ރިޕޯޓް

ނަސީބު ލައްވާލީ ހަތް ވަނަ ދަތުރުގައި!

ޔޫރަޕުގެ ފިނީގައި އުޅެފައި އައިސް އޭނާ ބޯޓުން ފޭބުމާއެކު މަރީނާ ކަޒަކޯވާ ލިބިގެން ދިޔައީ އާދަޔާ ހިލާފު ހިތްހަމަޖެހުމެކެވެ. ރާއްޖޭގެ ސާފުވަޔާއި މާހައުލުގެ ހޫނުކަމުގެ އިހުސާސް ކުރެވެމުން ދިޔައިރު މޫނު މަތިން ދަތުރުގެ ވަރުބަލިކަމުގެ އިހުސާސް ދިޔައީ ފެންނަމުންނެވެ. އެހެންވެ، ރިސޯޓަށް ދެވޭނެ ވަގުތެއްގެ އިންތިޒާރުގައި ފިރިމީހާގެ އަތުގައި ހިފަހައްޓާލައިގެން އިމިގްރޭޝަން ކިޔޫގައި އޭނާ ހުރީ ރާއްޖެ އެތެރެވެވޭނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.

ހެނދުގެ ވަގުތަކަށްވުމުން މުޅި އެރައިވަލް ޓާމިނަލް ފުރިގެން ތޮއްޖެހިފައި އޮތްއިރު ކިޔޫ ފެންނަނީ ދިގުކޮށެވެ. މިއީ މަރީނާ ކަޒަކޯވާ ރާއްޖެ އަލަށް އައި ދަތުރެއް ނޫނެވެ. އެހެންވެ މި ކިޔޫގައި ހުރުމަކީ އޭނާއަށް އާކަމެއް ނޫނެވެ. އެހެންވެ ވަކިން ތަފާތު އިހުސާސެއް ވެސް ނެތެވެ.

ކުއްލި އަކަށް މުޅި ދުވަހުގެ "މޫޑު" ބަދަލުކޮށްލީ، އިމިގްރޭޝަން އޮފިޝަލަކު އޭނާއަށް ބުނި އެއްޗަކުންނެވެ. އޭނާ އެ ބުނި އެއްޗެއް ސާފު ނުވެ، ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓައި ތަކުރާރު ކުރި އެވެ. "ދިވެހިރާއްޖެ އަށް ވަރަށް ބޮޑަށް މަރުހަބާ، ތިއީ މި އަހަރު ރާއްޖެއަށް އައި 1.5 މިލިއަން ވަނަ މީހާ،" މިއީ މި އަހަރު ރާއްޖެ އަށް އައި 1.5 މިލިއަން ވަނަ ޓޫރިސްޓަށް ހޮވުނު ރަޝިޔާގެ މަރީނާ ކަޒަކޯވާ ގެ ނަސީބު ލައްވާލި ވަގުތު ކޮޅެވެ.

"ވަރަަށް ބޮޑަށް އުފާވެއްޖެ. ރާއްޖެ އަކީ އަބަދު ވެސް އެންމެ އަންނަން ބޭނުންވާ ގައުމު،" ފިލިތެޔޮ ރިސޯޓުގައި ޗުއްޓީ ހޭދަކުރަން އައި މާރީނާ ބުންޏެވެ.

މިއީ އޭނާ ރާއްޖެ އައި ހަތް ވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެ އައީ ދެހާސް ސާދަ ވަނަ އަހަރު އެވެ. އޭގެ ފަހުން ސަން ޝިޔާމް އިރުފުއްޓާއި ސަން އަކުވާ ވިލުރީފް އަދި ކުރުނބާ މޯލްޑިވްސްގައި ވެސް އޭނާ ޗުއްޓީ ހޭދަކުރި އެވެ. އެހެންވެ އޭނާގެ އަބަދުވެސް "ފެވަރިޓް" މަންޒިލަކީ ރާއްޖެ އެވެ. އެކަމަކު މި ފަހަރު އޭނާގެ އިހުސާސް މުޅިން ތަފާތެވެ. މި ފަހަރު ރާއްޖެ އައުމުން ކިޔާފައިވާ ހޫނު މަރުހަބާ ވެފައިވަނީ އޭނާ ހިތުން ދުވަހު ވެސް ފިލައި ނުދާނެ ކަމަކަށެވެ.

"ހަތް ފަހަރު ރާއްޖެ އާދެވިއްޖެ. އެކަމަކު މި ފަހަރު މުޅިން ތަފާތު،" މާރީނާ ބުންޏެވެ.

މި އަހަރު ރާއްޖެ އައި 1.5 މިލިއަން ވަނަ ޓޫރިސްޓަށް ހޮވުމާއެކު އޭނާއަށް ވަނީ ހިލޭ ޗުއްޓީ ދަތުރެއް ލިބިފަ އެވެ. މަރީނާ ކަޒަކޯވާއަށް ވަނީ މިރިހި އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަން ހިލޭ ޗުއްޓީ ޕެކޭޖެއް އެ ރިސޯޓުން ދީފަ އެވެ. މިއާއެކު ރަޝިޔާ އިން ރާއްޖެއަށް އަންނަން ދެކޮޅު ޓިކެޓު ވަނީ އެމްއެމްޕީއާރުސީއިން ދީފައި ވެއެވެ.

ފީނުމަށް ލޯބިކުރާ، މަރީނާ ގަބޫލުކުރާ ގޮތުގައި ޗުއްޓީ ހޭދަކުރަން ހަތް ދުވަހަކީ ރާއްޖޭގައި މަދު އަދަދެކެވެ.

"ރާއްޖޭގައި ބައިވެރި ކަންތައް އެބަހުރި. އަސްލު ރާއްޖޭގައި ކުރަން ހުރި ކަންކަމާ ބަލާއިރު ހަތް ދުވަސް މާމަދު. ރާއްޖޭގައި އެހެންވެ އަންނާނީ ދިހަ ދުވަހަށް،" ހަތް ވަނަ ދަތުރުގެ ނަސީބު ލައްވާލި މާރީނާ ބުންޏެވެ.