ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

"ފިޔަވަޅު އަޅަން ގޮވަނީ އެމްޑީޕީގެ އުނގަށް ނުވެއްޓުމުން"

ފިޔަވަޅު އަޅަން ގޮވަނީ އެމްޑީޕީގެ އުނގަށް ނުވެއްޓި ގައުމު ވިއްކާލަން ރިޝްވަތުގައި ނުހިފައި، މިނިވަންކަމާއެކު ހުރުމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް ތައްޔާރުކުރި ރިޕޯޓްގައި ޝަހީމާއި ސަލަފަށް ފިޔަވަޅު އަޅަން ނިންމި ނިންމުން މަޖިލީހުން ފާސް ކުރުމާއި ގުޅިގެންނެވެ.

ޝަހީމް ވިދާޅުވީ މަޖިލީހުގެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ޣައިރު ގާނޫނީ ނިންމުމެއް ކަމަށެވެ. އަދި ފިޔަވަޅު އަޅަން ނިންމުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް ވެސް ނޫން ކަމަށެވެ.

"ކޮމިޝަންގެ ރިޕޯޓްގައި ނެތް ތުހުމަތެއް އުފައްދައިގެން، ހަގީގީ ގާތިލުން ފޮރުވަން މަސައްކަތް ކުރަމުންދިއުމަކީ ޖަރީމާއެއް." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ސަލަފު އަދި އޭނާގެ ނަން ރިޕޯޓްގައި ހިމަނާ ފިޔަވަޅު އަޅަން ނިންމީ އެމްޑީޕީ 'އުނގަށް' ވެއްޓި، ގައުމު ވިއްކާލަން ރިޝްވަތުގައި ނުހިފައި، މިނިވަންކަމާއެކު މި ވަގުތާއި ހަމައަށް އިސްލާމީ ހިދުމަތުގައި ދެމި ތިބުމުން ކަމަށެވެ.

"މިއީ ހަސަދަ ފިލުވާލުމުގެ މަގުސަދުގައި ކުރިކަމެއް" އޭނާ ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ އަފްރާޝީމްގެ ގަތުލުގެ މައްސަލާގައި 11 ރެކޮމެންޑޭޝަނެއް ހިމަނާފައިވާ ސަލާމަތީ ހިދުމަތްތަކަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީގެ ރިޕޯޓް ފާސް ކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި 10 މެންބަރަކު އެ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

ފުރަތަމަ ރެކޮމެންޑޭޝަނަކަށް އޮތީ ޖިނާއީ ކުށްތައް ހިންގާފައިވާ ކަމަށް ރިޕޯޓްގައި ކަނޑައެޅިގެން ފާހަގަކޮށްފައިވާ ހުރިހާ މީހުނަށް ލަސްނުކޮށް ފިޔަވަޅު އެޅުމަށެވެ. އެ ގޮތުން އަފްރާޝީމްގެ ގަތުލުގައި އަމަލީ ގޮތުން ބައިވެރިވި ހ. ލޮބީ ހުސައިން ހުމާމާއި، ހ. ހިކޯސްޓް އަލީ ޝާންގެ އިތުރުން އޭރު އުމުރުން 18 އަހަރު ކުއްޖާގެ ވާހަކަ ކޮމިޓީ ރިޕޯޓްގައިވެ އެވެ. ދެވަނަ ކަމަކީ އެ މީހުން މިހާރު ތިބި ތަންތަނާއި އިތުރު މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން 241 ކޮމިޓީއަށް ހިއްސާ ކުރުމެވެ.

ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބަދަލު ކުރެވިފައިވާ ގޮތާއި ފައިސާގެ މިންވަރު ދެނެގަތުމާއި އެ ފިކުރުގެ ހަރަކާތްތައް ހިންގަން ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް މިރާ މެދުވެރިކޮށް ހޯދުމެވެ. އެ ގޮތުން ސަލަފް ޖަމިއްޔާއިން މިދިޔަ ހަތް އަހަރު ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް ބަލައި އެ ޖަމިއްޔާއިން އަފްރާޝީމްގެ ގަތުލަށް ފަންޑްކުރި ބެލުން ހިމެނެ އެވެ.

ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން މީހުންނާއި، މައުލޫމާތު އެނގި ތިބެ ސިއްރު ކުރި މީހުންނާިއ މައުލޫމާތު ދިނުމަށް ލަސްކުރި މީހުންނަށް ލަސްނުކޮށް ފިޔަވަޅު އެޅުން ވެސް ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ. އެ ލިސްޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ ނަންފުޅު ހިމެނިވަޑައިގަންނަވަ އެވެ.