ބޮލީވުޑް

ތާޕްސީއަށް ވިކީ އާއި ޖެކްލީން ކަމުނުދިޔައީ ކީއްވެ؟

ބަތަލާ ނެހާ ދޫޕިއާގެ ޓޯކް ޝޯ "ނޯ ފިލްޓާ ނެހާ"ގެ ތާޕްސީ ޕަންނޫ ބައިވެރިވި އެޕިސޯޑުގައި ވަރަށް މަޖާ ސުވާލެއް ނެހާ ތާޕްސީ އާ ކުރި އެވެ. ނެހާ އެހީ ތާޕްސީ އާއެކު މަސައްކަތްކުރި ބަތަލުންނާއި ބަތަލާއިންގެ ތެރެއިން އޭނާއަށް އެންމެ ކަމުނުދާ ބަތަލު އަދި ބަތަލާ އަކީ ކޮބައިތޯ އެވެ.

ޖަވާބުގައި ނެހާ ބުނީ ވިކީ ކައުޝަލް އާއި ޖެކްލީން ފެނާންޑިޒް ކަމަށެވެ. ނަމަވެސް މި ދެ އެކްޓަރުން ތާޕްސީ އަށް ކަމުނުދިޔައީ އެމީހުންނާ އޮތް ރުޅިވެރިކަމެއްގެ ސަބަބަކުން ނޫނެވެ. އަދި އެމީހުންނާއެކު ފިލްމު ކުޅުނު ދުވަސްވަރު އެއްވެސް މައްސަލައެއް ޖެހިފައި ވާތީއެއް ވެސް ނޫނެވެ.

ތާޕްސީ ބުނީ ޖެކްލީން ކަމުނުދަނީ އޭނާގެ ހަށިގަނޑު ރީތިކަމުން ކަމަށެވެ. އެކަހަލަ ހަށިގަނޑެއް ލިބޭތޯ އޭނާ ގިނަ ގުނަ މަސައްކަތް ކުރިއިރުވެސް އެކަން ކާމިޔާބު ނުވި ކަމަށާއި އޭނާއަށް ޖެކްލީން ކަމުނުދިޔައީ އެ ސަބަބާ ހުރެ ކަމަށެވެ.
ވިކީ ކަމުނުދަނީ ވެސް ހަމަ އެކަހަލަ ސަބަބަކާ ހެދި އެވެ. ތާޕްސީ ބުނީ ވިކީ އާއެކު މަންޒަރުތައް ކުޅޭއިރު އޭނާ މޮޅުކަމުން އަބަދުވެސް އޭނާއާ އެއްފެންވަރަށް އެކްޓް ނުވެދާނެތީ ބިރުން ހުންނަން ޖެހޭ ކަމަށެވެ. ވިކީ ކަމުނުދަނީ އެހެންވެ ކަމަށެވެ.

ތާޕްސީ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ނާމް ޝަބާނާ"، "ޕިންކް"، "ބޭބީ"، "ޗަޝްމެ ބައްދޫރް"، "ޖުޅްވާ 2" އަދި ވަރަށް ފަހުން ރިލީޒްކުރި "ސާންޑް ކީ އާންކް" ހިމެނެ އެވެ.

މި ފިލްމުތަކަކީ މާ ބޮޑެތި ބަޖެޓުން އުފެއްދި ފިލްމުތަކަށް ނުވިޔަސް ގިނަ ބަޔަކު ވަނީ މި ފިލްމުތައް ބަލައިގެންފަ އެވެ. ޚާއްސަކޮށް ތާޕްސީގެ ހުނަރުވެރިކަން މީގެން ކޮންމެ ފިލްމަކުން ވެސް ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައި ވެއެވެ.
މިހާރު ތާޕްސީ ކުޅެމުންދަނީ އަނުބަވް ސިންހާގެ "ތައްޕަޅް" އެވެ. މި ފިލްމުގައި ތާޕްސީ ކުޅެނީ ވަރަށް މަޝްހޫރު ވާހަކަ ލިޔުންތެރިއެއް އަދި ޅެންވެރިއެއް ކަމަށްވާ އަމްރިތާ ޕްރީތަމްގެ ރޯލެވެ.