ދުނިޔެ

ކެންޔާގައި ބިންގަނޑު ކަނޑައިގެން ގޮސް 36 މީހުން މަރުވެއްޖެ

ބޯ ވިއްސާރާގައި ކެންޔާގެ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުން 36 މީހަކު މަރުވެއްޖެ އެވެ. ކެންޔާއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ގިނަ ކޯރުތައް ފުރި ބިންގަނޑު ކަނޑައިގެން ދާ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން ކެންޔާއަށް ދަނީ ބޯކޮށް ވިއްސާރަ ކުރަމުންނެވެ.

ކެންޔާގެ ހެލްތު އޮފިޝަލަކު ވިދާޅުވީ އޭގެ ތެރެއިން ހަ މީހަކު މަރުވީ ޔޫގެންންޑާ އާއި ކެންޔާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރެއް ކައިރިން ބިންގަނޑު ކަނޑައިގެން ދިޔުމާ ގުޅިގެން ކަމަށެވެ. އެ ސަރަހައްދުގައި މިހާރު ވެސް ފެން ބޮޑުވެ، މަގުތަކަށް ގިނަ އަދަދަކަށް ވަނީ ކިސަޑު ފައިބާފަ އެވެ.

އެ އޮފިޝަލް ވިދާޅުވީ، ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދުތަކުގައި ދޮޅު ފޫޓަށް ކިސަޑު އުފެދިފައިވާ އިރު އެހިސާބުގައި މިހާރު ވެސް ގިނަ ބަޔަކު ތާށިވެފައި ތިބި ކަމަށެވެ.

އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުން މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެ އެވެ. މިހާރުވެސް އަސްކަރިއްޔާއަށް ގިނަ އާއިލާތަކެއްގެ މެމްބަރުން ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ފެނިފައިވާ ކަމަށް ވެއެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ކެންޔާގެ ހެލްތް ދާއިރާ އާއި އަސްކަރިއްޔާ ހިމެނޭ ގޮތަށް 500 އުޅަނދު ދަނީ ހަރަކާތްތެރި ވަމުންނެވެ. މަގުތަކުގައި ކިސަޑު އުފެދިފައި ވުމުން މި ވެހިކަލްތަކަށް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދަން ދަތިތަކަކާ ކުރިމަތިވެފައި ވެއެވެ.