ފާއިތުވެ ދިޔަ 10 އަހަރު ރާއްޖެ ކުރިޔަށް ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި ނަމަވެސް ހައްލު ހޯދަން ޖެހިފައިވާ މައްސަލަތައް އަދިވެސް މަދު ނުވާ ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމާއި ގުޅިގެން އެކަން ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ ގައުމަށް ފައިދާ ކުރަނިވި ހިޔާލުތައް ޒުވާނުން ފާޅު ކުރާ ކަމަށާއި، އެހެން ނަމަވެސް އެ ޒުވާނުން މަޝްވަރާއާއި ހިޔާލުތައް ދެނީ ހަމަ އެކަނި ކޮފީ މޭޒާއި ސޯޝަލް މީޑިއާގައި ކަމަށެވެ. އަދި އެއީ ސިޔާސީ މީހުން ވިސްނަންޖެހިފައިވާ ކަމެއް ކަމަށާއި، އެކަމަކީ މެއިންސްޓްރީމް ޕޮލިޓިކްސްއަށް ގެންނަން މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ.
ދުނިޔޭން ފެންނަމުންދާ މަދަނީ ހަމަނުޖެހުންތަކާއި، ތަޅާފޮޅުމާއި، ނިޒާމު ފުނޑު ކޮށްލުމުގެ އަމަލުތައް ރާއްޖެއަށް ބީރަށްޓެހި ކުރުވަން ގަދަ އަޅާ މަސައްކަތް ކުރަންޖެހޭ ކަމަށާއި، ދުވަހުން ދުވަހަށް ދަނީ އާ މައްސަލަތައް އުފަންވަމުން ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ. އަދި ތިމާވެށީގެ މައްސަލަތަކާއި، މުޖުތަމައު ތެރޭގައި އޮންނަ ފަރަގުތައް އިތުރުވަމުންދާ ކަމަށާއި، ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ވެސް އިތުރުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ، އެކަންކަމަކީ ސިޔާސީ މައިދާނުގައި ހުރަހެއްނެތި މަޝްވަރާ ކުރެވެންޖެހޭ ކަންކަމަށް ހަދަންޖެހޭ ކަމަށާއި، ޓެކޮނޮލޮޖީގެ ކުރިއެރުންތަކުގެ ސަބަބުން މުޅިން އާ ދޮރުތަކެއް ހުޅުވެމުން އަންނަ ކަމަށެވެ.
"މިރޭ އަޅުގަނޑުމެން މި ކުރިމަތިލަނީ މިދެންނެވި ކަންތައްތަކަށާއި، އެހެނިހެން ގިނަ ކަންތަކަށް ހައްލު ހޯދައިދޭނެ ސިޔާސީ ޕްލެޓްފޯމެއް ވުޖޫދަށް ގެނައުމަށް. ދިވެހި އިލްމީ ޒުވާނުން އެމީހުންގެ އިލްމާއި ހުނަރު ބޭނުން ކޮށްގެން ގައުމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގައި ހަރަކާތްތެރި ކުރުވަން،" ފާރިސް ވިދާޅުވި އެވެ.