް ނިންމާލުމަށް ފަހުގަ އެވެ. އަދި ވަކި ނަމެއް ހަމަނުޖެހޭ މި ފިލްމުގެ މަސައްކަތް ރިޝީ އަށް ހުއްޓާލަން ޖެހުނީ މިއަހަރުގެ ކުރީކޮޅު އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގިގެން އެމެރިކާއަށް ފަރުވާ އަށް ދާން ޖެހުމުގެ ސަބަބުންނެވެ.

ރިޝީ މިހާރު ވަނީ މުޅިން ރަނގަޅުވެސް އެނބުރި އިންޑިއާ އަށް އައިސް ފިލްމީ މަސައްކަތް ފަށާފަ އެވެ. އެގޮތުން އޭނާގެ ފުރަތަމަ ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމަކީ އަންނަ ޑިސެމްބަރު 13 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވަނީ "ދަ ބޮޑީ" އެވެ.