ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އެމްޑީޕީ ކުރިމަތީ ކުޑަކަކޫ ނުޖަހާނަން: ޝަހީމް

ބިރުދައްކައިގެން ސިޔާސީ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށާ އެމްޑީޕީގެ ކުރިމަތީ ކުޑަކަޑޫ ނުޖަހާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ދޮގު މައުލޫމާތު ދެއްވި ކަމަށް ބަލައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއިން ނިންމާފައިވަނިކޮށެވެ. އެ ކޮމެޓީގެ ރިޕޯޓާއި ގުޅިގެން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖައްސާފައެވެ.

ޝަހީމް ވިދާޅުވީ އަފްރަޝީމްގެ މަރާއި ގުޅިގެން އޭނާއަށް އެއްވެސް ތުހުމަތެއްކޮށްފައިނުވާއިރު، ރައްޔިތުންގެ މަޖިލީހުން އޭނާއާ މެދު ފިޔަވަޅު އަޅަން އުޅެނީ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އަދި އެއީ ދުނިޔެއަށް ބަދުނާމުކޮށް އޭނާ ކުރައްވާ މަސައްކަތަށް ހުރަސްއެޅުމަށް މަޖިލީހުން ހިންގާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ މަރު ކޮމިޝަނަށް ދިން އެއްވެސް މައުލޫމާތެއްގައި ފުށުއެރުމެއް ހުރި ކަމަށް އެ ކޮމިޝަނުން އަންގާފައިނުވާ ކަމަށެވެ.

"އަޅުގަނޑަށް އަންގާފައިވަނީ އަޅުގަނޑަށް އެ މައްސަލާގައި އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް. މިކަން މިހެން އޮއްވާ ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުގެ ދުވަސް ދުއްވާލަން މި އުޅެނީ ކީއްވެ." ޝަހީމް ސުވާލު ކުރެއްވިއެވެ. "އަނިޔާވެރިކަމާ ބޭ އިންސާފު ނައްތާލަން ކަމަށް ބުނެ އައި ބަަޔަކު އިންސާނުންގެ އަބުރާއި ޝަރަފު ނަގައިލައި މުޅި ދުނިޔެއަށް ބޭޒާރު ކުރަމުންދާ ކަމީ ދިވެހި ރާއްޖޭގެ ފަހުގެ ތާރީހެއްގައި ފެނިގެންދާ އެންމެ ބޮޑު އަނިޔާ."

މާތްﷲ އިރާދަކުރެއްވިއްޔާ ބިރެއް ނުދެއްކޭނެ. ސިޔާސީ މަސައްކަތެއްވެސް ނުހުއްޓުވޭނެ. ދީނީ މަސައްކަތެއްވެސް ނުހުއްޓުވޭނެ. އަދި އެމްޑީޕީގެ ކުރިމަތީ އަޅުގަނޑުމެން ކުޑަކަކޫވެސް ނުޖެއްސޭނެ
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު

ޝަހީމް ވަނީ ރައްޔިތުންގެ މަޖިލީހުން ހިންގަމުންދަނީ "އުދުވާނީ ހަމަލާ" އެއް ކަމަށް ސިފަކޮށް އެކަން ހުއްޓުވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވާފައެވެ. ޝަހީމް ވިދާޅުވީ ސަރުކާރުން އެކަންކަން ހުއްޓުވަންޖެހޭ ކަމަށާ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންގެ އަބުރާއި ކަރާމަތް ހިމާޔަތް ކުރުން ކަމަށެވެ.

"އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި ޑރ. އަފްރާޝިމް އަށް އެއްވެސް ފުރުސަތެއް ދެއްވާފައެއް ނުވޭ. ދީނީ ގޮތުން އޭނާއަށް ފުރުސަތު ހުޅުވީ އަޅުގަނޑުގެ ވަޒީރު ކަމުގައި. އެމްޑީޕީއިން ފުރުސަތު ނުދިން ވާހަކަ އޭނާ [އަފްރާޝިމް] އަޅުގަނޑާ ހިއްސާ ކުރެއްވިކަން މަރު ކޮމިޝަންގެ ބަޔާނަށް ދީފައިވާނެ.

ޝަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރިޕޯޓްގެ ހުލާސާ ބަޔާން އިއްވަމުން އަފްރާޝިމް އަވަހާރަކޮށްލި ދުވަހު އޭނާ ގަތަރަށް ފުރައިގެން ދިޔަ ކަމަށް ދޭހަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކުމަކީ ހިތާމަކުރާ ކަމެއް ކަމަށާ އެ ދުވަހު އޭނާ ގަތަރަށް ފުރައިގެން ނުދާ ކަމަށެވެ. އަދި ރިޕޯޓްގައި އެފަދަ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ ބިރެއް ނުދެއްކޭނެ. ސިޔާސީ މަސައްކަތެއްވެސް ނުހުއްޓުވޭނެ. ދީނީ މަސައްކަތެއްވެސް ނުހުއްޓުވޭނެ. އަދި އެމްޑީޕީގެ ކުރިމަތީ އަޅުގަނޑުމެން ކުޑަކަކޫވެސް ނުޖެއްސޭނެ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއިން ތައްޔާރުކޮށް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ރިޕޯޓްގައި އިލްމުވެރިންނަށް ބޮޑެތި ދޮގު ތުހުމަތުތައް ކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގައި ތިއްބެވި މެންބަރުން ހެޔޮ ވިސްނުން ބޭނުންކޮށް އެ ރިޕޯޓް ފާސްނުކުރުމަށް ޝަހީމް ވަނީ ގޮވާލައްވާފައެވެ.