ރައްޔިތުންގެ މަޖިލީހުގެ އުނގޫފާާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގައި ޖަމިއްޔަތުއް ސަލަފުގެ ބައިވެރިވުމެއް އެބައޮތް ކަމަށް ވިދާޅުވެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ހެއްދެވީ ދޮގު ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވައިލި ރިޕޯޓާއި ގުޅިގެން 241 ކޮމެޓީގައި ރޭ ވަނީ މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ސަލަފާއި ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތާއި، އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފާފައިވާ ޖަމާއަތްތައް އަދި ސީރިއާގައި ހަރަކާތްތެރިވާ ނުސްރާ ޖަމާއަތަށް ވާގިވެރިވާ އަލްގައިދާގެ ޖަމާއަތަށް ނިސްބަތްވާ އެކި މީސް މީހުން ނުވަތަ އެ ޖަމިއްޔާތަކުން އަފްރާޝީމް އަވަހާރަކޮށްލުމުގައި ކޮންމެވެސް ވަރެއްގެ ބައިވެރިވުމެއް ވާކަމަށް ކޮމިޝަންގެ ރިޕޯޓުން ވަރަށް ސާފު ކަމަށެވެ.
އެއަށް ރައްދު ދެމުން ސަލަފުން ބުނީ އަފްރާޝީމްގެ މަރުގައި ސަލަފުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.
"މަޖިލީހުގެ 241 ކޮމެޓީގައި، ޑރ. އަފްރާޝީމްގެ މަރާ ބެހޭގޮތުން ޖަމިއްޔަތުއް ސަލަފަށް ނިސްބަތްކޮށް އީވާ އަބްދުﷲ ހެއްދެވީ ބުހުތާނު ދޮގު. ޑރ. އަފްރާޝިމް އަވަހާރަ ކޮށްލުމުގައި ޖަމިއްޔަތުއް ސަލަފުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ. ބުހުތާނު ދޮގު ހަދައިގެން ޖަމިއްޔަތުއް ސަލަފު ފްރޭމްކުރުމަށް ކުރަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރަން." ސަލަފުން ބުނެފައި ވެއެވެ.
ސަލަފް ޖަމިއްޔާއަކީ ހައްދު ފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށް ނިންމައި އެ ޖަމިއްޔާއަށް ފަންޑު ކުރާ ފަރާތްތަކާއި މާލީ ހާލަތު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނިންމާފައިވާތީ އެކަމާއި ގުޅޭގޮތުން ވެސް އެ ޖަމިއްޔާއިން ވަނީ ވާހަކަ ދައްކާފައެވެ.
ސަލަފުން ބުނީ 2006 ގައި އެ ޖަމިއްޔާ އުފެދުނީއްސުރެ ޖަމިއްޔާތަކުގެ ގަވާއިދާ އެއްގޮތަށް ކޮންމެ އަހަރަކު ވެސް މާލީ ބަޔާނާއި އަހަރީ ރިޕޯޓް ކަމާބެހޭ ފަރާތްތަކަށް ބަރާބަރަށް ހުށައަޅަމުންދާ ކަމަށެވެ.
ކޮމެޓީގެ ރިޕޯޓްގައި އަފްރާޝީމް އަލީ އަވަހާރަކޮށްލަން ސަލަފުން ފަންޑުކުރިތޯ ބެލުމަށް ވެސް ހިމަނާފައިވެ އެވެ. އެހެންވެ ސަލަފްގެ މާލީ ހިސާބުތައް ބެލުމަށް ވެސް ނިންމާފައިވެ އެވެ.