ލައިފްސްޓައިލް

އޯވޭރިއަން ކެންސަރު ޖެހުނު 19 އަހަރުގެ އެނާ މާރިއާ

އެނާ މާރިއާ ސުޒްލޭ އަކީ އުމުރުން 19 އަހަރުގެ އަންހެންކުއްޖެކެވެ. އޭނާއަށް ފުރަތަމަ ދިމާވާން ފެށި ކަމަކީ މާ ބޮޑަށް ވަރުބަލިވާން ފެށުމެވެ. ދަރިވަރަކަށް ވަތީ އެނާ ހީކުރީ އޭނާ ވަރުބަލިވަނީ އެގްޒޭމް ސްޓްރެސްގެ ސަބަބުން ކަމަށެވެ. ހަގީގަތުގައި އޭނާއަށް ޖެހުނީ އޯވޭރިއަން ކެންސަރެވެ.

އޯވޭރިއަން ކެންސަރުގެ އަލާމަތްތައް އެއްގޮތަކަށް ވެސް އޭނާއަކަށް ނުފެނެ އެވެ. އެހެންވެ އިމްތިހާނުގެ ސްޓްރެސް ކަމަށް ބެލެވުނީކަމަށް އެނާ ބުންޏެވެ.

އެނާ އަކީ އޮކްސްފޯޑް ބްރޫކްސް ޔުނިވަސިޓީގައި ލޯ ޑިގްރީއަކަށް ދެވަނަ އަހަރު ކިޔަވަމުންދިޔަ ދަރިވަރެކެވެ. ސެޕްޓެމްބަރު 2017 ގައި އެނާ ކުއްލިއަކަށް މާ ބޮޑަށް ވަރުބަލިވެ ބަލިވާން ފެށި އެވެ. ނަމަވެސް ބުރަކޮށް ކިޔެވުމުގައި އުޅޭތީ ޑޮކްޓަރަކަށް ނުދައްކާ އޭނާ ވަރަށް ގިނަ ދުވަހު ބައްޔާ މެދު އަޅާ ނުލާ ހުއްޓެވެ.

އެންމެ ފަހުން އޭނާއަށް ކެތް ނުކުރެވޭ ވަރު ވެގެން ޑޮކްޓަރަށް ދެއްކީ އެ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިން ފަހަރަށް ޑޮކްޓަރަށް ދެއްކި ފަހުން އޭނާއަށް އެހެން ޑޮކްޓަރަކަށް ދައްކަން އޭނާ ދެއްކި ޑޮކްޓަރު އިރުޝާދު ދިނެވެ. މިއީ އޯވޭޜިއަން ކެންސަރުގައި ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ.

އިނގިރޭސިވިލާތުގެ އޯވޭރިއަން ކެންސާ އެކްޝަން އިން ހޯދާފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އާންމުކޮށް އޯވޭރިއަން ކެންސަރު ޑައިގްނޯސް ކުރެވެނީ އަށެއްކަ ފަހަރު ޑޮކްޓަރަށް ދައްކާ ފަހުންނެވެ. ޚާއްސަކޮށް އެނާ މާރިއާއަށް ޖެހިފައިވަނީ އޯވޭރިއަން ކެންސަރުކަން ދެނެގަންނަން އިތުރަށް އުނދަގޫވި އެވެ. އޭނާގެ އުމުރުގެ ހަގު ކަމުންނެވެ. އުމުރުން އެންމެ 19 އަހަރުގެ ކުއްޖަކަށް އޯވޭރިއަން ކެންސަރު ޖެހިދާނެ ކަމަށް ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟

ކެންސަރު ރިސާޗް ބުނާ ގޮތުން އިނގިރޭސި ވިލާތުގައި އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ލައްކަ އަކުން ދެ ކުދިންނަށް އެވްރެޖްކޮށް ކޮންމެ އަހަރަކު ވެސް އޯވޭރިއަން ކެންސަރު ޖެހެ އެވެ.

އެނާ ބުނި ގޮތުގައި އޭނާގެ މާ ބޮޑު މައްސަލައެއް ނެތް ކަމަށް ބުނެ ޑޮކްޓަރުން އޭނާ ވަރަށް ގިނަ ފަހަރަށް ފޮނުވާލި އެވެ. އޭނާ އުމުރުން ހަގު ކަމުންނެވެ. ނަމަވެސް އޯވޭރިއަން ކެންސަރަކީ ވަރަށް ބާރަށް ފެތުރޭ އެއްޗަކަށް ވާތީ ބަލީގެ ކުރީކޮޅު ފަރުވާ ލިބުން މުހިއްމެވެ.

އެނާ އަށް ބަލީގެ އަލާމާތްތައް ފެންނަން ފެށީ ބަނޑުގައި ވައި ހެދި ބަނޑު ފުއްޕުމާއި ބަރުދަން ލުއިވުން އަދި ބޮޑުކަމު ދިއުމުގެ އާދައަށް އައި ބަދަލުންނެވެ. މިއީ އޯވޭރިއަން ކެންސަރުގެ އަލާމާތްތަކަށް ވާއިރު މިއީ ވަރަށް ގިނަ އެހެން ބަލިބަލީގެ ވެސް އަލާމާތްތަކެކެވެ. އެހެންވެ ކަނޑައެޅިގެން އޭނާގެ މައްސަލައަކީ އޯވޭރިއަން ކެންސަރުކަން ދެނެގަންނަން އުނދަގޫވީ އެވެ.

ތިން ވަނަ އަށް އެނާ ދެއްކި ޑޮކްޓަރު އެނާގެ ބަލީގެ އަލާމަތްތަކާ މެދު ތަފާތު ނަޒަރަކުން ބެލި އެވެ. ޑޮކްޓަރު ވިދާޅުވީ އެ މީހެއްގެ ހަށިގަނޑު އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށް ކަމަށާއި އެނާއަށް އޭނާގެ ހަށިގަނޑުގައި މައްސަލަތަކެއް އުޅޭކަމަށް ހީވާނަމަ ލޭ ޓެސްޓްކޮށް ސްކޭންކޮށްގެން މައްސަލަ ދެނެގަންނަން މަސައްކަތް ކުރަން ފެންނަ ކަމަށެވެ.
ސްކޭން ހެދުމުން އެނާގެ އޯވަރީގައި އެއްޗެއް އުފެދިފައި ހުރިކަން އެނގުނެވެ. އަދި އިތުރު ޓެސްޓްތަކުން އޭނާއަށް ކެންސަރު ޖެހިފައިވާކަން ޔަގީންވި އެވެ.

އޯވޭރިއަން ކެންސަރުގެ އެންމެ މައިގަނޑު ހަތަރު އަލާމާތަކީ ބަނޑުގައި ވަރަށް ގަދަޔަށް ބަނޑުގައި ރިހުމާއި، ވަރަށް ބޮޑަށް ބަނޑު ފުއްޕުން، ކާން އުނދަގޫވުން، ވަރަށް އަވަހަށް ބަނޑުފުރިފައިވާ ކަމުގެ އިހްސާސް ކުރެވުން އަދި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުމެވެ.

މީގެ އިތުރުން ބުރަކަށީގައި ރިއްސުން، ބޮޑުކަމުދިއުމުގެ އާދައަށް ބަދަލުއައުން (މާ ގިނަ ގިނައިން ދާން ޖެހުން ނުވަތަ މާ މަދު މަދުން ދާން ޖެހުން) ހިމެނެ އެވެ. އަދި ވާ ވަކި ކަމެއް ނޭނގި މާ ބޮޑަށް ވަރުބަލިވުން ވެސް މިއީ އޯވޭރިއަން ކެންސަރުގެ ނިޝާނެކެވެ.

ކެންސަރުގެ އަލާމާތްތައް ފެންނަން ފެށުމާއި ސާޖަރީ ހަދައިގެން ކެންސަރު ޖެހިފައިވާ ބައި ނެގުމާ ދެމެދު ލިބެނީ އެންމެ ހަ މަހެއްހާ ދުވަހުގެ މުއްދަތެކެވެ. މިއީ ބަލި ފެތުރޭލެއް ހަލުވިކަން ދައްކައިދޭ ކަމެކެވެ.

ޖެނުއަރީ 2018 ގައި އެނާ ސާޖަރީ ހަދައިގެން ކެންސަރު ޖެހިފައިވާ ބައިތައް ނެގިއިރު އޭނާގެ ބަލިހުރީ ތިން ވަނަ ސްޓޭޖްގަ އެވެ. އޭގެ ފަހުން ކީމޯތެރަޕީ ހަދަން ފެށި އެވެ. އޭނާ ބުނި ގޮތުގައި ކީމޯތެރަޕީ އަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. އޭނާގެ ލޭ ވިހަވެ ލޭ ގަނޑުގަނެ އެނޫންވެސް ވަރަށް ގިނަ މައްސަލަތައް ދިމާވެ ވަރަށް ވޭން ތަހައްމަލުކުރަން ޖެހުނެވެ.

ކެންސަރުގެ ފަރުވާ ހޯދަމުން ދިއުމުގެ ސަބަބުން ކިޔަވަން ނުދެވި އެނާއަށް ޔުނިވަސިޓީގެ ކިޔެވުން ހުއްޓާލަން ޖެހުނެވެ. އެނާ އަކީ މިހާރު އޯވޭރިއަން ކެންސަރަށް މީހުން ހޭލުންތެރި ކުރުވަން މަސައްކަތްކުރާ މީހެކެވެ. އިނގިރޭސި ވިލާތުގައި އޯވޭރިއަން ކެންސަރު ޖެހިގެން ކޮންމެ ދެ ގަޑިއިރަކުން މީހަކު މަރުވާ ކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.