ކުޅިވަރު

ރާއްޖެ އިންޑިއާ ލަންކާ އެއް ގްރޫޕަކަށް

އަންނަ މަހު ނޭޕާލްގައި ފަށާ ދެކުނު އޭޝިއާގެ ކުޅިވަރު މުބާރާތް، ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އާއި އިންޑިއާ އަދި ލަންކާ އެއް ގުރޫޕެއްގައި ހިމެނިއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަފް އިންޑިއާ އާ ދެކޮޅަށް ނުކުންނާނީ އަންނަ މަހު ދެ ވަނަ ދުވަހު އެވެ. އެއީ ގުރޫޕް ބީ ގެ ފުރަތަމަ މެޗެ ވެ. ގޭމްސް ފަށަނީ އެއް ވަނަ ދުވަހު އެވެ. އެ ދުވަހު ބައްދަލު ކުރާނީ ގުރޫޕް އޭ ގައި އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް އާއި ބަންގުލަދޭޝް އެވެ.

ރާއްޖޭގެ ދެ ވަނަ މެޗު ލަންކާ އާ ދެކޮޅަށް ނުކުންނާނީ އަންނަ މަހު ހަތަރު ވަނަ ދުވަހު އެވެ. ޑިސެމްބަރު މަހު ތިން ވަނަ ދުވަހު ބަންގުލަދޭޝް ނުކުންނާނީ ބޫޓާން އާ ދެކޮޅަށެވެ. ޑިސެމްބަރު މަހު ހަ ވަނަ ދުވަހު އިންޑިއާ ނުކުންނާނީ ލަންކާ އާ ދެކޮޅަށެވެ. ފުޓްބޯޅަ އިވެންޓުން މީގެ ކުރިން ހަތަރު ފަހަރު ރަން މެޑަލް ހޯދާފައިވާ ޕާކިސްތާނުން މިފަހަރު ފުޓްބޯޅައިގައި ބައިިވެރި ނުވެ އެވެ.

ރާއްޖޭގެ ފިރިހެން ޓީމު ހިމެނޭ ގުރޫޕް މެޗުތައް

  • ޑިސެމްބަރު ދޭއް: އިންޑިއާ - ރާއްޖެ
  • ޑިސެމްބަރު ހަތަރެއް: ރާއްޖެ - ޝްރީ ލަންކާ
  • ޑިސެމްބަރު ހައެއް: އިންޑިއާ ލަންކާ

އިންޑިއާގެ ގުވަހަޓީގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވެސް ރާއްޖެ އާއި އިންޑިއާ އަދި ލަންކާ ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ރާއްޖެ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ލަނޑުގެ ތަފާތުން ގުރޫޕްގެ އެއް ވަނަ ހޯދި އެވެ. ތިން ޓީމުވެސް އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވީ އެވެ. ރާއްޖެ ބަލިވީ އިންޑިއާ އަތުންނެވެ.

ސެމީ ފައިނަލުގައި ރާއްޖެއިން ލައްވާލީ، ނޭޕާލާ ދެކޮޅަށެވެ. ނޭޕާލް އަތުން ބަލިވީ 4-3 ންނެވެ. އެ ފަހަރު ބްރޯންޒް މެޑަލް މެޗުގައި ރާއްޖެ ބަލިވީ ބަންގުލަދޭޝް އަތުންނެވެ.

ގޭމްސް އަށް ތައްޔާރު ވުމަށް ފިރިހެން ޓީމުން ވަނީ މާލޭގައި ޓްރެއިނިންތައް ފަށާފަ އެވެ. އަންހެން ޓީމުން ވަނީ ޓްރެއިނިން ކޭމްޕްގައި އަރަބި އެމިރޭޓްސްއަށް ދާން ފުރާފަ އެވެ. އަންހެން ފުޓްބޯޅަ އިވެންޓްގެ ގުރޫޕް ސްޓްޖު ކުރިއަށް ދާނީ ލީގް އުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. ރާއްޖެގެ ފުރަތަމަ މެޗުގައި އަންނަ މަހު ތިން ވަނަ ދުވަހު ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ފަސް ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އަދި ހަތް ވަނަ ދުވަހު ނުކުންނާނީ ލަންކާ އާ ދެކޮޅަށެވެ.

ރާއްޖެގޭ އަންހެން ޓީމުގެ މެޗުތައް

  • ޑިސެމްބަރު ތިނެއް: އިންޑިއާ - ދިވެހިރާއްޖެ
  • ޑިސެމބަރު ފަހެއް: ރާއްޖެ - ނޭޕާލް
  • ޑިސެމްބަރު ހަތެއް: ރާއްޖެ - ޝްރީލަންކާ