ލައިފްސްޓައިލް

ބިލް ގޭޓްސް އާއި މެލިންޑާގެ އުފާވެރި ކަމުގެ ސިއްރު!

ދުނިޔޭގެ އެންމެ މުއްސަނދިމީހާ އާ ކައިވެނި ކުރާ މީހެއްގެ ދިރިއުޅުން ވަރަށް އުފާވެރިވެފައި އަރާމު ވާނެކަން ޔަގީނެވެ. މުއްސަނދި މީހުންނާ ކައިވެނިކުރާ ގިނަ މީހުންނަށް ގަބޫލު ކުރެވޭނީ އެމީހުންނަށް ގޭތެރޭގައި ޖެހޭ އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭނެ ކަމެވެ. އަބަދުވެސް ނަލަހެދިގެން އަގު ބޮޑު ގަހަނާ އަޅައިގެން ޕާޓީ ތަކަށް ގޮސް ދުނިޔެ ވަށާ ދަތުރުކޮށްލާ އުޅުން ނޫން ކަމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ބިލް ގޭޓްސް އާއި އޭނާގެ އަންހެނުންގެ 25 އަހަރުވީ ކައިވެނީގެ ބޮޑު ސިއްރު އެނގުމުން މި ވިސްނުން ބަދަލު ކުރަން ގިނަ ބަޔަކަށް މަޖްބޫރު ވާނެ އެވެ.

ބިލް އާއި އަންހެނުން ކޮންމެ ރެއަކުވެސް ބަދިގޭގައި ވަގުތުކޮޅެއް ހޭދަ ކުރުމަށް ވަރަށް ސަމާލުކަން ދެއެވެ. އެމީހުން ކައިފައި ހުންނަ ތަށިތައް ދޮވެ ހަދަނީ ދެ މީހުން އަމިއްލައަށެވެ. މިއީ އެމީހުން ކައިވެނި ކުރީއްސުރެ ކަންތައް ކުރަމުން އަންނަ ގޮތެވެ. އަދި މިއީ އެމީހުންގެ ކައިވެނީގެ ކާމިޔާބީއާ ގުޅިފައިވާ ވަރަށް ބޮޑު ސިއްރެއް ވެސް މެއެވެ.

ބިޒިނަސް އިންސައިޑާއަށް މެލިންޑާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާއާ ބިލް އާ ފުރަތަމަ ބައްދަލުވީ 1987 ވަނަ އަހަރު އޭނާ މައިކްރޮސޮފްޓްގައި މަސައްކަތް ކުރަން ފެށި ތަނާ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނެވެ. އަދި ވަރަށް އަވަހަށް ކައިވެނިކޮށް އެ ކައިވެންޏަށް 25 އަހަރުވީއިރު ތިން ދަރިން ވެސް ލިބިފައި ވެއެވެ. އެ ދެމަފިރިންނަކީ ދުނިޔޭގެ އެންމެ ބޮޑު ޗެރިޓީ "ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން"ގެ ފައުންޑާ މެމްބަރުންނެވެ.

ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ވަރަށް ގިނަ ދެމަފިރިންނަށް ދިމާވާ ގޮތަށް ބިލް އާއި މެލިންޑާ އަށް ވެސް ކައިވެނީގެ ފުރަތަމަ ކޮޅު ކަންތައްތައް ދިޔައީ އެހާ ފަސޭހަ ކޮށެއް ނޫނެވެ. ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ދުވަސްވަރު މެލިންޑާ އަށް ވަރަށް ބޮޑަށް އެކަނިވެރިކަން އިހްސާސް ކުރަން ޖެހުނެވެ. ސަބަބަކީ މައިކްރޮސޮފްޓްގެ ސީއީއޯގެ މަސައްކަތުގައި ބިލްއަށް ވަރަށް ބުރަކޮށް އުޅެން ޖެހުމެވެ.

ނަސީބަކުން މަޑުމަޑުން ހުރިހާ މައްސަލަތަކެއް ވެސް ހައްލުވެ ރަނގަޅުވަމުން ދިޔަ އެވެ. އެމީހުންގެ ކައިވެނީގައި މައްސަލަތައް ނުޖެހި ކުރިޔަށް ދިއުމަށް އެމީހުން ބޭނުންކުރީ މަޝްވަރާގެ އުސޫލެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު ވާހަކަ ދައްކަން ދެ މީހުން އެކަކު އަނެކަކަށްޓަކައި ކޮންމެ ދުވަހަކުވެސް ކުޑަކުޑަ ވަގުތުކޮޅެއް ނަމަވެސް ހުސްކުރި އެވެ. މިކަން ކުރުމަށް އެމީހުން ވިސްނީ ކޮންމެ ރެޔަކުވެސް ރޭގަނޑުގެ ކެއުމަށްފަހު ތަށިތައް ދޮންނަ ވަގުތެވެ. ކާ ތަށިތައް ދެ މީހުން ވެގެން ނަގާ ސާފުކޮށް ފޮހެ ރައްކާކުރަނީ ދެ މީހުންވެގެންނެވެ. ބިލް އެ މަސައްކަތުގައި ބައިވެރި ނުވާނަމަ އެކަން ކުރަން ޖެހުނީހީ މެލިންޑާ އެކަންޏެވެ.

މިކަން މިގޮތަށް ކުރަން ފެށުނު ގޮތް ވެސް މެލިންޑާ ހިއްސާ ކުރި އެވެ. އޭނާ ބުނި ގޮތުގައި އެއްރެއަކު އެންމެން ކައި ނިމިގެން ދިޔަތާ 15 ވަރަކަށް މިނިޓް ވީއިރުވެސް އޭނާ އެކަނިމާއެކަނި ބަދިގޭގެ މަސައްކަތުގައި އުޅެން ޖެހުމުން އޭނާ ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. އެހެންވެ އަނެއް ރޭ އެންމެން ކައިގެން މޭޒު ކައިރިން ތެދުވެގެން އެމީހެއް ކުރާ ކަމެއް ކުރަން ދާން ފެށުމުން އޭނާ ތެދުވެފައި ވަރަށް ހަރުއަޑުން "އަހަރެން ބަދިގޭން ނުކުންނަ އިރަކުން ނޫނީ އެކަކުވެސް ބަދިގެއިން ނުކުމެގެން ނުވާނޭ" ބުންޏެވެ.

އޭނާއަށް ތަށިދޮވުމުގައި އެހީތެރިވާން ބިލް ފެށީ އެ ދުވަހުން ފެށިގެންނެވެ. ތަށި ދޮވުމަކީ ހަގީގަތުގައި އެހާ އުނދަގޫކަމެއް ނޫންކަމަށް ބެލެވުނު ނަމަވެސް މެލިންޑާ ގަބޫލުކުރާ ގޮތުގައި ދެމަފިރިން ޒިންމާތައް ބަހާލައިގެން އެކުގައި ކަންކަން ކޮށްލުމަކީ އެމިހުންގެ ގުޅުން އުފާވެރިވެފައި ހަރުދަނާ ވާނެ ކަމެކެވެ.

އެހެންވެ މިހާރުވެސް ރޭގަނޑުގެ ކެއުމަށްފަހު އެކުގައި ތަށި ދޮވުމަކީ އެ ދެމަފިރިންގެ އާދައެކެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެ އާދަ ބަދަލުކުރާކަށް އެމީހުން ގަސްދެއް ނުކުރެ އެވެ.