އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށްގެން މިދިޔަ ފަސް އަހަރުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައި ވަނީ އެންމެ މައްސަލައެއް ކަމަށް ފުލުހުން ބުނެފި އެވެ.
އަންހެނުނަށް ކުރާ އަނިޔާތަކުގެ މައްސަލާގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިިރު ވަނީ ރާއްޖޭގައި އަންހެނުންނަށް އަނިޔާ ކުރުމުގެ މައްސަލަ އޮތް ހާލަތު ބަޔާން ކުރުމަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގި އެފަދަ އަނިޔާތަކުގެ ތަފާސް ހިސާބުތައް ވިދާޅުވެފަ އެވެ.
އެގޮތުން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކަށް ބަލާއިރު 2015 ވަނަ އަހަރު ހުށަހެޅިފައި ވަނީ އެއް މައްސަލަ ކަމަށާއި 2016 ވަނަ އަހަރު އެއްވެސް މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށެވެ. ނަމަވެސް 2017 ވަނަ އަހަރު ނުވަ މައްސަލައެއް ހުށަހެޅިފައިވާ އިރު މިދިޔަ އަހަރު 18 މައްސަލަ ހުށަހެޅިފައިވާ ކަމަށާއި މި އަހަރު މިދިޔަ މަހުގެ ނިޔަލަށް އަށް މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.
އިޒްމިއާ ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށްގެން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައި ވަނީ އެންމެ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ފޮނުވާފައި ވަނީ މިދިޔަ ޖޫން މަހުގައި ކަމަށް އިޒްމިއާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި އެއީ ދުވަސްވީ ފިރިހެނަކު މަގުމަތިން އަންހެނަކަށް ފުރައްސާރަކޮށްގެން ސޯޝަލް މީޑިއާގައި މި އަހަރު ވަރަށް ވައިރަލްވި މައްސަލައެވެ.
"އަޅުގަނޑުމެން ދެކެނީ މިފަދަ މައްސަލަތައް ބެލުން ރަނގަޅު ކުރުމުގައި އަޅުގަނޑުމެންނަށް ފުރަތަމަ ފިޔަވަޅު މި އަހަރު އެޅިފައިވާ ކަން. އެހެން ނަމަވެސް ރަނގަޅަށް ހިނގައިގަންނަން އަޅުގަނޑުމެންނަށް އަދި ބައިވަރު މަސައްކަތް ކުރަން އެބަ ޖެހޭ ކަން،" އިޒްމިއާ ވިދާޅުވި އެވެ.
ދެހާސްފަނަރަ ވަނަ އަހަރު އަންހެނުންނަށް ގެވެށި އަނިޔާކޮށްގެން 32 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ އަހަރު ފިރިހަނަކަށް އެފަދަ އަނިޔާއެއްކޮށްގެން މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށް އިޒްމިއާ ވިދާޅުވި އެވެ. އަދި 2016 ވަނަ އަހަރު ގެވެށި އަނިޔާގެ 124 މައްސަލަ ހުށަހެޅިފައިވާ އިރު އޭގެ ތެރެއިން 94 ޕަސަންޓު މައްސަލާގެ ޝިކާރައަކަށް ވެފައި ވަނީ އަންހެނުން ކަމަށާއި އެއާ ޖެހިގެން އައި އަހަރު ވެސް 113 މައްސަލައެއް ހުށަހެޅިފައިވާ އިރު އޭގެ ތެރެއިން 95 ޕަސަންޓު މައްސަލައަކީ އަންހެނުންނަށް ކުރާ ގެވެށި އަނިޔާ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ގެވެށި އަނިޔާގެ 102 މައްސަލައެއް ހުށަހެޅިފައިވާ އިރު އޭގެ ތެރެން 94 ޕަސަންޓަކީ އަންހެނުންނަށް އަނިޔާކޮށްގެން ހުށަހެޅިފައިވާ މައްސަލަތައް ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ. އަދި މި އަހަރު މިދިޔަ މަހުގެ ނިޔަލަށް ވެސް 65 މައްސަލަ ހުށަހެޅިފައިވާ އިރު އޭގެ ތެރެއިން ވެސް 92 ޕަސަންޓަކީ އަންހެނުންނަށް ގެވެށި އަނިޔާ ކުރި މައްސަލަތައް ކަމަށް އިޒްމިއާ ވިދާޅުވި އެވެ.
ރޭޕްގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި އިޒްމިއާ ވިދާޅުވީ 2015 ވަނަ އަހަރު އެއް މައްސަލަ ހުށަހެޅިފައިވާ އިރު 2016 އަދި 2017 ވަނަ އަހަރު ރޭޕްގެ ހަތަރު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ރޭޕްގެ ތިން މައްސަލައެއް ހުށަހަޅިފައިވާ އިރު މިއަހަރު މިދިޔަ މަހާ ހަމަޔަށް ހަތަރު މައްސަލަ ހުށަހެޅިފައިވާ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.
"2015 އިން 2019 ވަނަ އަހަރާ ހަމަޔަށް ރޭޕްގެ ޝިކާރައަށް ފިރިހެނެއް ވެގެން އެއްވެސް މައްސަލައެއް ހުށަހެޅިފައެއް ނުވޭ. މައްސަލަ ހުށަހެޅިފައި ނުވުމަކީ އެފަދަ ތަންތަން ނުހިނގުމެއް ނޫންކަން ދަންނަވަން. އަދި ރޭޕްގެ މައްސަލައަކީ ދެ ޖިންސަށް ބެލިކަމުގައިވިޔަސް އަންޑަ ރިޕޯޓަޑް ނުވަތަ އާންމުކޮށް ހުށަހަޅަން ޖެހިލުންވާ ބާވަތުގެ މައްސަލަތައް، މިފަދަ މައްސަލަތަކުގައި ވެސް އަންހެނުން ވިކްޓިމައިޒްވާ މިންވަރު ގިނަ،" އިޒްމިއާ ވިދާޅުވި އެވެ.
އަންހެނުންނަށް ކުރަމުންދާ އަނިޔާތައް ޒަމާނުއްސުރެން ހިނގަމުންދާ އިރު އަނިޔާ ތަހަންމަލު ކުރާ ގިނަ އަންހެނުން އެކަން ސިއްރު ކުރާ ކަމަށެވެ. އަދި އެ ވާހަކަތައް އާންމު ކުރުމުން މުޖުތަމައު އެ މީހުންނަށް އަމަލު ކުރާ ގޮތުން އެތަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ.
އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތަކަކީ ވެސް ފުލުހަށް ހުށަހެޅޭ ސީރިޔަސް މައްސަލައެއް ކަމަށް އިޒްމިއާ ވިދާޅުވި އެވެ. އެކަމުގެ ޝިކާރައަކަށް އެކި އުމުރު ފުރައިގެ އަންހެނުންނާއި މަތީ ތައުލީމް ހާސިލްކޮށްފައިވާ އަންހެނުންނާއި އެކި މަގާމްތަކުގައި މަސައްކަތް ކުރާ އަންހެނުންނާއި ހުރިހާ ގިންތިއެއްގެ އަންހެނުން ވެސް ހިމެނޭ ކަން އިޒްމިއާ ފާހަގަ ކުރެއްވި އެވެ.
"ވީމާ މީހަކު ބްލެކްމެއިލް ކުރާ ނަމަ ހިތްވަރު ކުރައްވާފައި އެކަން ފުލުހުންނަށް ރިޕޯޓު ކުރައްވައި، އަޅުގަނޑުމެން މިތިބީ އެ ފަރާތްތަކަށް އެހީތެރިވާން،" އިޒްމިއާ ވިދާޅުވި އެވެ.
އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކުރާ އަނިޔާތައް ވެސް ނިސްބަތުން ގިނަ ކަމަށް އިޒްމިއާ ވިދާޅުވި އެވެ. އެގޮތުން އެ މީހެއްގެ ހުންނަ ނުކުޅެދުންތެރިކަމާ ހެދި އެ މީހެއްގެ ބޭނުން ހިފައި ކައިވެނީގެ ބޭރުން ބަލިވެ އިންނަކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އިޒްމިއާ ވިދާޅުވި އެވެ. އަދި އެ މީހުންގެ ބޮލުގައި އިތުރު އިލްޒާމްތައް އަޅުވާފައިވާ ކަމަށް އިޒްމިއާ ވިދާޅުވި އެވެ. އެފަދަ ގިނަ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށާއި ހުށަނޭޅެނީ ގިނަ ފުލުހުންނަށް އިޝާރާތުގެ ބަހުން ވާހަކަ ދައްކެމުގެ ހުނަރު ލިބިފައި ނުވާތީ ކަމަށް ބެލެވޭ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.