ބޮލީވުޑް

ސަލްމާންގެ ދެ ފިލްމަކަށް އިލިއާނާ ނޫނެކޭ ބުނީ ކީއްވެ؟

އިލިއާނާ ޑިކްރޫޒް އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި މިހާރު ގުނާލެވޭ އެކްޓަރެކެވެ. "ބަރްފީ" އާއި "ރުސްތުމް" އަދި "މައި ތޭރާ ހީރޯ"ގެ ބަތަލާގެ އެންމެ ފަހު ފިލްމު "ޕާގަލްޕަންތީ" މިދިޔަ ހުކުރު ދުވަހު ވަނީ ރިލިޒް ފިލްމު ބެލި މީހުންނާއި ކްރިޓިކްސްގެ ފަރާތުން ފިލްމަށް ވަރަށް މަސްހުނި ޚިޔާލުތަކެއް ފާޅުކޮށްފައި ވީނަމަވެސް އިލިއާނާ އަށް ގިނަ ބަޔަކު ވަނީ ވަރަށް ތައުރީފު ކޮށްފަ އެވެ.

މިހާތަނަށް އަކްޝޭ ކުމާރު، ވަރުން ދަވަން އަދި ރަންބީރު ކަޕޫރާއެކު މަސައްކަތް ކޮށްފައިވާ އިލިއާނާއަށް ސަލްމާން ޚާންގެ ދެ ފިލްމަކުން މީގެ ކުރިން ޖާގަ ލިބި އޭނާ ވަނީ އެ ދެ ފިލްމަށް ވެސް ނޫނެކޭ ބުނެފަ އެވެ.

ސަލްމާންގެ "ކިކް" އާއި "ވޯންޓަޑް"ގެ ބަތަލާކަން އޭނާ ގަބޫލުނުކުރި ސަބަބު އިލިއާނާ ވަނީ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ކިޔައިދީފަ އެވެ. އިލިއާނާ ބުނި ގޮތުގައި "ކިކް"ގައި އޭނާއަށް ލިބުނީ އާއިޝާ ޓާކިޔާ އަދާކުރި ރޯލެވެ.

އެ ފިލްމު ގަބޫލު ނުކުރެވުނީ އިމްތިހާނު ދުވަސްވަރު ވީމަ ކަމަށާއި "ވޯންޓަޑް"ގައި ޖެކްލީން ފެނާންޑިސް ކުޅުނު ރޯލު ވެސް ފުރަތަމަ ލިބުނީ އޭނާއަށް ކަމަށް އިލިއާނާ ބުންޏެވެ. އެ ރޯލު ދޫކޮށްލީ އެ ވަގުތު އެހެން ފިލްމެއްގެ މަސައްކަތުގައި އުޅެން ޖެހުމުން ވަގުތު ނުދެވިގެންނެވެ.

އިލިއާނާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަން އާއި އާނަންދް ޕަންޑިތުގެ "ދަ ބިގް ބުލް" ހިމެނެ އެވެ. މި ފިލްމުގެ ބަތަލަކީ އަބީޝެކް ބައްޗަން އެވެ.