ސަލަފް ޖަމިއްޔާ

ރިޕޯޓްގައި ސަލަފުގެ ނަން ހިމެނީ ވަކި ފަރާތަކުން އަންގައިގެން: ސަލަފް

ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުންވެސް އެކަމުގައި ޖަމިއްޔަތުއް ސަލަފާ އެއްވެސް ގުޅުމެއް ނެތްކަން ކަށަވަރުވާއިރު އެ ޖަމިއްޔާގެ ނަން ކިނލަބުކުރަން މަސައްކަތް ކުރުމަކީ ޒިންމާދާރުކަން ކުޑަ ހުތުރު އަމަލެއް ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ސަލަފުން މިއަދު ނެރެފަައިވާ ދިގު ބަޔާނެއްގައި ބުނެފައިވަނީ އަފްރާޝީމްގެ މަރުގެ ތަހުގީގުގައި ބުނާ މައިގަނޑު ހަތަރު މިސްރާބުގެ ކަމަށްވާ ސިޔާސީ މިސްރާބާއި، ދީނީގޮތުން ޚިޔާލުތަފާތުވުމުގެ މިސްރާބާއި، އެ ޖަރީމާ ހިންގާފައިވަނީ ސިޔާސީ ބޭނުމެއްކަމުގައި ވިޔަސް ނުވަތަ ދީނީ ހަރުކަށި ވިސްނުމުގައި ކަމަށް ވިޔަސް މިއިން އެއްވެސް ސިޔާސީ ޖަމާއަތަކާވެސް އަދި ދީނީ ހަރުކަށި ވިސްނުމުގެ ބަޔަކާވެސް ސަލަފާ އެއްވެސް ގުޅުމެއް ނެތްކަން އެ ރިޕޯޓުންވެސް އެނގި ކަށަވަރުވާ ކަމަަށެވެ.

ސިޔާސީ ޕޯޑިއަމްތަކާއި، ރައްޔިތުންގެ މަޖިލީހުގައި އަދި މީޑިއާ ތަކުގައި ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން އަފްރާޝީމް އަށް ދެމުންދިޔަ ބަހުގެ ވަރުގަދަ ހަމަލާތަކާއި، ސީދާ ހަށިކޮޅަށް އަމާޒުކޮށް ހިންގާފައިވާ ހަރަކާތްތަކުން، ނަޒަރު އެއްކިބާކޮށް، އެމައުލޫމާމެދު ވާހަކަ އޮއްބާލާފައި، ދީނީ ކަންކަމުގައި އަފްރާޝީމް ފާޅުކުރައްވަމުން ގެންދެވި ބައެއް ޚިޔާލުތަކަށް ވަކިވަކި އިލްމުވެރީންނާއި ޕާޓީތަކާއި ޖަމިއްޔާތަކުގެ އިލްމުވެރިން އިލްމީގޮތުން ހިންގާ ބަހުސްތަކާއި ދެއްވާފައިވާ ރައްދުތައް އެމަނިކުފާނުގެ މަރުގެ ޖަރީމާއާ ގުޅުވުމަކީ އެއްވެސް މާނައެއް އޮތްކަމެއް ނޫން ކަމަށެވެ.

"އަދި ކިޔެއް، އެއީ ޒިއްމާދާރުކަމެއް ނެތި، ބަޔަކު މީހުންގެ އަމިއްލަ ނުބައި އެޖެންޑާ އެއް ކާމިޔާބުކޮށް، ރާއްޖޭގައި އޮތް އިސްލާމްދީނުގެ ހައިބަތު އެކީއެކައްޗަކަށް ފުހެލުމަށް ޕްލޭން ކުރެވިގެން އޭގެ ދަށުން ގަތަމުންދާ ބޮޅުތަކެއް"

ސަލަފުގެ ބަޔާނުގައި ބުނެފައިވަނީ އަފްރާޝީމް އިބްރާހީމް މިސްކިތުގައި ހުކުރު ކުރެއްވުމަށް ފަހު ނިކުންނެވުމުން، އެމަނިކުފާނުގެ ގައިގައި ތަޅައިގަތީ ސަލަފުން ކަމަށް ބުނުމާއި، މަރު ކޮމިޝަނުން ސުވާލުކުރި އައްޝައިޚް މުހައްމަދު ލަތީފަކީ ސަލަފުގެ އިސް ޝެއިޚެއް ކަމުގައި ބުނުމާއި، 8 މެއި 2012 ގައި އިސްކަންދަރު ކޮށީގައި އަފްރާޝީމް ތުނބުޅިޔާ ގުޅިގެން ދެއްކެވި ވާހަކަފުޅަށް، ޖެހިގެން އައިދުވަހު ރައްދުދީ ސަލަފުން ގަރާރެއް ނެރުންކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވީ ނަމަވެސް އެއީ މުޅިން ދޮގު މައުލޫމާތު ކަމަށެވެ.

"މާތް ﷲ ހުރުމަތްތެރި ކުރެއްވި ފުރާނަޔަކާ ގުޅުންހުރި މިފަދަ ހައްސާސް މައްސަލައެއްގައި، އެކަންކަމުގެ ސައްހަކަން ބެލުމެއްނެތި، އަދި އަމުދުން ސަލަފްގެ އެއްވެސް މީހަކާ ސުވާލުކުރުމެއްނެތި، ސަލަފާމެދު މިފަދަ ދޮގު މައުލޫމާތު ހިމަނާފައިވުމީ ހުސްނުއްސުއޫދު ރިޔާސަތުގައި އިންނަވައިގެން ހިންގަވާފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ހުތުރު އަމަލެއްކަމުގައި އަޅުގަނޑުމެން ދެކެން. މިފަދަ ކަންކަމުގެ ސަބަބުން އެނގި ކަށަވަރުވަނީ ސަލަފުގެ ނަން މި ރިޕޯޓުގައި ހިމަނާފައިވަނީ ސަލަފާއި، ސަލަފުގެ އިލްމުވެރިންނާއި، އެބޭކަލުންގެ ފިކުރާއި މަންހަޖާއި، ސަލަފުން ހިންގާ ހަރަކާތްތައްވެސް، މަރުކޮމިޝަންއަށް ނޭނގި ތިބެ، ސަލަފާ އަދާވާތްތެރި، ވަކިފަރާތަކުން އަންގާ އެންގުމެއްގެ މައްޗަށް ކަން. އަދި މިފަދަ ކަންކަމުގެ ސަބަބުން މަރު ކޮމިޝަނުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދުމުގެ ޖާގައޮތްކަން ހިތާމަޔާއެކު ފާހަކުރަން." ސަލަފްގެ ބަޔާނުގައިވެއެވެ.

ސަލަފުން ބުނީ އަފްރާޝިމްގެ މަރުގެ ފަހަތުގައިވާ ކަމަށް މަރު ކޮމިޝަނުން ތުހުމަތުކޮށްފައިވާ ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުންނަކީ ދިވެހި ރާއްޖޭގެ އިލްމުވެރިންގެ ލަފާގެ ދަށުން މަސައްކަތް ކުރާ ބައެއް ނޫންކަމަށާ އެމީހުންގެ ގާތުގައި ރާއްޖޭގެ ދީނީ އިލްމުވެރިންނަކީ، ތަފާތު ސަބަބުތަކާ ހުރެ ދީނުން ބޭރުވެ މުރުދައްތު ވެފައިވާ ކަމަށް ހަރުކަށި ފިކުރު ތަކުގެމީހުން ފައުޅު ކުރަމުންދާ ނުރުހުންތެރި ޚިޔާލުތަކުން އެނގޭނެ ކަމަށެވެ. އަދި މިކަން ރާއްޖޭގެ އިންޓެލިޖެންސް އަށާއި ފުލުހުންގެ މުއައްސަސާއަށާއި، ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރާއި އިސްލާމިކް މިނިސްޓްރީއަށް ވެސް ވަންހަނާވެފައި ނޯންނާނެ ކަމަށެވެ.


"... ކަން މިހެންހުރިއިރު، ޑރ. އަފްރާޝީމް އަލީގެ މަރާ ސަލަފާ އެއްވެސް ގުޅުމެއްވާ ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައި ނެތަސް، މާތް ﷲ މަތިވެރިކުރެއްވި ފުރާނައެއްގެ މަރާ ގުޅުންހުރި ރިޕޯޓެއްގައި ސަލަފްގެ ނަން ހިމަނައި، އާންމުކުރުމުގެ ފަހަތުގައިވަނީ ޒަމާނުއްސުރެ ސަލަފާމެދު ބައެއް ސިޔާސީ ބޭފުޅުންގެ ހިއްޕުޅުގައިވާ ނަފްރަތުކަމުގައި އަޅުގަނޑުމެން ދެކެން. އަދި އަޅުގަނޑުމެން ދެކެނީ މިފަދަ ނުރައްކާތެރި މައްސަލައެއްގެ ރިޕޯޓުގައި ހީލަތްތެރި ގޮތަކަށް ސަލަފާއި ސަލަފުގެ ބައެއް އިލްމުވެރިންގެ ނަން ހިމެނުމުގެ ބޭނުމަކީ ރާއްޖޭގައި ބަޔަކު ކުރިއަރުވައި ހިންގަންބޭނުންވާ ސެކިޔުލާ، ލާދީނީ ޖަމިއްޔާތަކާއި، އެ ޖަމިއްޔާތަކުގެ ފިކުރަށް އޮތް ހުރަހަކީ ސަލަފުކަމުގައި އެ ބަޔަކު ގަބޫލުކުރާތީ، ސަލަފުގެ ހަރަކާތްތައް ހުއްޓުވައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ޖަމިއްޔާއިން ފޯރުކޮށްދެމުންދާ ދީނީ ޚިދުމަތުން އެއުރެން މަހްރޫމްކުރުމަށް ދުރާލާ ރާވަމުންދިޔަ ރޭވުމަށް ޖާގަހެދުމުގެ ގޮތުން ސަލަފާއި، އިލްމުވެރިންގެ އަގުވައްޓާލައި، ޖަމިއްޔާއިން ދެމުންގެންދާ އިޖްތިމާއީ އަދި މަދަނީ ޚިދުމަތަށް ހުރަސްއެޅުމުގެ ހީލަތްތެރި ހަމަލާއެއް ކަމަށް."

ސަލަފުން އިތުރަށް ބުނީ އެ ޖަމިއްޔާގެ ހަރަކާތްތަކާއި، އިލްމުވެރިންނާއި، އެބޭކަލުން ދެއްވާ ދަރުސްތަކަކީ ރާއްޖޭގެ ޓީވީތަކާއި ރޭޑިއޯ އާއި އެ ނޫންވެސް ވަސީލަތްތަކުން ފާޅުކޮށް ރެކޯޑްކުރެވި ފެންނާންހުރި ކަންކަން ކަމުގައިވީއިރު، އެއިން އެއްވެސް ކަމެއްގައި، ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުކަށް ބާރުދީފައި ނުވާނެކަން ފާހަގަކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ހިންގަން ބޭނުންވާ ލާދީނީ ޖަމިއްޔާ ޖަމާއަތްކަށް ދިވެހި ރައްޔިތުން ފުރުސަތު ދޭނެކަމަށް އެއްވެސް މީހަކު ހީކުރާނަމަ އެއީ ކުށްހީއެއް ކަމަށެވެ.

".. ވީމާ ރާއްޖޭގެ ރައްޔިތުން ދީނީގޮތުން ހޭލުންތެރިކުރުމަށާއި، ރާއްޖޭގެ އިސްލާމީ ވެށި، ސެކިއުލާ ފިކުރުތަކުން ރައްކާތެރިކުރުމަށް ރާއްޖޭގެ ރައްޔިތުންނާއި، އިލްމުވެރިންނާއި، މަދަނީ ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ހިއްވަރު ދިނުމުގެ ބަދަލުގައި، މިގޮތުން ކުރެވޭ މަސައްކަތުގެ އަގުވައްޓާލައި، އެކަންކަމަށް ހުރަސް އެޅުމަށް މަސައްކަތް ނުކުރެއްވުމަށް ގޮވާލަން." ސަލަފުގެ ބަޔާނުގައިވެއެވެ.