ޑީއާރްޕީ

ޑީއާރްޕީގެ އެސްޖީކަން އާމިނަތު ޖާބިރަށް

Nov 22, 2019
2

ޑީއާރްޕީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން، އާމިނަތު ޖާބިރު ހަމަޖައްސައިފި އެވެ.

އާމިނަތު ޖާބިރު އެ މަގާމަށް ހަމަޖެއްސެވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގައި ހުންނެވި ނަހުލާ އަލީ އެ މަގާމުން ވަކިވެ ވަޑައިގެން ޕީޕީއެމާ ގުޅިވަޑައިގަތުމުން މީގެ ހަފުތާއެއްހާ ދުވަސް ކުރީ ވަގުތީ ގޮތުން ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފު އެ މަގާމަށް ހަމަޖައްސެވުމަށްފަހު އެވެ.

އާމިނަތު ޖާބިރަކީ ބަޔޯ މެޑިސިންގެ ދާއިރާއިން ސިންގަޕޫރުގައި މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަދި ސިޔާސީ ދާއިރާއަށް ޝައުުގުވެރިވެ ވަޑައިގެން ބައްޕާފުޅާއެކު ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެކަމަނާގެ މަންމާފުޅަކީ އިންޑިއާގެ ރައްޔިތެކެވެ.

ޖާބިރު މިއަދު ވިދާޅުވީ ދަރިކަނބަލުން އާމިނަތު ޖާބިރު އެ މަގާމަށް ހަމަޖެއްސީ އެއީ ސިޔާސީ ވިސްނުންފުޅުގެ ބޭފުޅަކަށްވެފައި ފަހުން އެ މަގާމަށް ހަމަޖެއްސެވި އަފީފު ވިޔަފާރީގެ މަސައްކަތުގައި ބިޒީވުމުން ކަމަށެވެ.

"އަނެއްކޮޅުން ސިޔާސީ ވިސްނުުމުގެ ބޭފުޅެއް ޕާޓީގެ އެސްޖީ ކަމުގައި އިންނަވަން ވާނީ ވެސް. އެގޮތަށް މަޝްވަރާ ކުރެވިގެން އެ މަގާމު ދިނީ. އެއީ އަޅުގަނޑުގެ ދަރިފުޅަށް ދިން މަގާމެއް ނޫން އެއީ ސިޔާސީ ބޭފުޅަކަށް ދިން މަގާމެއް،" ޖާބިރު ވިދާޅުވި އެވެ.

އާމިނަތު ޖާބިރު އެސްޖީ ކަމަށް އައްޔަން ކުރި އިރު ޑީއާރްޕީގެ ނައިބު ލީޑަރު ކަމަށް ޖާބިރުގެ ކޮއްކޯފުޅު ހ. ތިމާވެށި، އިބްރާހިމް ޝިހާމް ވެސް ވަނީ ހަމަޖައްސާފަ އެވެ. ސިޔާމް ވަނީ މިދިއަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ އިސްދޫ ދާއިރާއަށް ވާދަ ކުރައްވާފަ އެވެ.