އޮމެގާ-3 އަކީ ވަރަށް މުހިއްމު ފެޓެކެވެ. މި ފެޓްސްގެ ސަބަބުން ސިއްހީ ގޮތުން ވަރަށް ފައިދާ ކުރެ އެވެ. އޮމެގާ-3 އަކީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ބޭނުން ކުރަން ރަނގަޅު އެއްޗެއް ކަމަށް ބެލެވިފައިވީ ނަމަވެސް ހަގީގަތުގައި މީގެން ލިބޭ ފައިދާ އާ ބެހޭ ގޮތުން ސައިންސްވެރިންގެ ޚިޔާލު ވެސް ތަފާތެވެ. އެހެން ކަމުން އޮމެގާ-3 ގެ ފައިދާއާ ބެހޭ ސުވާލަށް އަދި އޮތީ ޖަވާބެއް ނުލިބި އެވެ.
އެއްބައި ސައިންސްވެރިން ބުނަނީ އޮމެގާ-3 އަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކުރާ އެއްޗެއް ކަމަށެވެ. މިއީ ވެސް މި ފަހުން ސައިންސްވެރިން ހެދި ދިރާސާއެއްގައި އަލިއަޅުވާލި މުހިއްމު އެއް ކަމެވެ.
ސައިންސްވެރިން ވަނީ އޮމެގާ-3 ގެ ގެއްލުމާއި ފައިދާތަކާ ގުޅޭ މުޅިން އާ ދެ ދިރާސާ ރިޕޯޓެއް ފިލަޑެލްފިއާގައި އޮތް އެމެރިކަން ހާޓް އެސޯސިއޭޝަން ސައިންޓިފިކް ސެޝަން އަށް ހުށަހަޅާފަ އެވެ.
މީގެން ފުރަތަމަ ދިރާސާއިން ދެއްކި ގޮތުގައި އޮމެގާ-3 ގިނަ ވުމަކުން ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރެއް ނުވެ އެވެ. މި ބާވަތުގެ ކެންސަރާއި އޮމެގާ-3 ސަޕްލިމެންޓަ ގުޅުމެއް ނެތެވެ.
ސައިންސްވެރިންގެ ހޯދުމުން ދެއްކި ގޮތުގައި އޮމެގާ-3 އަކީ ހިތުގެ ސިއްހަތަށް ވަރަށް ރަނގަޅު އެއްޗެކެވެ. މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިޔާ ވިދާޅުވީ މި ހޯދުން ހޯދަން ބޭނުންވީ ހިތުގެ ސިއްހަތު ރަނގަޅުކުރަން "އޮމެގާ -3 ކާން ދީގެން އެ މީހުންނަށް ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާ އިތުރު ނުވާނެކަން ޔަގީން ކުރުމަށެވެ.