އެމްޑީޕީ

އެމްޑީޕީ އިންތިޚާބު: ވޯޓްލުން އެއްގަޑިއިރަށް އިތުރުކޮށްފި

އެމްޑީޕީގެ ލީޑަޝިޕްގެ އިންތިހާބުގައި ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ކުރިއަށް ގެންދާ އިންތިޚާބުގައި ވޯޓްލުން އެއްގަޑިއިރަށް އިތުރުކޮށްފި އެވެ.

އެމްޑީޕީގެ އިންތިޚާބީ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ ކިއުގައި އަދިވެސް ގިނަ ބަޔަކު ތިބުމާއި ގުޅިގެން އިންތިޚާބުގައި ވޯޓްލުން އެއްގަޑިއިރަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިރޭ 7:00 ހަމައަށް ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މަނިކު ވިދާޅުވިއެވެ.

"ހަތެއްގެ ފަހުން ދެން ކިއުއަކަށް ނޭރޭނެ. އެހެން ނަމަވެސް ހަތެއް ޖެހުމާއި ހަމައަށް ކިއުގައި ތިބޭ ހުރިހާ އެންމެންނަށް ވޯޓްލުމުގެ ފުރުސަތު ލިބޭނެ." މަނިކު ވިދާޅުވިއެވެ.

މަނިކު ވިދާޅުވީ އިންތިޚާބުގައި ވޯޓްލުން އެއްގަޑިއިރަށް އިތުރުކުރުމުން ވަގުތީ ނަތީޖާ ލިބުން ލަސްވާނެ ކަމަށެވެ. އަދި މިހާރު އުންމީދު ކުރަނީ މިރޭ 10:00 ގެ ކުރިން ވަގުތީ ނަތީޖާ އިއުލާނުކުރުން ކަމަށް ވިދާޅުވިއެވެ. އަދި ދާއިމީ ނަތީޖާ އިއުލާނުކުރުން 3 ދުވަސްތެރޭ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގެ ވޯޓް ނެގުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓް ފޮށި ބަހައްޓާފައި ވެއެވެ. އަދި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ އެމްޑީޕީގެ މެންބަރުންނާއި، މާލެއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވޯޓްލުމަށް ވޯޓްފޮށި ބަހައްޓާފައި ވެއެވެ.

މި އިންތިޚާބުގައި 87،439 މެންބަރަކަށް ވޯޓް ލުމުގެ ހައްގު ލިބިފައި ވެއެވެ.

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) އަދި މެންބަރު މުހައްމަދު އަސްލަމެވެ.

ޝިފާޒާއި އަސްލަމް ވަނީ ނާއިބު ރައީސް ކަމަށް ވާދަވެރި ކެންޕޭނެއް ކުރައްވާފަ އެވެ.