ބޮލީވުޑް

ހީނާ ޚާންގެ "ހެކްޑް" ޖެނުއަރީ 31 ގައި

މަޝްހޫރު ޓީވީ ބަތަލާ ހީނާ ޚާންގެ ދެ ވަނަ ހިންދީ ފިލްމު "ހެކްޑް" ރިލީޒްކުރާ ތާރީޚަކީ އަންނަ އަހަރުގެ ޖެނުއަރީ 31 ކަމުގައި މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހެނީ ރާޖްކުމާރު ރާއޯ އާއި ނުސްރަތު ބަރޫޗާގެ "ތުއްރަމް ޚާން" އާއެވެ. ހީނާގެ ފިލްމު ޑައިރެކްޓްކުރަނީ ވިކްރަމް ބަޓް އެވެ. ރާޖްކުމާރުގެ ފިލްމުގެ ޑައިރެކްޓަރަކީ ހަންސަލް މެހެތާ އެވެ.

ހީނާގެ އިތުރުން "ހެކްޑް"ގައި ބައިވެރިވަނީ ރޯހަން ޝާހް އާއި މޯހިތު މަލްހޯތުރާ އަދި ސިދް މައްކަރް އެވެ.
ވިކްރަމް ބަޓްގެ "ހެކްޑް" ބިނާ ކޮށްފައި ވަނީ ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ދުނިޔޭގެ އަނދިރި ފަރާތަށެވެ. މި ފިލްމުގައި ސައިބަކްރައިމް އާއި ވެބްގައި ހުރިހާ އެއްޗެއް ޝެއާ ކުރުމުގައި ހުރި ނުރައްކާ ދައްކުވައިދޭނެ އެވެ.

މި ފިލްމުގައި ހީނާ ކުޅެނީ މަޝްހޫރު ފެޝަން މެގަޒިން އެއްގެ އެޑިޓަރުގެ ރޯލެވެ. އޭނާގެ ލޯބިވެރިޔާގެ ރޯލު ކުޅެނީ 19 އަހަރުގެ ރޯހަން ޝާހެވެ.

ހީނާ އަކީ ޓީވީގެ ދުނިޔޭގައި ވަރަށް މަގްބޫލު އަދި ގިނަ ބަޔަކު ވަރަށް ލޯބިވާ ބަތަލާ އެކެވެ. އޭނާ ބޮލީވުޑަށް ތައާރަފްވާ ފިލްމު "ލައިންސް" މިއަހަރު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

އަނެއްކޮޅުން "ހެކްޑް" އާ ބޮކްސް އޮފީހުގައި ވާދަކުރާ ފިލްމަކީ ވެސް ވަރަށް އުންމީދީ ފިލްމެކެވެ. މިއީ އަޖޭ ދޭވްގަން އާއި ލަވް ރަންޖަން ޕްރޮޑިއުސްކުރާ ފިލްމެކެވެ.