ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(21 ނޮވެމްބަރ 2019 އާ ގުޅޭ)

ސައިފްގެ ހިތަށް ލިބުނު ހާސްކަން އިތުރުވިއެވެ. ވީރާއާއި ހޭޒަލްއަކީ ރައްޓެހިންނަށްވާކަށް އެއްގޮތަށް ވެސް ސައިފް ބޭނުމެއްނޫނެވެ. އެހެންވެއްޖެއްޔާ ކަންތައްތައް ވަރަށް ގޯސްވެދާނޭ ސައިފްގެ ޟަމީރު ވެސް އެއްބަސްވިއެވެ.

ސައިކަލުން ފައިބައިގެން ދޮރޯށި ދޮށުގައި ވީރާ ހުއްޓިލުމާއެކު އޭނާގެ އަތުގައި ސައިފް ހިފާލިއެވެ. ދެ ޚިޔާލެއްގައި އިން ފަދައިން ވިރާއަށް ބަލާލިއެވެ. ސައިފް އެއްޗެއް ބުނަން އުޅެފައި ވެސް ދެފަރާތަށް ބޯހޫރާލިއެވެ.

"ވަޓް... ޓެލް މީ" ސައިފް ބުނަން އުޅުނު އެއްޗެއް އޮޅުން ފިލުވަން ވީރާ ބޭނުންވިއެވެ.

"ދަނީ... އޯކޭ ދޯ" ސައިފް ބުނެލިއެވެ. ވީރާ ހަމައެކަނި ބޯޖަހާލީއެވެ. އޭނާ ދޮރޯށްޓާ ދިމާއަށް އެނބުރިލަންވާއިރަށް ސައިފް ސައިކަލު ދުއްވާލައިފިއެވެ. ހަމައެހިނދު ފަހުން ގުޅާނަމޭ ވީރާ ބުނެލީ ތަންކޮޅެއް ބާރަށެވެ. ސައިފް ކަނާއަތް ހިއްލާލައި އިޝާރާތެއް ކޮށްލިއެވެ. ސައިކަލެއް މަޑެއްނުކުރެއެވެ. އޭނާ އެ ދިޔަ ގޮތަށް ދިޔައީއެވެ.

އެޕާޓްމެންޓްގެ ދޮރުހުޅުވީ ލިއަމްއެވެ. އޭރު ލިއަމްގެ މޫނުން ފާޅުވަނީ ހައިރާންކަމެވެ. ވީރާ އަންނަކަމެއް ހޭޒަލް ނުބުނެއެވެ. އެހެންވެ ލިއަމްއަށް އަހާލެވުނީ މަންމަ ވެސް ވީރާއާއެކު އައީތޯއެވެ. ލިއަމްއަށް ވީގޮތް އެނގި ލާނެތް ގޮތަކަށް ވީރާ ހީނގަތެވެ. އެޕާޓްމެންޓުގެ ތެރެއަށް އޭނާ ވަންނަމުން އައީ އެކަނި ކަމުގައި ބުނެލިއެވެ. އަދި ހޭޒަލް ކޮބާތޯ އަހާލިއެވެ. ދޮރުލައްޕާލިއިރު ލިއަމް ވެސް ހުރީ ޒާތަކަށް ހިނިއައިސްފައެވެ.

"ވީރާ..." ކޮޓަރިން ނުކުމެގެން އައި ހޭޒަލް ގޮވާލިއެވެ. އަތްދިގު ދަނބުކުލައިގެ ގަޔަށް ދޫ ޓީޝާޓު ކަކުލަށްވުރެ ތިރިއަށް ހުރިއިރު އޭގެ ދަށުން ހޭޒަލް ހުރީ އޭޝްގްރޭ ކުލައިގެ ސްވެޓްޕޭންޓެއް ލާފައެވެ. އޭނާގެ ދެފައިތިލަ އޮތީ އިސްޓާކީނުން ނިވާކޮށްފައެވެ. މަޣްރިބު ނަމާދުކޮށްލި ގޮތަށް ނަމާދު ދޮޅި ބޮލާ ވަކިކޮށްލާފައި އޭނާ އެ ނިކުތީ ބަޔަކު ވާހަކަދައްކާ އަޑު އިވިގެންނެވެ.

"އޯ ސޮރީ... ވީރާ އަންނަކަން ބުނަން ހަނދާންނެތުނީ..." ހޭޒަލް ބުނެލިއެވެ. ދާރިއަންއާއެކު ކޮފީ ނިންމާފައި ހޭޒަލް ގެއަށް އައި މަގުމަތީ ލިއަމް މާ އޮލަ ވާހަކައެއް ފެށުމުން ވީރާގެ މަތިން ހަޤީޤަތުގައި ވެސް ހޭޒަލް ހަނދާންނެތުނީއެވެ. އެހެން އެކަންވީކަން ރަނގަޅޭ ހޭޒަލްގެ ހިތަށް އެރިއެވެ. ފަހަރެއްގައި ވީރާ އަންނަން އުޅޭކަން އެނގި ލިއަމް އެހާ ގަޔާނުވެދާނޭ ހޭޒަލްއަށް ހީވާތީއެވެ.

"ކޯއްޗެއް ލައިގެން ތިހުރީ" ހޭޒަލްއަށް ބަލާލައި ވީރާ ބުނެލިއެވެ.

"ޒެއްލު މޫނުބުރުގާ އަޅާނީއޯ... އެހެންވެ މިހާރުއްސުރެ ޕްރެކްޓިސް، ބޮޑަށް ނިވާ ހެދުންލާން" މަޖަލަކަށް ހަދާ ލިއަމް ބުންޏެވެ. ވީރާގެ މޫނުން ފާޅުވީ ތަފާތު އަސަރެކެވެ.

"އިޔު!... ނޫން ދޯ..." ފަކުރު ގޮތަކަށް މޫނު ހަދާލުމާއެކު ވީރާ ބުނެލިއެވެ. ލިއަމް ހޭން ހުއްޓެވެ.

"ވީރާގެ ތުއްތޭއެއްނު އެބުނީ... އެހެންވީމަ ދެން ފެންނާނީ އޭގެ ހެދުމެއްގަ" ނިކަން ސީރިއަސްކަމާއެކު ވީރާއާއި ލިއަމްއަށް ނަޒަރު ހިންގާލަމުން ހޭޒަލް ބުންޏެވެ. ހަޤީޤަތުގައި އޭނާއަށް ލިއަމް ޖޯކުޖެހި ކަންތައް ގޯސްވީއެވެ.

"ހޭއި!... އައި ޑިޑިންޓް މީން ދެޓް" ލިއަމް ވަރަށް އަވަހަށް ބުނެލިއެވެ. އޭނާއަށް ކަމުނުދާނޭކަން ހޭޒަލްއަށް އެނގެއެވެ. ލިއަމްއާއި ހޭޒަލްއާ ދެމެދު ވާދަކިޔާނޭ ކަމެއް ފެށިދާނޭ ހީވެ ވީރާ އެ ދެމެދަށް ވަނެވެ.

"ތި އައީ އޮފީހުން ދޯ؟... އެއްޗެއް ކައިފިންތަ؟... ހިނގާ ކާން، ކޮފީއެއް ވެސް ހަދައިދީފާނަން" ހޭޒަލް ހިނިތުންވެލިއެވެ. ވީރާގެ އަތުގައި ހިފައިގެން ބަދިގެއާ ދިމާއަށް ހޭޒަލް ހިނގައިގަތެވެ. އެމީހުންނަށް ބަލަން ތިބެފައި ލިއަމް ވެއްޓިގަތީ ސޯފާއަށެވެ. އެތަން ފެނި ހޭޒަލްގެ ފިޔަވަޅު މަޑުޖެހިލިއެވެ. އޭނާ އެނބުރި ލިއަމްއަށް ގޮވާލިއެވެ. ނަމާދުނުކޮށްކަން އޮތީ ހަނދާންކޮށްލަ ދިނެވެ.

"އިރުކޮޅަކުން މިދަނީ" ލިއަމް ބުނެލިއެވެ. އެގޮތް ކަމުނުދިޔަ ނަމަވެސް ހޭޒަލް އިތުރަށް އެއްޗެކޭ ނުބުންޏެވެ.

"އޮފީސް ނިންމާފައި ކައިގެން މިއައީ... ޒެއްލު ކޮންވާހަކައެއްތަ ދައްކަން އުޅުނީ" ވީރާ ބުންޏެވެ. ދެ މީހުން ވެސް ތިބީ އައިލެންޑް ދޮށުގައެވެ. ހޭޒަލް އިނީ ވީރާއާ ދިމާއަށް އެނބުރިލައިގެންނެވެ. އޭނާގެ ނަޒަރު ސިޓިންރޫމަށް ދަތުރުކޮށްލި ތަން ވީރާ ދުށްޓެވެ.

"ތިއްތޭއާ ބެހޭ ކަމެއްތަ؟" ހޭޒަލްގެ ހަރަކާތްތަކުން ދޭހަވި ގޮތް ވީރާ ހާމަކޮށްލިއެވެ.

"ނޯ!... އިޓްސް އަބައުޓް ޔޫ..." ހޭޒަލް ވާހަކަދެއްކީ ސިއްރުންނެވެ. ހަމައެކަނި ވީރާއާއި ހޭޒަލްއަށް އަޑުއިވޭނޭހާ މަޑުންނެވެ.

"އަހަރެން..." ހައިރާންކަމާއެކު ވީރާއަށް ބުނެވުނެވެ.

"ސައިފް އެއީ ވީރާގެ ބޯއީފްރެންޑްތަ؟" ވާހަކަގިނަ ނުކޮށް ހޭޒަލް އެއްސެވެ. ވީރާއަށް ސިހުން ލިބުނުކަން އެ މޫނުން ހެކި ދެއެވެ. ހޭޒަލްގެ ނަޒަރު ހުރީ ވީރާގެ ކޮންމެ ހަރަކާތަކަށް ހުއްޓިފައެވެ.

"ކިހިނެއް ޒެއްލުއަށް އެނގުނީ" ހަޤީޤަތް ހާމަކުރަން ވީރާ ފަސްޖެހުނެވެ.

"އަހަރެން ކުރިން ވެސް އޭނާ ދަންނާތީ... ތުއްތޭއާއެކު ދުއްވާލަން ނުކުމެ އުޅެނިކޮށް ދެތިން ފަހަރަކު ވީރާ ފެނިއްޖެ، އަހަންނަށް ސައިފް އެނގޭތީވެ ވީރާއާ ބައްދަލުކޮށްލަން ބޭނުންވީ" ހޭޒަލް ބުންޏެވެ.

"ތުއްތޭއަށް އެނގޭތަ؟" ވީރާ ހާސްވެފައި އަހާލިއެވެ. އެއާއެކު ހޭޒަލް ދެފަރާތަށް ބޯހޫރުވާލީއެވެ.

"އަހަރެން އެކަކު ކައިރީ ވެސް ނުބުނަން، ފެމެލީއާ ހަމައަށް ދާން އަހަރެމެން ދެ މީހުންނަށް ވެސް ވަގުތު ބޭނުންވޭ" ވީރާ ކުޑަކޮށް އިސްޖަހާލައިގެން އިނދެ އައިލެންޑް މަތީ ބައްވާލައިފަ އޮތް ދެއަތުގެ އިނގިލިތަކާ ކުޅެމުން ބުނެލިއެވެ. އޭނާ އެ އިނީ ހިސާބަކަށް ހާސްވެފައިކަން އެނގެއެވެ.

"ސައިފްގެ ގޮތް ރަނގަޅަށް އެނގިގެންތަ ވީރާ އޭނާއާ ގުޅިގެން ތިއުޅެނީ" ހޭޒަލްއަށް އަހާލެވުނެވެ.

"ޒެއްލު ބުނަން ތިއުޅެނީ އޭނާގެ ދަރިއަކު ހުންނަ ވާހަކައެއްނު، އަހަންނަށްވުރެ މާބޮޑަށް ވެސް އޭޖުން ބޮޑުވާނެ ވާހަކައެއްނު، މިހާރު އެކަހަލަ ކަންކަން އެއީ މައްސަލައެއްނޫނެއްނު... އެވްރިވަން ޑިޒާވްސް އަ ޗާންސް" ވީރާ ބުނީ ޔަގީންކަމާއެކުއެވެ. ހޭޒަލް ބަސްހުއްޓޭ ގޮތްވިއެވެ.

"އިނދެގެން އުޅޭ ދެމަފިރިންގެ ދޭތެރެއަށް ވީރާ ވަންނަނީތަ؟... އެހެންނޫނަސް އަހަރެންގެ ނަޒަރުގައި ސައިފްއަކީ އެއްވެސް ވަރަކަށް ރަނގަޅު މީހެއްނޫން، އަޙުލާޤީ ފެންވަރު ވަރަށް ދަށް މީހެއް އެއީ، ގިނަ އަންހެން ކުދީންނަށް ފެންނަނީ އޭނާގެ ރީތި ސިފައާއި ސްމާޓްކަން، މަޢުސޫމް އަންހެންކުދީންގެ ކިބައިން ނާޖާއިޒް ފައިދާ ނަގަން އޭނާ ވަރަށް ކުޅަދާނަވާނެ، އެފަދަ އަންހެންކުދީންގެ ސިމްޕަތީ އޭނާ ހޯދާނެ" ހޭޒަލް ބުނީ ވީރާއަށް ވިސްނައިދިނުމުގެ ބޭނުމުގައެވެ.

"މީހަކު ދޮގު ހަދާ އޮޅުވާލާއިރު އެވަރު ނޭނގޭހާ އަހަރެން މޮޔައެއްނޫން، އޭނާގެ ލައިފްގަ ބައިވެރު ޕްރޮބްލަމްސް އެބަހުރި، އޭނާގެ ވައިފްގެ ވާހަކަތައް އަހަންނަށް ކިޔާދީފަ ހުރީ، ސައިފް އެމީހުންގެ ދަރިފުޅުދެކެ ވަރަށް ލޯބިވޭ، އަހަރެން އޭނާއާ ރައްޓެހިވީ އޭނާއަކީ މީހެއްގެ ފިރިއެއްކަން އެނގިހުރެ، އެހެންނޫނަސް ދުވަސްކޮޅަކުން އޭނާ މިނިވަންވާނެ... އޭރުން އެއީ މީހެއްގެ ފިރިއެކޭ ނުބުނާނެ، އަހަރެން އެއްވެސް މީހެއްގެ ދިރިއުޅުމަކަށް ނުވަންނަން، އެކުގައި ނޫޅެވުނީމަ ދެން ކޮންމެހެން އެ ދެމީހުން ދުރުވިޔަ ނުދީ ހިފަހައްޓަން ޖެހޭތަ... މިހާރު ވެސް ދަރިފުޅަށް ޓަކައި ލައްކަ ދުވަހު ސައިފް ކެއްކޮށްފި، އަހަންނަށް ވެސް ރަނގަޅީ އެ ދެ މީހުން ވަކިވިއްޔާ، އިނދެގެން ނޫޅެވޭނީ ކޮންމެވެސް ސަބަބުތަކެއް ހުރީމަ، ސައިފް އެހެން އަންހެނެއް ހޯދަން ޖެހުނީ ވެސް އޭނާގެ އަނބިމީހާއަށް ކަންކަން ނުކޮށްދެވޭތީ" ވީރާގެ އަޑުގައި ހުރީ ފޫހިކަމެވެ. އެ ވާހަކަތަކުން ހޭޒަލްގެ ހިތަށް ތަދުވިއެވެ. އޭނާއާއި ލިއަމްގެ ދެމެދުގައި ހިނގި އަރައިރުން ހަނދާނަށް އައެވެ. އެއްވެސް ކަމެއް ސާބިތު ނުވިޔަސް ހޭޒަލްއަށް ކުރެވުނު އެ ހިތްދަތި އިޙްސާސް އޭނާގެ ހަށިގަނޑާއި ބުއްދި ބަލިކަށި ކުރިވަރު ހިތަށް ތަސައްވުރު ވެގެން ދިޔައެވެ. ސައިފްގެ އަނބިމީހާގެ ހަޤީޤަތެއް ވެސް ނޭނގެއެވެ. ފަހަރެއްގައި ސައިފްގެ ވާހަކައާ ދިމާ އިދިކޮޅަށް ކަން ހިނގާފައި އޮވެދާނޭ ހޭޒަލްގެ ހިތަށް އަރަނީ ވަރަށް ބޮޑަށެވެ. މިހާ ދުވަހު ސައިފްގެ ފަރާތުން ފެންނަމުން އައި ސިފަތަކުގެ ސަބަބުންނެވެ.

"ވީރާއަށް ތިއިވެނީ ހަމައެކަނި ސައިފް ބުނާ އެއްޗެއް" ހޭޒަލްގެ ވާހަކައަށް ވީރާ ހުރަސް އެޅީ ހިތްހަމަނުޖެހިފައެވެ.

"ޒެއްލުއަށް ސައިފް ތިހާ ރަނގަޅަށް އެނގިގެން ތިއުޅެނީ ކިހިނެއް؟" ވީރާ ސުވާލުކުރިއެވެ.

"އަހަރެން ވެސް ޅައިރު ކަންކަން ނިކަން ފަސޭހައިން ޤަބޫލުކުރަން، ވީރާއަށް އޭނާ ވަރަށް ސްޕެންޑް ކުރޭ ދޯ، އެންމެ ދުވަހަކުވެސް ބައްދަލުނުވަންޏާ އޭނާ ލޯބިން ގޮސް މަރުވެދާނެހެން ނޫޅޭތަ؟... އަވަހަށް މެރީ ކުރަން ބޭނުންވޭ، ވީރާ ހަމައެކަނި އޭނާގެ ހައްޤަކަށްވާން އެދޭތީ... ވީރާއަށް ސަޕްރައިޒް ދޭން ރޫމަކަށް ނުގެންދޭތަ؟" ހޭޒަލްގެ ވާހަކަތަކުން ވީރާގެ މޫނުގެ ކުލަވަރު ފަހަރަކަށްވުރެ ފަހަރެއް ބަދަލުވިއެވެ. ހުރިހާ އަސަރެއް ވީރާ ފޮރުވާލީ އޭގެ މައްޗަށް ރުޅި އިސްކުރަމުންނެވެ. ހޭޒަލް ދެއްކި ބައެއް ވާހަކަތައް ސީދާވެފަ އެބަހުރިކަން އެނގޭއިރު ވެސް ވީރާ ބޭނުންވީ ދެކޮޅު ހަދާށެވެ. އަމިއްލަ ނަފްސަށް އަޑުލައިގަތީ ހޭޒަލްގެ އެއްވެސް ވާހަކައެއް ޤަބޫލުނުކުރުމަށެވެ.

"ތި ދައްކާ ވާހަކައެއް އަހަންނަކަށް ނޭނގެ، ސައިފްއާއި ޒެއްލުއާ ގުޅުމެއް އޮތީ ދޯ... އެހެންވެ ސައިފްގެ ވާހަކަ އަހަން ބޭނުންވީ... ބުނަން ޒެއްލު، މިހާރު ތީ އަހަރެންގެ ފަހަރި، އިރެއްގަ ޒެއްލުއާ ސައިފްގެ ދެމެދުގައި ގުޅުމެއް އޮތަސް އެއީ އަހަރެން ބަލަން ބޭނުންވާކަމެއްނޫން، އޭނާގެ ޕާސްޓު މުހިންމެއްނޫން... އައި ލައިކް ހިމް، އަހަރެމެން ދެ މީހުންނަށް ވެސް ދެމީހުން ކަމުދޭ، ޒެއްލު ބޭނުންވިޔަސް އޭނާއާ ބްރޭކްއަޕް ވުމުގެ ޚިޔާލެއްނެތް، ޕްލީޒް މައިންޑް ޔޯ ބިޒްނަސް، އަހަންނަކީ މީހުންގެ ކަންކަމާ ބެހޭ މީހެއްނޫން، އަހަރެން ވެސް ބޭނުމެއްނޫން އަހަރެންގެ ކަންކަމާ މީހުން ބެހޭކަށް... އަހަންނަށް އަހަރެންގެ އަމިއްލަ ލައިފް ހޭންޑެލް ކުރެވޭނެ" ވީރާއަށް ދަތްކުނޑިވިކާލެވުނެވެ. އަވަސް އަވަހަށް ގޮނޑިން ފައިބައިފިއެވެ. އެހިނދު ހޭޒަލްއަށް އަވަސް އަރުވާލާފައި ވީރާ ހުއްޓުވަން ގަސްދުކުރިއެވެ. އޭނާއަށް ހިފުނީ ވީރާގެ ވައަތުގައެވެ.

"އައި އޭމް ސޮރީ... އަހަރެން ޤަބޫލުކުރަން ވީރާއަށް ވިސްނޭނެކަން، މޮޔަކަމެއް ނުކުރާނެކަން... ލޯބިވާ މީހުންނާ ދުރަށް ދިއުމަކީ ފަސޭހަކަމެއްނޫން، ރުޅި އައިސްގެން ނުދޭ، އަހަންނަށް އިމުން ބޭރުވެވުނީކަން ޤަބޫލުކުރަން، ސޮރީ... ވަރަށް ބޮޑަށް ސޮރީ، އަހަންނަށް އެނގޭ މީހާގެ އުޅުން ހުރި ގޮތް ފެނިފަ އެކަހަލަ މީހަކު އަހަރެންގެ ގާތްކުއްޖެއްގެ ދިރިއުޅުމަށް އަންނަން ބޭނުންނުވީ، މޭބީ އައި ބިކޭމް ސެލްޕިޝް... ވީރާގެ އިޙްސާސްތަކާމެދު ވިސްނާނުލެވުނީ" ވީރާ ރުޅި އައިސްގެން ނުކުމެގެންދާކަށް ހޭޒަލް އެއްގޮތަށް ވެސް ބޭނުމެއްނޫނެވެ.

"ޒެއްލުގެ ބިޓުންގެ ލިސްޓު އެނގޭކަށް އަހަރެން ބޭނުމެއްނޫން، އަމިއްލައަށް ފަޟީޙަތް ތިވަނީ... އަދިވެސް ސައިފުގެ މަތިން ހަނދާންނުނެތެނީތަ" ވީރާ ބުނެލިއެވެ. ހޭޒަލްއަށް ހުއްޓުން އެރިގޮތަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އެފަދަ އެއްޗެއް އޭނާއާ ދިމާއަށް ވީރާ ބުނެދާނޭ ހިތަށް ވެސް ހޭޒަލް ނާރައެވެ. ހަރަކާތެއްކޮށްލަން ވެސް ހަނދާންނެތިފައި ހޭޒަލް ހުރީ ވީރާގެ އަތުގެ ކުޑަހުޅާ ހިސާބު ހިފަހައްޓާލެވުނު ގޮތަށެވެ. އެހެންނަމަވެސް ހޭޒަލްގެ އަތުގެ ތެރެއިން ވީރާގެ އަތް ދަމައިގަތެވެ. ހޭޒަލްއާ ނަޒަރު ސީދާކޮށްލުމެއްނެތި ވީރާ ހަލުވިކޮށް އައީ އެޕާޓްމެންޓުން ނުކުންނާށެވެ. އެހިނދު ސޯފާގައި ފޯނާ ކުޅެން އޮތް ލިއަމް ބޯ ހިއްލާލައި ވީރާއަށް ގޮވާލިއެވެ.

"މިދަނީ ކަމެއްޖެހިގެން... މަޑުކުރެވޭކަށްނެތް" ލިއަމް އެއްޗެކޭ ބުނަންވާއިރަށް ވީރާ ބުނެލިއެވެ. އަދި އެޕާޓްމެންޓުގެ ދޮރުހުޅުވާލުމާއެކު ނިކަން އަވަހަށް ބޭރަށް ދެމިގަނެ އޭނާގެ ފަހަތުން ދޮރުލައްޕައިއެވެ.

"ކޮންތަކަށޯ އެ ދަނީ... އެކަނި ދޯ އެ ދިޔައީ" ސޯފާއިން ތެދުވެގެން ހޭޒަލްއާ ދިމާއަށް އަންނަމުން ލިއަމް ވާހަކަދެއްކިއެވެ.

"އަވަހަށްދާންވެގެން އެ ދިޔައީނު" ވީރާއާ ދެމެދު ދެކެވުނު ވާހަކަ ސިއްރުކުރަމުން ހޭޒަލް ބުނެލިއެވެ. އަދި ކޮޓަރިއާ ދިމާއަށް އައި ހޭޒަލް ނަމާދު ކުރަން ލިއަމްއަށް ހަނދާންކޮށްދިނެވެ.

ކޮޓަރިއަށް ދެމަފިރިން އެކުގައި އައިސް ވަނެވެ. ހޭޒަލް އެނދުގެ އަރިމަތީ އިށީނދެލައިގެން އިނެވެ. އެނދުމައްޗަށް ފޯނު އެއްލާފައި ލިއަމް ވަނީ ފާޚާނާއަށެވެ. ވުޟޫކޮށްލާށެވެ. ފިކުރުތަކަށް ގެއްލިފައި އިން ހޭޒަލް ސިހުނީ ކޮޓަރީގައި ބޭއްވިފައި އޮތް އޭނާގެ ފޮނުން އިޝާ ނަމާދު ބަންގީގެ އަޑު އިވިގެންނެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު އޭނާ ތެދުވިއެވެ. އޭރު އަދި ލިއަމް ހުރީ ވުޟޫކޮށްގެން ނުކުމެ އަތްފައި ފުހޭށެވެ.

"ތީތަ ނަމާދުކުރާ ގޮތަކީ، އެއްވެސް އުޒުރެއްނެތް... އަހަރެން ހަނދާން ވެސް ކޮށްދިނިން، މަޣްރިބު ނުކުރެވިގެން އުޅެނިކޮށް މިހާރު އެގޮވީ އިޝާ ނަމާދަށް.... ބުނެކިޔައިގެން... ތީ މީހަކަށް ކޮށްދޭ ކަމެއްތަ؟" ވީރާ ކަންތައްކުރި ގޮތުން ހިތަށް ވެރިވި ނުތަނަވަސްކަމުގެ އިތުރުން ލިއަމް ކަންތައް ކުރިގޮތް ފެނި ހޭޒަލް ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ލިއަމް އެއްޗެކޭ ނުބުންޏެވެ. ހޭޒަލްގެ މައްޗަށް ރުޅި ކުރި ހޯދަފާނޭކަން އޭނާގެ ޟަމީރު ވިސްނައިދިނުމުން ވަގުތުން ދެތުންފަތް ޖައްސާ ބާރުކޮށްލިއެވެ. ދެން އޭނާ އަވަސްވެލީ ނަމާދަށް އަރާށެވެ. ނަފްސު ހަމައަކަށް އެޅޭނީ އޭރުންނެވެ.

* * * * *

އިޝްވާގެ ކުލިނިކު ހުޅުވުމުގެ ހުރިހާ ކަމެއްގައި ދާރިއަން އުޅުނެވެ. އިޝްވާއާއެކު ގިނަ ވަގުތު ހޭދަކުރާތީ އެކަމާ ސާރާ ހުރީ މާޔޫސްވެފައެވެ. ދާރިއަން ގަސްދުގައި އޭނާއަށް ވަގުތު ނުދޭންވެގެން އުޅެނިއޭ ސާރާއަށް ވެސް ހީވެއެވެ. އެހެންވިޔަސް އެފަދަ އިދިކީލަ ޚިޔާލުތައް ބޮލުތެރޭ ބެހެއްޓުމުގެ ބަދަލުގައި ސާރާ ބަލަނީ އަވަހަށް އެ ޚިޔާލުތައް ދުރަށް ފޮޅާލެވޭތޯއެވެ. އޭގެ ބަދަލުގައި އޭނާ އަބަދުމެ ހުންނަނީ ދާރިއަން އޭނާއަށް ދިން ފުރުސަތުގެ މަތިން ހަނދާންކުރުމުގައެވެ. އޭނާއަކީ ދާރިއަންގެ ލޯބިވެރިޔާގެ މަޤާމުގައި ހުރި ހަމައެކަނި އަންހެންކުއްޖާކަން ސާރާ އަމިއްލައަށް ޤަބޫލުކުރެއެވެ. އަންހެން ކުއްޖެއްގެ ހިޔަނި ދާރިއަންއަށް އެޅިފައިވާނަމަ އެ އަންހެންކުއްޖަކީ ސާރާކަން ކަށަވަރުވެއެވެ. އެހެން އަންހެންކުއްޖަކާ ގުޅުމެއް އޮންނަ ނަމަ ދާރިއަން އެމީހަކާ ބައްދަލުނުކޮށް ނުހުންނާނޭކަން ސާރާއަށް އެނގެއެވެ. ދާރިއަންގެ ދިރިއުޅުން ސާރާ ހިތުދަހެވެ. އިޝްވާއަކީ އެ ޢާއިލާއާ ގުޅުން ހުރި ކުއްޖެއްކަން ސާރާއަށް އެނގެއެވެ. އެހެންވިޔަސް ހުރިހާ ހަޤީޤަތެއް އޭނާއަކަށް ވެސް ނޭނގެއެވެ. ކުއްލިއަކަށް ދާރިއަންއާއި އިޝްވާއާ ދެމެދު ގާތްކަމެއް އުފެދުންވީ ސާރާއަށް އެކަމުން ނުތަނަވަސްކަން ލިބޭ ކަމަށެވެ. އިޝްވާގެ ކުލިނިކުގެ މަސައްކަތުގައިއޭ ބުނެ އޭނާގެ ގާތަށް ދާން ދާރިއަން ބަހަނާ ދައްކަނީއޭ ވެސް ސާރާގެ ހިތަށް އަރައެވެ. އެކަމުގެ ހަޤީޤަތް އޭނާ ގާތުން ބަލަން ނިންމީ އެހެންވެއެވެ.

އިޝްވާއަށް ދާރިއަންގެ މިޒާޖު މަޑުމަޑުން ދަސްވަމުން ދިޔަވަރަކަށް އޭނާއާ ވާހަކަދައްކަންވީ ގޮތް އެނގެމުންދިޔައެވެ. ދާރިއަންއަށް ވެސް އިޝްވާ ވާހަކަދެއްކުން ފަސޭހަވިއެވެ. އެހެންވިޔަސް އަދިވެސް ދާރިއަންގެ ސިއްރުތަކެއް ހުރިއިރު އެ ސިއްރުތަކަކީ ކޮބާކަމެއް އިޝްވާއަކަށް ނުހޯދުނެވެ.

"ގަސްދުގަ ކަމެއްނުކޮށްދޭންވެގެން ދޯ އޮފީސް ހެދުމުގަ ތިއައީ" ކުލިނިކު ހުންނަ ބައިގެ ދޮރުމަތީ ދާރިއަން ހުއްޓިލައިގެން ހުރިތަން ފެނި އިޝްވާ ބުނެލިއެވެ. އޭނާ ހުރީ ބޮޑީސޫޓެއްގެ މަތިން އޯފްޝޯލްޑާ ކްރޮޕް ޓީޝާޓަކާއި ސްލިމް ޖީންސެއްގައެވެ. އަނގަޔާއި ނޭފަތް ފޮރުވާލުމަށް މާސްކެއް އަޅާފައި ހުއްޓެވެ. އެތަނުގައި ކުލައިގެ މަސައްކަތް ކުރިއަށް ދަނީއެވެ. ފާރުތަކަށް ކުލަ އިސްޕްރޭ ކުރާ މީހުން އެ މީހުންގެ މަސައްކަތުގައި އުޅެއެވެ. އެތަނުން އިސްކޮށް އުޅޭ މީހަކާ މަޝްވަރާއެއްގަ ހުރެފައި އިޝްވާ އައީ ދާރިއަންއާ ދިމާއަށެވެ. ދާރިއަން ފަހަތަށް ޖެހިލައި ހިނގަން އޮތް ކޮރިޑޯއަށް ނުކުތެވެ. ފާރުބުރީގައި އަތްއަޅުވާލައިގެން އިޝްވާއަށް ބަލަން ހުއްޓެވެ.

"މަސައްކަތް ކުރަންޖެހޭ މީހުން މަސައްކަތް އެ ކުރަނީނު، އޮފީސް ނިންމާފަ މިކޮޅަށް ވަދެލާފަ ދާންކަމަށް މިއައީ، އެޕްރިޝިއޭޓް ނުކުރީއެއްނު" ދާރިއަން ވާހަކަދެއްކީ އޭނާގެ ޢާންމު ސީރިއަސް ރާގުގައެވެ. އިޝްވާ ކުޑަކޮށް ހީނލާފައި މަޢާފަށް އެދުނެވެ. އެތަނަށް ދާރިއަން އައީތީ އުފާވިއެވެ.

"ޑޭޑް..." އިޝްވާގެ ނަޒަރު ދާރިއަންއާ ދުރަށް ހިންގާލިއެވެ. ދާރިއަން އެ ދިމާ ބަލާލިއިރު އިސްކޮޅުން ދިގު ފިރިހެނަކު އެމީހުންނާ ދިމާއަށް އާދެއެވެ. އިޝްވާގެ ޒިންމާ ނަގައި އޭނާ ބަލާބޮޑުކުރި ބައްޕަ ދާރިއަން ދުށީ ފުރަތަމަ ފަހަރަށެވެ. އެހެންނަމަވެސް އޭނާއަށް ދާރިއަން ފެނުމާއެކު ކާކުކަން އެނގުނެވެ. ހިނިއައިސްފައި ދާރިއަންއަށް ގޮވާލައި ސަލާމް ކޮށްލިއެވެ. ދެން އިޝްވާއާ ކުރިމަތިލައި މަސައްކަތުގެ ވާހަކަ ދައްކަން ފެށިއެވެ. އޭނާ އެނބުރި ދިއުމުގެ ކުރީން ޒުކަންގެ ހާލު އެއްސެވެ. އިޝްވާ ގާތު ދާރިއަންއާއި އައިކު ގޮވައިގެން އެގެއަށް އެއްދުވަހަކުން އައުމަށް ބުންޏެވެ. އެ ހުރިހާ މަންޒަރެއް ބަލަން ދާރިއަންއަށް ހުރެވުނީއެވެ. ބުނާނޭ އެއްޗެއް އޭނާއަށް ނޭނގުނީއެވެ.

ނާވީ ދިއުމުން އިޝްވާ ވެސް އެދުނީ އޭނާއާއެކު ސައިބޯލަން އެތާ ކައިރި ކެފޭއަކަށް އެރުމަށެވެ. އިޝްވާގެ ދިރިއުޅުމުގެ އޮޅުން ބޮޅުން އޭނާ ދާރިއަންއަށް ކިޔައިދިނެވެ. އޭނާއާއި ގުޅިފައިވާ ތިން ބައްޕައިން ތިބިކަމެވެ. އެވާހަކަތަކަށް ވެސް ބުނާނޭ އެއްޗެއް ދާރިއަންގެ އަތަކުނުވިއެވެ. އޭނާ ހިމޭންކަމާއެކު އިޝްވާގެ ވާހަކަތައް އަޑުއެހީއެވެ.

"މީހަކާ އިނދެގެންކަން ހުރީ އެނގޭއިރު ވެސް އެމީހަކު ދެކެ ލޯބިވުމަކީ ހެދޭ ގޯހެއްތަ؟" ދާރިއަން އެއްސެވެ. އިޝްވާއަށް ހީވީ އޭނާގެ ކިޔާދިން ވާހަކަތާ ގުޅުވައި ދާރިއަން ދެއްކި ވާހަކައެއް ކަމަށެވެ. ޚާއްޞަކޮށް ޒުކަން ވަނީ އޭނާ ޖިޔާދެކެ ލޯބިވާކަމާއި ގުޅެން ބޭނުންވިކަން ކިޔާދީފައެވެ. އެހެން އެކަން ނުވީ ޖިޔާއާ ބައްދަލުވީއިރު އޭނާއަކީ ނާވީގެ އަނތްބަކަށްވީމައެވެ. އެ ހާލަތު އިޝްވާއަށް ސިފަކުރެވުނެވެ.

"ގޯހެއްކަން އެނގިހުރެ އެކަކު ވެސް ލޯތްބެއްނުވާނެހެން ހީވަނީ، އެ ފީލިންގްސްއާ ބެހޭ ގޮތުން އަހަންނަށް މާބޮޑު އެއްޗެއް ބުނެދޭކަށް ނޭނގެ، މިހާތަނަށް ތަޖުރިބާ ކުރެވިފަ ނެތް ދާއިރާއެއްތީ... ދާރިއަން ބުނެބަލަ... މިހާރު ތިއުޅެނީ ގާލްފްރެންޑެއް ވެސް ނަގައިގެންނު، ލަވް ލައިފް ކިހިނެއްތަ؟ ވަރަށް ރޮމޭންޓިކް އެކްސްޕީރިއެންސެއްތަ؟... ފޮތްތަކުގައި ހުންނަނީ ވަރަށް ސުވީޓްކޮށް، އެކަމަކު އަހަންނަށް ފީލްވަނީ އެއީ ރިއެލިޓީއެއްނޫނޭ... ޔޯ އެކްސްޕީރިއެންސް ކިޔާދީބާ" އިޝްވާ ބުނެލިއެވެ.

(ނުނިމޭ)