ލައިފްސްޓައިލް

ދެ މީހުންގެ އެއް އެކައުންޓް: އެކަކު ޖަމާކުރަނީ، އަނެކަކު ނަގަނީ

އިންޑިޔާގެ ބޭންކަކަށް އޮޅިގެން ދެ މީހަކަށް އެއް ނަމްބަރެއްގެ އެކައުންޓެއް ހުޅުވައިދީފި އެވެ. މިކަން ދިމާވީ ވަރަށް ހެއްވާ ގޮތަކަށެވެ. ނޮވެމްބަރު 8، 2016 ގައި އިންޑިޔާގެ ބޮޑުވަޒީރު ވަރަށް ކުއްލި ގޮތަކަށް އެ ގައުމުގައި ދައުރުވަމުންދާ ފައިސާގެ ތެރެއިން 500 ރުފިޔާގެ ނޫޓާއި 1000 ރުފިޔާގެ ނޫޓު ބޭނުން ކުރުން ހުއްޓުވި އެވެ. ކަޅު ފައިސާ އާއި ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ އެވެ.

މިހެން ކަންތައް ވެފައި ވަނިކޮށް އެ ގައުމުގެ މަދްޔަ ޕްރަދޭޝްގެ ބިންޑް ޑިސްޓްރިކްޓްގެ މީހަކު ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރާ ވަކި މީހެއް ނޭނގި ފައިސާ ޖަމާވާން ފެށި އެވެ. ކޮންމެ މަހަކުވެސް ފައިސާ ޖަމާވަމުން ދާތީ އެކައުންޓުގެ ވެރިފަރާތުން ހުރީ ވަރަށް އުފަލުންނެވެ. އޭނާ ހީކުރީ އެ ފައިސާއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވައުދުވެ ވަޑައިގެންފައިވާ ފަދައިން ކަޅު ފައިސާގެ ބަދަލުގައި ލިބުނު ފައިސާ އެ ގައުމުގެ ރައްޔިތުންނަށް ބަހަނީ ކަމަށެވެ.

ހަގީގަތުގައި މިކަން ވީ މިހެނެއް ނޫނެވެ. މިއީ އާލަމްޕޫރުގައި ހުންނަ އެސްބީއައި ބްރާންޗްގެ މެނޭޖަރު ރާޖޭޝް ސޯންކަރް އަށް އެރި އޮޅުމަކުން ދިމާވި ކަމެކެވެ. ތަފާތު ދެ ކަސްޓަރަމަރަށް އެއް އެކައުންޓް ނަންބަރެއް މެނޭޖަރަށް ދޫކުރެވުނީ އެވެ.

ރުރާއި ވިލެޖްގެ ހުކުމް ސިންގް އަށާއި ރޯނީ ވިލެޖްގެ ހުކުމް ސިންގްގެ ޕާސްބުކްގައިވާ މައުލޫމާތުތައް ވަރަށް އެއްގޮތެވެ. ހަމައެކަނި ތަފާތުވަނީ ފޮޓޯއެވެ. މާނައަކީ އެއް އެކައުންޓެއްގެ ވެރިފަރާތުގެ ގޮތުގައި ދެ މީހުން ތިބުމެވެ.

ބޭންކްގައި އެކައުންޓް ހުޅުވުމަށްފަހު ރުރާއީ ވިލެޖުގެ ހުކުމް ސިންގް ދިޔައީ ވަޒީފާއެއް ހޯދަން ހަރްޔާނާ ކިޔާ ރަށަށެވެ. އެރަށުން ވަޒީފާއެއް ހޯދައިގެން ލިބެމުންދިޔަ ފައިސާ އޭނާ ޖަމާ ކުރަމުން ދިޔައީ އެސްބީއައި އެކައުންޓަށެވެ.

ދެ ވަނަ މީހާ އަކީ ރޯނީ ވިލެޖްގެ ހުކުމް ސިންގް އެވެ. އޭނާގެ އެކައުންޓަށް ކޮންމެ މަހަކުވެސް ފައިސާ ޖަމާވަމުންދާކަން މި ހުކުމް ސިންގް އަށް އެނގެ އެވެ. އޭނާ ހީކުރީ އެއީ މޯދީޖީ ދެއްވާ އެއްޗެއް ކަމަށެވެ. އެހެންވެ ހަ މަސް ތެރޭ އޭނާ ވަނީ 89،000 ރުޕީސް ނަގާފަ އެވެ.

"އެކައުންޓަށް ލާރި ވަދޭ ބަރާބަރަށް. އަހަރެން ހީކުރީ މޯދީޖީ ދެއްވަނީ އޭ. އެހެންވެ ނަގަނީ. އަހަރެންގެ އަތުގަ ފައިސާނެތުން އަހަންނަށް ފައިސާގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައި ވަނީ،" އޭނާ ބުންޏެވެ.

ދެ މީހުންނަށް އެ އެކައުންޓް ނަންބަރެއް ދެވިގެން އުޅޭކަން އެނގުނީ މިދިޔަ މަހު ފައިސާ ޖަމާކުރި ހުކުމް ސިންގް ފައިސާ ނަގަން މަސައްކަތް އޭނާގެ އެކައުންޓުން ފައިސާ ނުނެގުނީމަ އެވެ.

އޭނާ ޗެކްކުރިއިރު އޭނާގެ އެކައުންޓްގައި ހުރީ އެންމެ 34،400 ރުޕީސް އެވެ. ހަގީގަތުގައި އޭނާގެ އެކައުންޓްގައި 140،000ރުޕީސް ހުންނަން ޖެހެ އެވެ. އެހެންވެ ބޭންކް އޮފިޝަލުންނަށް ޝަކުވާ ހުށަހެޅީ އެވެ.

މިއީ ބޭންކްގެ ކުށެއްކަމަށް ބޭންކުން އެއްބަސްވިޔަސް މިކަން ހައްލުކުރާނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. ހުރިހާވެސް ދެރައެއް ލިބުނީ ފައިސާ ޖަމާކުރި ހުކުމް ސިންގް އަށެވެ.