ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެސްއެމްއީ ބޭންކުން 233 މިލިއަން ދޫކޮށްފި: ރައީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދޭން އުފައްދާފައިވާ އެސްއެމްއީ ބޭންކު މެދުވެރިކޮށް 233 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ފަންނު އެކްސްޕޯ 2019" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ 93 ޕަސެންޓަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށެވެ. ނަމަވެސް، އެ ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ އިގްތިސޯދުގައި އެކަށީގެންވާ ގޮތެއްގައި، އަދިވެސް ޝާމިލް ނުކުރެވޭ ކަމަށެވެ. ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ، ރަޖިސްޓްރީ ނުކޮށް ހިންގާ އެ ބާވަތުގެ ވިޔަފާރިތައް މާގިނަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މިދެންނެވި ބާވަތުގެ ވިޔަފާރިތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އެބަ ހިނގާ. އަދި ފަރުދުންގެ ޖީބަށް ސީދާ ގޮތެއްގައި ފައިސާ ވަންނަ، އެންމެ ފުޅާ ދޮރާއްޓަކީ ވެސް، މި ދެންނެވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. އެ ބާވަތުގެ ވިޔަފާރިތައް ކިތަންމެ ގިނައަސް، އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީ ކުރުމުގައި ވަރަށް ގިނަ ހުރަސްތަކެއް އެބަ ކުރިމަތިވޭ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެފަދަ ވިޔަފާރިތަކުގެ ނާޒުކު ކަމާ، ހަރުދަނާ އެކައުންޓިން ނިޒާމުތަކެއް ނެތުމުން ބޭންކުތަކުން ލޯނުދޭން ފަސް ޖެހުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި އަމިއްލަ އުފެއްދުންތައް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބާޒާރުތަކުގައި، ރަނގަޅަށް މާކެޓްކުރާނެ ފުރުސަތު ނެތުމަކީ ވެސް ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

"މިފަދަ ކިތަންމެ ހުރަސްތަކެއް ހުރުމުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވޭނެ ރަނގަޅު އޮނިގަނޑެއް ނެތުމުގެ ސަބަބުން، އިގްތިސޯދަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވޭ. އަދި ރަނގަޅު ނަފާ ލިބޭނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި، އެފަދަ ވިޔަފާރިތައް ނުހިންގެނީ މިފަދަ އެތައް ސަބަބުތަކެއް ހުރީމަ."

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން، އެސްއެމްއީ ބޭންކެއް ގާއިމުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށީ، އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ފެށި އެ ބޭންކުން 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން ހުށައަޅާފައި ވެއެވެ.

"އަޅުގަނޑަށް އެނގިފައި އޮތްގޮތުން، އެ ދުވަހުން ފެށިގެން މިހާތަނަށް، 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެ ބޭންކަށް ހުށަހަޅާފައި އެބަ އޮތް. އޭގެތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް، އެ ބޭންކުން ނިންމައި، ބައެއް ފަރާތްތަކަށް މިހާރު ވަނީ އެ ފައިސާ ދޫކުރެވިފައި." ރައީސް ވިދާޅުވިއެވެ. "މިއިން އެނގެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ހަގީގަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުން ވެފައިވާކަން. އެފަދަ ވިޔަފާރިތައް ހިންދެމިލުމަށް އިގްތިސޯދީ ދާއިރާގެ ތަރައްގީގެ ތެރެއިން ޖާގަ ހޯދައިދޭން އެބަޖެހޭ. އެކަމަށްޓަކައި ސަރުކާރުންވެސް މި އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން."

ރައީސް ވިދާޅުވީ 2020 ވަނަ އަހަރުގެ ތެރޭ އެސްއެމްއީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން، ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިގޮތަށް ވެދެވޭ އެހީތެރިކަމުގެ ފައިދާ އިގްތިސޯދުން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ.

"އަދި މިފަދަ މައުރަޒުތައް ބާއްވައިގެން، އެފަދަ ވިޔަފާރިތަކަށް ރަނގަޅު މާކެޓެއް ހޯދައިދެވިއްޖެއްޔާ، ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ފައިދާކުރާނެކަން ޔަގީން. މިފަދަ މައުރަޒުތަކުން، ރާއްޖޭގައި ތިބި ހުނަރުވެރި މަސައްކަތްތެރީންގެ މަސައްކަތްތައް، އާންމުކޮށް އެއް ތަނަކުން ފެނި، އެފަދަ އުފެއްދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ."