އީޕީއޭ

ރުއްގަސް ނަގައިގެން ދެލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ގަވާއިދާ ހިލާފަށް ރުއްގަސް ނެގި މައްސަލައެއްގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާއިން މީހަކު ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނޫސް ބަޔާނެއް މެދުވެރިކޮށް ބުނީ ލ. މެންދޫއަކީ ދަނޑުވެރިކަން ކުރަން ސ. މަރަދޫ ހަސަން އާދިލަށް އެގްރިކަލްޗަރުން ދީފައިވާ ރަށެއް ކަަމަށާއި ދަނޑުވެރިކަން ކުރަން ރުއްގަސް ނެގޭނެ އުސޫލުތަކެއް ކަނޑައަޅައި ހާއްސަ ހުއްދަތަކެއް އޭނާއަށް ދިން ކަމަށެވެ.

ނަމަވެސް އެ އުސޫލުތަކާއި ހިލާފަށް މެންދޫން އޭނާ ރުށްގަސް ނަގައި 4،822 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކޮށް މަގެއް ހަދާފައިވާ ކަމަށާއި އެހެންވެ ތިމާވެށި ރައްކާތެރި ކުރުމާބެހޭ ގާނޫނު ގަވާއިދުގެ ދަށުން އާދިލް 275،000 ރުފިޔާއިން ޖޫރިމަނާ ކުރީ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޖޫރިމަނާގެ އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އާދިލަށް އަންގާފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުން ގަވާއިދާ ހިލާފަށް ރުއްގަސް ނެގުމުގެ މައްސަލަ ފަަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ނަމަވެސް މީގެ ކުރިން އީޕީއޭ އިން ބުނެފައިވަނީ ރަށްރަށުން ރުށްގަސް ނެގި އަދަދަށްވުރެ އޭގެ ބަދަލުގައި އިންދި ރުއްގަހުގެ އަދަދު އިތުރު ކަމަށެެވެ.