ލައިފްސްޓައިލް

ސުމެއް ލިބުނު ސަރަފީނާއަށް ގޫގުލް ސީއީއޯގެ ތައުރީފު

ގޫގުލް ސީއީއޯ ސުންދަރު ޕިޗާއީ އަކީ ދުނިޔޭގެ އެންމެ މަތީ ވަނައިގައި ގުނާލެވޭ ޓެކް ލީޑަރެއް އަދި ސައިންޓިސްޓެކެވެ. އޭނާ ވަނީ ކޮންޓަމް ފިޒިކްސް އިން 0 ލިބުނު ޒުވާން އަންހެނަކަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ސަބަބަކީ އެ އަންހެންމީހާއަށް މީގެ މަދު އަހަރު ތަކެއް ކުރިން ސުމެއް ލިބުމުން ވެސް ހިތްވަރުކޮށްފައި ސައިންސްގެ ރޮނގުން ކުރިޔަށް ގޮސް ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައިވާތީ އެވެ.

މިއަދު ސަރަފީނާ ނަންސޭ އަކީ ދުނިޔޭގެ އެންމެ މަތީ އެއް ޔުނިވާސިޓީ ކަމަށްވާ ބާކްލޭގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ އެސްޓްރޯފިޒިކްސްގެ ރޮނގުން ތައުލީމު ހާސިލުކުރާ ދަރިވަރެކެވެ. އޭނާ ރިސާޗް ކުރަމުން ދަނީ ސުޕަނޯވާ އެވެ.

ސަރަފީނާ ކުރި ޓުވީޓެއްގައި މި ވާހަކަތައް ހިއްސާކޮށްފައި ވެއެވެ. އޭނާބުނި ގޮތުގައި މީގެ ހަތަރު އަހަރު ކުރިން އޭނާއަށް ކޮންޓަމް ފިޒިކްސް އިން ލިބުނީ ސުމެކެވެ. އެހެންވެ ޕްރެފެސަރާ ބައްދަލުކޮށް ފިޒިކްސް ކިޔެވުން ހުއްޓާލާ އިތުރަށް ކިޔެވާނެ ރޮނގު ވެސް ބަދަލު ކުރަން އޭނާ ޚިޔާލު ކުރި އެވެ. ނަމަވެސް އެގޮތަށް ކަންތައް ނުކޮށް ސައިންސްގެ ރޮނގުން އިތުރު ހިތްވަރަކާއެކު މަސައްކަތް ފެށީ އެވެ. އަދި މިހާރު އޭނާއަކީ އެސްޓްރޯފިޒިކްސްގެ ރޮނގުން ޕީއެޗްޑީ އަށް ކިޔަވާ ދަރިވަރެއް ކަމަށާއި ދެ ރިސާޗް ޕޭޕާ ޝާއިއުކޮށްފި ކަމަށް އޭނާގެ ޓުވީޓްގައި ވެއެވެ.

ސަރަފީނާ ބުނި ގޮތުގައި ސްޓެމް އަކީ އެންމެންނަށް ވެސް ކިޔަވަން އުނދަގޫ އެއްޗެކެވެ. ދަށް މާކްސް ލިބުމުގެ މާނައަކީ އެކަމެއް ނުވާނެއެކޭ ނޫނެވެ.

ސަރަފީނާގެ މި ޓުވީޓް ގޫގުލް ސީއީއޯގެ ލޮލުގައި އަޅައިގަނެ އޭނާ ވަނީ ސަރަފީނާގެ ޓުވީޓަށް ކޮމެންޓްކޮށްފަ އެވެ. ސުންދަރު ޕިޗާއި ލިޔެފައިވާ ގޮތުގައި ސަރަފީނާ އެ ބުނީ ވަރަށް ރަނގަޅު އަދި އުންމީދުން ފުރިގެންވާ ވާހަކަ އެކެވެ.
އުރަމަތީގެ ކެންސަރު ޖެހިގެން އެ ބައްޔަށް ބޭސްކޮށް މިހާރު ރަނގަޅުވެފައިވާ 26 އަހަރުގެ ސަރަފީނާގެ ޓުވީޓުގައިވާ ހިތްވަރުލިބޭ ވާހަކަތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އެމީހުންގެ އަމިއްލަ ހަޔާތުގައި މިފަދަ ތަޖުރިބާތައް ވެސް ހިއްސާކޮށްފައި ވެއެވެ.

ޖޯޖް ވޯލިޓިސް ކިޔާ މީހަކު ބުނި ގޮތުގައި ކުޑައިރު ދަށް ގްރޭޑްތަކުގައި އުޅުނުއިރު އޭނާއަށް ޕްލާންޓް އީކޮލޮޖީން ލިބެނީ ސީ އެކެވެ. އެހެންވެ އޭނާގެ ހިތް ހަލާކުވި އެވެ. ނަމަވެސް ޕްރޮފެސަރާ ވާހަކަ ދައްކައިގެން ހިތްވަރާއެކު މަސައްކަތް ފެށުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އޭނާއަކީ ޕްލާންޓް އީކޮލޮޖީން ޕީއެޗްޑީ ހާސިލުކޮށްފައިވާ އަދި އެ ރޮނގުން 20 އަހަރު ދުވަހު ކިޔަވައިދީފައިވާ ޕްރޮފެސަރެކެވެ.