ލައިފްސްޓައިލް

ސީޓީ ސްކޭން ރޭޑިއޭޝަނުން ކެންސަރުގެ ނުރައްކާ

ސީޓީ ސްކޭން ހަދާއިރު ނުކުންނަ ރޭޑިއޭޝަނުން ތައިރޮއިޑް ކެންސަރާއި ލޭގެ ކެންސަރުގެ ނުރައްކާ އިތުރުވާ ކަމަށް ފަހުގެ ހޯދުމަކުން ދައްކައިފި އެވެ.

މި ސްޓަޑީ ހެދި ސައިންސްވެރިން ބުނެފައިވާ ގޮތުގައި ސީޓީ ސްކޭންސް ހަދާ މީހުންނަށް، ޚާއްސަކޮށް އަންހެނުންނާއި 45 އަހަރުން ދަށުގެ މީހުންނަށް ލޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރުގެ ނުރައްކާ އިތުރު ކަމަށެވެ.

"އަހަރެމެންގެ ހޯދުމުން ދެއްކި ގޮތުގައި ސީޓީ ސްކޭން ހަދާ ހުރިހާ އުމުރެއްގެ ހުރިހާ މީހުންނަކަށް ވެސް ލޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު. އަދި ޒުވާނުންނަށް ނޮން-ހޮޖްކިން ލިމްފޯމާގެ ނުރައްކާ އިތުރު،" މި ދިރާސާ ރިޕޯޓު ލިޔުއްވި ސައިންސްވެރިޔާ ވިދާޅުވެފައި ވެއެވެ.

މި ދިރާސާ ހަދާފައިވަނީ ތައިވާންގެ ނެޝަނަލް ހެލްތު އިންޝުއަރެންސް އިން އެއްކޮށްފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. މިއީ 2000 އާއި 2013 އާ ދެމެދު އެއްކޮށްފައިވާ ޑޭޓާ ތަކެކެވެ.

ޖާނަލް ޖޭއެންސީއައި ކެންސާ ސްޕެކްޓްރަމްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ތައިރޮއިޑް ކެންސަރު ޖެހިފައިވާ 22،853 މީހަކާއި ލޭގެ ކެންސަރު ޖެހިފައިވާ 13،040 މީހަކާއި ނޮން-ހޮޖްކިން ލިމްފޯމާ ޖެހިފައިވާ 20،157 މީހެއްގެ މައުލޫމާތު އެނަލައިޒްކޮށްފައި ވެއެވެ.

ނެޝަނަލް ހެލްތު އިންޝުއަރެންސް ޕްރޮގްރާމްގެ ޑޭޓާތައް ސައިންސްވެރިން ބެލީ ނުރައްކާތެރި ބަލިތައް ދެނެގަނެވުމާއި، ޕްރޮސީޖާތައް އަދި ޑްރަގް ޕްރިސްކްރިޕްޝަންތަކާ ބެހޭ މައުލޫމާތުތަކެއް ބެލުމަށެވެ. މި މައުލޫމާތުތައް ބަލަމުން ދިޔައިރު ސީޓީ ސްކޭނުން ކެންސަރު ޖެހޭކަން ފާޙަގަކުރެވުނީ އެވެ.

ސައިންސްވެރިންނަށް ފާޙަގަ ކުރެވުނު ގޮތުގައި ސީޓީ ސްކޭން ހަދާފައިވާ މީހުންނަށް ލޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރު ޖެހިފައިވާ މިންވަރު ފާހަގަ ކޮށްލެވޭ ވަރަށް އިތުރުވެފައި ވެއެވެ. ސީޓީ ސްކޭން ހަދާ މީހުންގެ އަދަދު މިހާރު ވަރަށް ގިނަވެފައިވާއިރު މިއީ ކަންބޮޑުވާން ޖެހޭ ފަދަ ނަތީޖާއެއް ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.