ބޮލީވުޑް

ދިވްޔަންކާ އާއި ކަރަންގެ "ޔޭ ހޭ މުހައްބައްތޭން" ނިންމާލަނީ

ދިވްޔަންކާ ޓްރިޕާތީ އާއި ކަރަން ޕަޓޭލް ލީޑް ރޯލު ކުޅޭ ސްޓާ ޕްލަސްގެ މަޝްހޫރު ޝޯ "ޔޭ ހޭ މުހައްބަތޭން" ވަރަށް އަވަހަށް ނިންމާލުމަށްފަހު މި ޝޯ އާ ގުޅުވައިގެން އާ ޝޯއެއް ލޯންޗް ކުރަން ނިންމައިފި އެވެ. ޑިސެމްބަރުގައި މި ޝޯ ނިމުމުން ދެން ފަށާނީ މީގެ ސްޕިން-އޯފް ޝޯ "ޔޭ ހޭ ޗާހަތޭން" އެވެ. މި އާ ޝޯގެ ވެސް ފުރަތަމަ އެޕިސޯޑްގައި ދިވްޔަންކާ އާއި ކަރަން ބައިވެރިވާނެ އެވެ.

"ޔޭ ހޭ ޗާހަތޭން" ގައި ލީޑް ރޯލު އަދާކުރަނީ އަބްރާރް ގާޒީ އާއި ސަރްގުން ކޯރް ލުތުރާ އެވެ. އަދި ޕާރުލް ޗައުހާން މި ޝޯގައި ނެގެޓިވް ރޯލު އަދާކުރާނެ އެވެ. އާ ޝޯގެ އާ ޖޯޑު ތައާރަފްކޮށްދިނުމުގެ ޒިންމާ ނަގަނީ "ޔޭ ހޭ މުހައްބަތޭން" ގައި ރަމަން އާއި އިޝީތާގެ ރޯލު އަދާކުރި ދިވްޔަންކާ އާއި ކަރަން އެވެ.

އާ ޝޯގެ އާ ތަރިން ތައާރަފްކޮށްދިނުމަށްފަހު ދިވްޔަންކާ އާއި ކަރަން ބެލުންތެރިންނަށް އަލްވަދާއު ކިއުން ވެސް ފުރަތަމަ އެޕިސޯޑުން ފެނިގެން ދާނެ އެވެ. އެހިސާބުން އިޝީތާ އާއި ރަމަންގެ ވާހަކަ ނިމުނީ އެވެ. އާ ޝޯގައި ދެން ފެންނާނީ އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިންގެ ހަޔާތުގައި ދިމާވާ ހާދިސާތަކެވެ.

"ޔޭ ހޭ މުހައްބައްތޭން" ގެ ވާހަކަ ވެސް ވަރަށް ގިނަ ފަހަރަށް ބަދަލުކޮށްގެން އެކި ގޮތްގޮތަށް އަނބުރަމުން ދައްކާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ހަގީގަތުގައި މި ޝޯގެ ވާހަކައަކީ ތަންކޮޅެއް އުމުރުން ދޮށީ ދެ މީހެއްގެ ކައިވެންޏާއި އެމީހުންގެ ފުރާވަރުގެ ދަރިންގެ ދިރިއުޅުމުގެ ސަފުހާ ތަކެކެވެ. ނަމަވެސް ވާހަކަ ބަދަލުވަމުން އައިސް ޝޯ ބަލާ މީހުން ވެސް ފޫހިވެގެން ހަލާކުވާ ވަރަށް ޝޯގެ ޕްލޮޓް ވަނީ ބަދަލުކޮށްފަ އެވެ.

ޝޯ ނިމޭނީ ކޮން ގޮތަކަށް ކަމެއް އަދި ނޭނގުނު ނަމަވެސް ބެލުންތެރިން މާޔޫސް ނުވާ ފަދަ ގޮތަކަށް ނިންމާނެ ކަމަށް ބެލެވެ އެވެ.