ސަލަފް ޖަމިއްޔާ

ބަހަނާ ނުދައްކާ، ހަދަން ފެންނަ ގޮތެއް ހަދާ: ސަލަފު

ދޮގު ބަދުނާމުތައް އަޅުވައިގެން ޖަމިއްޔަތުއް ސަލަފާއި، އެ ޖަމިއްޔާއަށް ނިސްބަތްވާ އިލްމުވެރިން ބަދުނާމު ކުރުމުގެ ބަދަލުގައި ސަލަފާއިމެދު ކަންބޮޑުވާ މީހުންނަށް ފެންނަ ގޮތެއް ހަދަން އެ ޖަމިއްޔާގެ ރައީސް ޝައިހް އަބްދުﷲ ބިން މުހައްމަދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގައި ސަލަފުގެ ބައިވެރިވުމެއް އެބައޮތް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ސަލަފް ޖަމިއްޔާއަކީ ހައްދު ފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށް ނިންމައި އެ ޖަމިއްޔާއަށް ފަންޑު ކުރާ ފަރާތްތަކާއި މާލީ ހާލަތު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވެސް ވަނީ ނިންމާފަ އެވެ. އަދި އަދި ޖިހާދީ ފިކުރުގެ ޖަމާއަތެއް ކަމަށް ބުނެ ފިޔަވަޅު އެޅުމަށް ވެސް އެ ކޮމެޓީން ނިންމި އެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ސަލަފުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޝައިހް އަބްދުﷲ ވިދާޅުވީ އަފްރާޝީމްގެ މަރުގައި ސަލަފުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

އަދި ބުހުތާނު ދޮގު ހަދައިގެން ޖަމިއްޔަތުއް ސަލަފު ފްރޭމްކުރުމަށް ކުރަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރާ ކަމަށެވެ.

އަބްދުﷲ ވިދާޅުވީ ސަލަފާއިމެދު ކޮންމެ ގޮތަކަށް އަމަލުކުރި ނަމަވެސް އެބޭފުޅުންގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި ތަފާތު ބަހަނާތައް ދެއްކުމުގެ ބަދަލުގައި އެ ޖަމިއްޔާއާމެދު ހައްދަވަން ފެންނަ ގޮތެއް ހެއްދެވުމަށް އަބްދުﷲ ގޮވާލެއްވިއެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލާނަން އެ ފަރާތްތަކަށް އެއްވެސް ބަހަނާއެއް ނުދައްކާ، އެ ބޭފުޅުން ބޭނުންވާ ގޮތެއް ހައްދަވަންވީއޭ.. އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް. އަދި އެއީ އަޅުގަނޑުމެން އެއްވެސް ވަރަކަށް ކަންބޮޑުވާ ކަމެއްވެސް ނޫން އެއީ ކީއެއް. އެެހެންވީމަ ތަފާތު ދޮގު ބަހަނާތައް ދައްކާއިރު އެ ވާހަކަތަކަކީ އަޅުގަނޑުމެން އެކަމުގެ ދިފާއުގައި ވާހަކަ ނުދައްކާނެ ކަންކަމުގެ ގޮތުގައި ނުބައްލަވާށޭ." ޝައިހް އަބްދުﷲ ވިދާޅުވިއެވެ.

ސަލަފްގެ ނާއިބް ރައީސް ޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ ސަލަފަކީ އެއްވެސް ކަމެއް ވަންހަނާކޮށްގެން ކުރަމުން ގެންދާ ބައެއް ނޫން ކަމަށެވެ. އަދި އެ ޖަމިއްޔާއަކީ ގާނޫނީ އިމުގެ ތެރެއިން ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ސަލަފަށް ކިތަންމެ ގިނަ ތުހުމަތުތަކެއް ކުރިނަމަވެސް އެ ޖަމިއްޔާއަކީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަލަފް ޖަމިއްޔާއަކީ ހައްދު ފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށް ނިންމައި އެ ޖަމިއްޔާއަށް ފަންޑު ކުރާ ފަރާތްތަކާއި މާލީ ހާލަތު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނިންމާފައިވީ ނަމަވެސް އެ ޖަމިއްޔާއިން ގެންދަނީ ކޮންމެ އަހަރަކު ހަމަޖެހިފައިވާ އުސޫލުން އަހަރީ ރިޕޯޓާއި، މާލީ ބަޔާން ކަމާބެހޭ އިދާރާތަކަށް ހުށައަޅަމުން ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ސަލަފުން ކުރަމުންދާ މަސައްކަތް އަދި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައްވެސް ފެންނަން ހުންނާނެ ކަމަށެވެ. އެހެން ކަމުން އެ ޖަމިއްޔާއިން ހަރުކަށި ކަމަށް ގޮވާލާފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

"ހައްދުފަހަނައަޅާ ދިއުމާއި، ހަރުކަށި ފިކުރަކީ ޖަމިއްޔަތުއް ސަލަފުގެ އެއްވެސް އިލްމުވެރިއަކު ގަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑުމެންގެ ދަރުސްތައް ފެންނަން އެހުރީ އެނގޭތޯ. އަޅުގަނޑުމެންނާ ގުޅޭގޮތުން ވާހަކަދައްކާ ފަރާތްތަކަށް ގޮވާލަން އެ ދަރުސްތައް ބައްލަވާލައްވާށޭ. އޭރުން ފެނިގެންދާނެ އަޅުގަނޑުމެން އެއްވެސް ހަރުކަށި ކަމަަކަށް ގޮވާނުލާކަން." ޝައިޚް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ހިނގާ އެއްވެސް ހަނގުރާމަވެރި ޖަރީމާއެއްގައި ބައިވެރިވުމަށް ހިތްވަރުދީ އެތަނުންދާ އެއްވެސް މީހަކާއި އެ ޖަމިއްޔާއާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ހައްދުފަހަނައަޅާފައިވާ އެއްވެސް ފިކުރަކާއިވެސް ސަލަފާ ގުޅުމެއް ނެތްއިރު ދޮގު ވާހަކަތައް ފަތުރަނީ "ހަޑި ސިޔާސީ" މަގްސަދެއް ހާސިލްކުރުމަށް ކަމަށެވެ.