ހިތްހަމަޖައްސާލެވޭ ވަރުގެ ސައިންސް ފިކްޝަން ސީރީޒްއެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. "އަންޑަ ދަ ޑޯމް" އާއި "ފޯލިން ސްކައިސް" އަދި ހެލީ ބެރީ ލީޑް ރޯލު ކުޅެމުން އަންނަ "އެކްސްޓެންޓް" އަކީ ވެސް އޭގެ ހުރިހާ ދިމާލަކުން ހިތްހަމަޖައްސާލެވޭ ވަރުގެ ޝޯތަކެއް ނޫނެވެ.
ނަމަވެސް މި ތިން ޝޯ އަކީ ވެސް މިހާރު ކުރިއަށް ދާ ސައިންސް ފިކްޝަން ޑްރާމާ ސިލްސިލާތަކަށް ބަލާއިރު ރޭޓިން ނިކަން ރަނގަޅު ތިން ސީރީޒް އެވެ. އެކަމަކު ބުނަން މި އުޅެނީ ފޮކްސް އިން މި އަހަރު ފެށި އާ ޑްރާމާ "ވޭވާޑް ޕައިންސް" ފަހަރެއްގައި މި ތިން ޝޯ އަށް ވުރެ ވެސް ރަނގަޅުވެދާނެ ވާހަކަ އެވެ.
ޔަގީނަށް ވެސް "ވޭވާޑް ޕައިންސް" އަކީ މި އަހަރުގެ ސައިންސް ފިކްޝަން ޝޯތަކަށް ބަލާއިރު ހިޓެކެވެ. މި ޝޯގެ ފަހަތުގައި ހުރި ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އެމް ނައިޓް ޝާމަލަން ވަނީ މިހާރު ވެސް އޭނާގެ ޝޯގެ ދެ ވަނަ ސީޒަން ޕްލޮޓްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އެމް ނައިޓް ޝާމަލަންގެ އުފެއްދުމެކޭ ބުނީމަ ބައެއް މީހުން މި ޑްރާމާއެއް ބަލަން މާޔޫސްވެދާނެ އެވެ. ސަބަބަކީ "ދަ ސިކްސްތް ސެންސް" އަށް ފަހު ބެލުންތެރިންނަށް ކަމުދާ އެ ފެންވަރުގެ ދެ ވަނަ ފިލްމެއް އޭނާ އަށް މިހާތަނަށް ގެނެސްދެވިފައި ނެތީމަ އެވެ. އަނެއްކޮޅުން ފަހުގެ މަސައްކަތްތައް ހައްތަހާ ގޯސްވަމުންދާ ކަމަށް ވެސް ފާހަގަކުރެވޭތީ އެވެ.
ނަމަވެސް "ވޭވާޑް ޕައިންސް" އަކީ ފަހަރެއްގައި ޝާމަލަންގެ ކެރިއަރު އަލުން ކޮޅަށް ނަގައިދޭނެ ޑްރާމާ އެވެ. މި ސިލްސިލާގެ ޕައިލެޓް އެޕިސޯޑް ޑައިރެކްޓްކޮށްފައި ވަނީ ވެސް ޝާމަލަން އެވެ.
"ވޭވާޑް ޕައިންސް" އަކީ އޭގެ ޕްލޮޓްގައި މިސްޓްރީ، ސައިންސް ފިކްޝަން އަދި ތްރިލިން އެލެމެންޓްތަކެއް ހިމެނޭ އުފެއްދުމެކެވެ. މިއީ ސައިންސް ފިކްޝަން ވާހަކަ ކިޔުންތެރިންގެ މެދުގައި މަގްބޫލުކަމެއް ހޯދި "ވޭވާޑް ޕައިންސް ޓްރިލޮޖީ" ގެ އަސްލަށް އޭގެ ލިޔުންތެރިޔާ ބްލޭކް ކްރައުޗާ ވެސް ގުޅިގެން އުފައްދަމުން އަންނަ ސީރީޒް އެކެވެ.
މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ނިންމާލި ފުރަތަމަ ސީޒަން ބިނާކޮށްފައި ވަނީ މި ޓްރިލޮޖީގެ ތިން ވާހަކައިގެ މައްޗަށެވެ. މި ވާހަކަ ކިޔާފައިވާ ނަމަ "ވޭވާޑް ޕައިންސް" އަކީ ކިހިނެތްވާ ސީރީޒްއެއްކަން އެނގޭނެ އެވެ.
ނޭނގޭ މީހުންނަށް ކުޑަކޮށް ކިޔާލަދޭނަމެވެ.
"ވޭވާޑް ޕައިންސް" އަކީ ކުޑަކުޑަ އަވަށެއްގައި ހިނގާ އާދަޔާހިލާފު ކަންތައްތަކެއްގެ ވާހަކަ ދައްކުވައިދޭ ޝޯއެކެވެ. ކުރީގެ މަޝްހޫރު ޝޯއެއް ކަމުގައިވާ "ދަ ޕްރިޒަނާ" އަކީ މި ސިލްސިލާއާ ވަރަށް އެއްގޮތް ސިފަތަކެއް އޭގެ ޕްލޮޓްގައި ޖެހިފައިވާ ޝޯއެކެވެ.
މީގެ އިތުރުން އެންބީސީ އިން 2010 ވަނަ އަހަރު ގެނެސްދިން "ޕާސަންސް އަންނޯން" ޑްރާމާ އަކީ ވެސް "ވޭވާޑް ޕައިންސް" އާ އެއްގޮތް ސިފަތަކެއް ޖެހިފައިވާ ޑްރާމާ އެކެވެ.
މި ތިން ޑްރާމާގައި ވެސް ދައްކުވައި ދެނީ ކުޑަ އަވަށަކުން ނުނިކުމެވި ބަންދުވެފައިވާ ބައެއްގެ ވާހަކަ އާއި އެ އަވަށުގެ ސިއްރުތަކާއި އެމީހުންގެ ދުނިޔެއާ ބެހޭ ގޮތުން ސިއްރުކޮށްފައިވާ ވާހަކަތަކެވެ.
"ވޭވާޑް ޕައިންސް" ފެށިގެން އަންނަނީ މި ޑްރާމާގައި ލީޑް ރޯލު ކުޅެފައިވާ މެޓް ޑިލިއަން މި ކުޑަކުޑަ އަވަށް ދާ ހިސާބުންނެވެ. އޭނާ އަކީ އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓެކެވެ. ވޭވާޑް ޕައިންސް އަށް އޭނާ ދަނީ އެހެން އެޖެންޓަކަށް ވީނުވީއެއް ނޭނގި އެ އަވަށަށް ގެއްލުނު މައްސަލައެއް ތަހުގީގުކުރުމަށެވެ.
އެންމެފަހުން އޭނާ އަށް ހޭލެވެނީ ކާރު އެކްސިޓެންޑަކަށް ފަހު ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އެއަށް ފަހު ފެންނަނީ މާ އަޖާއިބުކުރުވަނިވި މަންޒަރުތަކެކެވެ. ވީނުވީއެއް ނޭނގި ގެއްލުނު އެޖެންޓް ދެން ފެންނަނީ މި އަވަށުގައި މީހަކާ އިނދެގެން ނިކަން އުފަލުގައި ދިރިއުޅެމުން ގެންދާ މަންޒަރެވެ.
ނަމަވެސް އަވަށުގައި ފޮރުވިފައިވާ ކަންތައްތައް ވަރަށް ގިނަ އެވެ. އަވަށުގައި މީހުން އުފަލުގައި ދިރިއުޅެމުން ދަނީ ކޮންމެހެން އެމީހުން އެގޮތް ބޭނުންވެގެނެއް ނޫނެވެ. ހަރުކަށި ގަވާއިދެއް ތަންފީޒުކޮށްފައި ވާތީ އެވެ.
އެންމެފަހުން މި ގަވާއިދުތަކަށް ބޯނުލަނބައި އީތަން ބާކް (ޑިލިއަން) މި އަވަށުގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގެ އޭނާގެ ހިތް ދެކަފި ވަނީ އެވެ.
މި ސިލްސިލާގެ އެހެން ތަރިންނަށް ބަލާލާއިރު "ސްޕައި ކިޑްސް" އާއި "ވޮޗްމެން" އަދި "ސަކާ ޕަންޗް" ފަދަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ބަތަލާ ކާލާ ގުޒީނޯ ފާހަގަކޮށްލެވެ އެވެ. އެންމެފަހުން އޭނާ ފެނިގެން ދިޔަ ބޮޑު ފިލްމަކީ މި އަހަރު ނުކުތް "ސޭން އެންޑްރިއާސް" އެވެ.
ސިލްސިލާގެ އަނެއް މަޝްހޫރު މޫނަކީ "ހެރީ ޕޮޓާ" ސިލްސިލާގެ މަޝްހޫރު ކެރެކްޓާ ޑޮބީ އަށް އަޑުއަޅައިދީފައިވާ އިނގިރޭސި އެކްޓަރު ޓޮބީ ޖޯންސް އެވެ. މި ޑްރާމާގައި އޭނާ ކުޅެނީ އިންސާނުންގެ ނަސްލު ސަލާމަތްކުރާ ސައިންސްވެރިއެއްގެ ރޯލެވެ.