ސްކޫލް ކުދިންނަށް ފެން ބުއިމުގެ މުހިއްމުކަން ވިސްނައި ދިނުމުގެ ގޮތުން އިންޑިއާގެ ކަރްނާޓަކާގެ ސްކޫލެއްގައި "ވޯޓާ ބެލް" ހަރުކޮށްފި އެވެ. މިއީ ސްކޫލް ފެށޭ ގަޑިޔާއި އިންޓަވަލް ގަޑި އަދި ނިމޭ ގަޑީގައި ޖަހާ ރަނގަބީލުގެ އިތުރުން ޖަހާ ރަނގަބީލެކެވެ. މިއީ ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ފެން ބޮވޭ ކަން ޔަގީންކުރަން ކުރާ ކަމެކެވެ. ފެން ބޯންވީކަން އަންގަން ޖަހާ ރަނގަބީލާއެކު ހުރިހާ ކުދިން ވެސް ފެން ބޯން ޖެހެ އެވެ.
އިންޑިއާގެ ނިއުސް އޭޖެންސީއަކަށް ދިން އިންޓަވިއު އެއްގައި އެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ ތިމާވެއްޓަށް އަންނަމުންދާ ބަދަލާއެކު ދުނިޔޭގެ ހޫނުކަން ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންވެ ކުދިން އެކަށީގެންވާ ވަރަށް ފެން ނުބުއިމުން ދިމާވާ ވަރަށް ގިނަ ސިއްހީ މައްސަލަތައް މިހާރު ކުދިންނަށް ދިމާވާލެއް ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބޯ އެނބުރުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސްކޫލުން ކިޔަވާ ނިމިގެން ކުދިން ގެޔަށް ދާއިރުވެސް ކުދިން ތިބެނީ އެކަށީގެންވާ ވަރަށް ފެން ނުބޮއިކަމަށާއި އެކުދިންނަށް ދޭ ފެންފުޅި ހުންނަނީ ގިނަ ފަހަރަށް އަތްވެސް ނުލާ ކަމަށް ބުނެ ބެލެނިވެރިންގެ ޝަކުވާތައް ވަރަށް ގިނައިން އޭނާއަށް ލިބެ އެވެ. އަދި ފެން ނުބުއިމުގެ ސަބަބުން ކުދިން ބަލިވާލެއް އިތުރުކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުދިން ފުދޭ ވަރަކަށް ފެން ބޮއިތޯ ބެލޭނެ އިންތިޒާމެއް ސްކޫލުގައި ހަމަޖެހިފައެއް ނޯވޭ. އެހެންވެ އަހަރެމެން އިތުރު ބްރޭކެއް މި ތައާރަފްކުރީ ފެން ބުއިމަށް. މި ގަޑީގައި ހުރިހާ ކުދިން ވެސް ޓީޗަރުންގެ ހާޒިރުގައި ފެން ބޯން ޖެހޭނެ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
މި ރަނގަބީލު ޖަހަން ފެށި ފަހުން ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ރިޕޯޓްސްތައް ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުދިންގެ ބަލިތައް މަދުވެ، ފެން ބުއިމުގެ އާދަ ހަރުލަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ފެން ބުއިމަށް ޖަހާ ރަނގަބީލު އެ ސްކޫލްގައި ކޮންމެ ދުވަހަކުވެސް ތިން ފަހަރަކު ޖަހަ އެވެ. ފުރަތަމަ ރަނގަބީލު ޖަހަނީ ހެނދުނު 10.35 ގައެވެ. ދެ ވަނަ ރަނގަބީލު މެންދުރު 12.00 ގައެވެ. އަދި ތިން ވަނަ ރަނގަބީލު މެންދުރުފަހު 2.00 ގައެވެ.
ޕްރިންސިޕަލް ވިދާޅުވީ އިންޑިއާގެ ހުރިހާ ސްކޫލެއްގައި ވެސް މިކަން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް އޭނާއަށް ފެނެ އެވެ. ކުދިންގެ ސިއްހަތަށް އަންނަމުންދާ ރަނގަޅު ބަދަލުތަކުގެ ސަބަބުންނެވެ.