އަމިތު ސަދު އަކީ ވަރަށް އާދައިގެ ސެކިއުރިޓީ ގާޑެއްގެ ވަޒީފާ ވެސް އަދާކޮށްފައިވާ މީހެކެވެ. ފިލްމު ކުޅުމުގެ ހުވަފެން ދެކެމުން އަމިއްލަ ރަށް ދޫކޮށް އަމިތު މުމްބައީއަށް ދިޔައިރު އޭނާގެ ޖީބުގައި އޮތީ އެންމެ 300 ރުޕީސް އެވެ. އެހެންވެ އެންމެ ފުރަތަމަ ލިބުނު ވަޒީފާ އޭނާ ގަބޫލު ކުރީ އެވެ. މަޑުމަޑުން ޓީވީ މަސައްކަތްތައް އޭނާއަށް ލިބެމުން ގޮސް މިހާރު އަމިތު އަކީ ފިލްމުތަކުގައި ވެސް މަސައްކަތް ކުރާ އެކްޓަރެކެވެ.
އަމިތު ގަބޫލުކުރާ ގޮތުގައި އޭނާގެ މި ދިގު ދަތުރުގައި ހިތްހަމަޖެހޭ ހިސާބަކަށް މިހާރު ދެވިއްޖެ އެވެ. މަޝްހޫރު ޓީވީ ޝޯ "ބިގް ބޮސް" ގައި ބައިވެރިވެ ގިނަ ބަޔަކަށް އަމިތު ވަނީ އޭނާގެ ހަގީގީ މިޒާޖާއި ގޮތްތައް ދައްކުވައިދީ ބެލުންތެރިންގެ ހިތް އަތުލާފަ އެވެ.
އަމިތު އަކީ ވަރަށް ކުޅަދާނަ އެކްޓަރެއްކަން ބެލުންތެރިން ބަލައިގަތީ "ކައި ޕޯ ޗޭ" ގައި އޭނާ ކުޅުނު ރޯލަށް ފަހުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އަކްޝޭ ކުމާރުގެ "ގޯލްޑް" ގައި ވެސް މުހިއްމު ކެރެކްޓާއެއް ކުޅެފަ އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އަމީތު ބުނީ ވަރަށް ޝައުގުވެރިވާ ކަހަލަ ރޯލުތައް މިހާރު އޭނާއަށް ދަނީ ލިބެމުންނެވެ. އެހެންވެ އޭނާ ހުރީ ވަރަށް އުފަލުންނެވެ. ފިލްމުތަކުގެ އިތުރުން ވެބް ސީރީޒްތަކުން ވެސް އަމިތު އަށް ރަނގަޅު ރޯލުތައް ލިބެމުންދާކަމަށް އޭނާ ބުންޏެވެ.
"އަހަރެން ކަހަލަ ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކުރި މީހަކު މިހާ ދިގު ދަތުރެއް ކޮށް މި ހިސާބަށް އާދެވުމަކީ ޝުކުރުވެރިވާން ޖެހޭ ވަރުގެ ކާމިޔާބެއް ކަމަށް އަހަރެން ދެކެނީ،" އަމިތު ބުންޏެވެ.
އަމިތު މިހާރު ކުޅެމުންދަނީ "ޝަކުންތަލާ ދޭވީ" ބައޮޕިކް އެވެ. މި ފިލްމުގައި އަމިތަކީ ވިދްޔާ ބާލަންގެ ކެރެކްޓާގެ ފިރިމީހާ އެވެ. އަދި ސަންޔާ މަލްހޯތުރާގެ ބައްޕަ އެވެ. މި ފިލްމަކީ "ހިއުމަން ކޮމްޕިއުޓާ" އެއްގެ ނަން ދީފައިވާ ހިސަބު އިލްމުގެ ޖީނިއަސް އެއް ކަމަށްވާ ޝަކުންތަލާ ދޭވީގެ ހަޔާތުގެ ސަފުހާ ތަކެއް ދައްކުވައިދޭ ފިލްމެކެވެ. އަނޫ މެނަން ޑައިރެކްޓްކުރާ މި ފިލްމު ރިލިޒްކުރާނީ އަންނަ އަހަރު އެވެ.