ހަބަރު

ސަރުކާރު ވަޒީފާއިން ޝާން ވަކިކޮށްފި

Nov 24, 2019
2

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ވަޒީފާ އިން ވަކިކޮށްފި އެވެ.

އެމްޑީޕީގެ އިސް ބޭފުޅުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ޝާންއަކީ އަފްރާޝީމް މަރާލުމުގައި އަމާލީ ގޮތުން ބައިވެރިވި މީހެއް ކަމަށް މަރު ކޮމިޝަން އިން ކުރި ތަހުގީގު ރިޕޯޓުގައި ވަނީ ތުހުމަތުކޮށްފަ އެވެ. އެކަން ހާމަވި އިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ޖީއެމްއައިޒެޑްއެލްގެ ތިލަފުށީ ޖެޓީ ސުޕަވައިޒަރެއްގެ ގޮތުގަ އެވެ.

މަރުގެ ރިޕޯޓު މުއައްސަސާތަކަށް ފޮނުވުމާއެކު ޖީއެމްއައިޒެޑްއެލް އިން ވަނީ އޭނާ ސަސްޕެންޑުކޮށްފަ އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) "އަވަސް"އަށް މިއަދު ވިދާޅުވީ ސަސްޕެންޑު ކުރި ދުވަސް ނޫން އަނެއް ދުވަހު އޭނާ ވަޒީފާއިން ވެސް ވަކިކޮށްފައިވާ ކަމަށެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ޝާންގެ މައްޗަށް ކުރި އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ދައުވާގައި އެކަށީގެންވާ ހެކި ނެތިގެން މައްސަލަ ސާބިތު ނުވެ އޭނާ މިނިވަންވި އެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރުން އޭނާގެ ފައިގައި ޓެގު ވެސް އެޅުވި އެވެ. އެ މައްސަލާގައި އޭރު ސަރުކާރާ ކޯލިޝަން ހަދާފައިވާ އެމްޑީއޭ މެދުވެރިކޮށް ޝާންގެ ފައިން ޓެގު ނައްޓާލުމަށް ޕްރެޝަރު ކުރުމުން ޓެގު އެޅުވުމުގެ ބާރު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަތުން އަތުލައި ކޮމިޓީއަކަށް އެ ބާރު ދިނެވެ.

އޭގެ ފަހުން މަރު ކޮމިޝަންގެ ރިޕޯޓު ރައްޔިތުން މަޖިލީހަށް ފޮނުވައި އެ ދިރާސާ ކުރުމަށް އެކުލަވާލި ސަބް ކޮމިޓީ ރިޕޯޓުން އޭނާގެ ނަން އުނި ކުރި އެވެ. ނަމަވެސް ފަހުން އޭނާގެ ނަން އަލުން ވަނީ ހިމަނައި ރިޕޯޓު ފާސްކޮށްފަ އެވެ.