އެމްއެންޑީއެފް

ލަންކާގެ 7 ބޯޓެއް އަތުލައިގެންފި

Nov 22, 2019

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދަށް ވަދެ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ ހަތް މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހަތް ބޯޓް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މައުލޫމާތު މިމަހުގެ 21 ވަނަ ދުވަހުގެ ފަތިހު މަސްދޯންޏަކުން ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އާއި ހިއްސާކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތާއެކު ކޯސްޓްގާޑުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށެވެ.
ބޯޓްތައް އަތުލައިގަތީ އެ އޮޕަރޭޝަންގައެވެ.

ކޯސްޓްގާޑުން، މި ބޯޓުތައް ހިފަަހައްޓާފައި ވަނީ މާލޭގެ އިރުން 175 ނޯޓިކަލް މޭލު ބޭރުން ކަމަށާއި އަދި މި ބޯޓުތަކުގެ ތެރެއިން ދެބޯޓެއް ހިފަހައްޓާފައި ވަނީ ދާ އަޅައިގެން މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށެވެ.

މި ހަތް ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން މި މައްސަލައިގެ ތަހުގީގެއް ވެސް ވަނީ ފަށާފަ އެވެ.

މީގެ ކުރިންވެސް ވަރަށް ގިނައިން ސްރީ ލަންކާ އަދި އިންޑިއާގެ މަސްވެރި އުޅަދުތައް މިގޮތަށް އަތުލައިގަނެވެއެވެ.