ރައީސް އަބްދުﷲ ޔާމީން

އިމްރާން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ: ޔާމީން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެ ބޭފުޅެއްކަން ދިވެހި ރައްޔިތުން ގަބޫލު ކުރާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ދެކޮޅަށް ބަޔާންދީ ދޮގު ހެކި ބަސް ދިނުމަށް މި ސަރުކާރުގެ ބާރުވެރި ފަރާތްތަކުން ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވަ އެވެ.

ލުތުފީ ވިދާޅުވީ އޭނާއަށް މަގުމަތިން އިންޒާރު ދިނުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވިއިރު އިންޒާރު ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ މުއައްސަސާތަކުގެ ވެެރިންގެ ގޮތުގައި ތިބެއްވި ބައެެއް ބޭފުޅުންނަކީ ހައްގުގައި މަގުގައި ތިއްބަވަން ކެރިވަޑައިނުގަންނަވާ ބޭފުޅުން ކަމަށާ އެ ބޭފުޅުންގެ ހުރިހާ ވެސް މަސައްކަތަކީ މަގާމު ދިފާއު ކުރެއްވުން ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ނެތް ކަންތައްތަކަކުން އުފަން ކުރުވާފައިވާ މައްސަލައެއް ކަމަށާ އެކަން އެނގިގެންދިޔައީ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިމި، ހެކިން ހާޒިރުކުރާ ހަމައަށް ދިއުމުން ކަމަށެވެ.

"ހެކިން ހާޒިރުކުރާ ހިސާބަށް ދިޔައީމަ ލުތުފީ [އޭސީގެ ކުރީގެ ރައީސް] އަށް ވެސް ބުނަން ކެރުނީ ނުދޭނަމޭ ތި ހެކިބަހެއް. ތި ހެކިބަހެއް ތިމަންނަ ނުދޭނަމޭ. ނުދޭނެ ސަބަބު އޭނަ ބުނެދިން ދެއްތޯ. ހަމަ ގައިމު ވެސް އަޅުގަނޑުގެ ފޭސްބުކު ޕޭޖެއްގައެއް ނޫން އޭތި އަޕްޑޭޓް ކުރީއެއް. އޭނަގެ ފޭސްބުކްގައި ޕޭޖުގައި އަޕްޑޭޓްކުރީ. ޝަރީއަތުގެ މަޖިލީހުން ފަނޑިޔާރުން އަމިއްލައަށް ވިދާޅުވީ މިތަނަށް [ކްރިމިނަލް ކޯޓް] އެބައޮތޭ ސިޓީއެއް ފޮނުވާފައި. އޭނަ އެތަނަށް އައިސް ހެކިބަސް ނުދޭނެ ސަބަބު އެބައޮތޭ ބުނެފައި. އަދި އޭނަ އަތުން އޭރު ހެކިބަސް ހޯދި ގޮތް މި އޮތީ ބުނެފައޭ. ކީއްތޯ ކުރީ... މިއަދު ހޯމް މިނިސްޓްރީއާ ހަވާލުވެ ހުރި ހޯމް މިނިސްޓަރު ވަޑައިގެން އޭނާ [ލުތުފީ] އަށް އިންޒާރުދީ، ބިރުދައްކާ، ޖަލަށްލާނެ ކަމަށް ވިދާޅުވި ކަމަށް އޭނަ އެ އޮތީ ފޭސްބުކްގައި ބުނެފައި. މިއީ އަޅުގަނޑު ބުނާ ވާހަކައެއް ނޫން." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ލުތުފީ އާއި މުއައްވިޒު އެކުގައި އަދި ވަކިން ވެސް ރައީސް ޔާމީންއާ ބައްދަލު ކޮށްފައި ނުވާނެ ކަމަށާ އަދި އެ ފައިސާ ދައުލަތާ ހަވާލު ކުރަން އެއްވެސް ޒަރިއްޔާއަކުން ރައީސް ޔާމީނަށް އަންގާފައި ވެސް ނުވާނެ ކަމަށް ލުތުފީ މިހާރު ވިދާޅުވާ ކަމަށެވެ. އަދި ލުތުފީއަށް ބިރުދެއްކި ކަމަށް އިމްރާންގެ މައްޗަށް ކުރެވޭ ތުހުމަތު ދޮގު ކުރައްވަން ވެސް އިމްރާނަށް ކެރިވަޑައި ނުގެންނެވި ކަމަށް ވިދާޅުވިއެވެ.

"އިމްރާނެއް އެއެއް ދޮގެއް ނުކުރޭ. އިމްރާން އުފެއްދީ ސުވާލަށް ސުވާލު. ތިމަންނަ އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނޭ. ކީއްވެތޯ މައްކާގެ މުގައްދަސް ބިމުގައި ހުރެފައި ނުބުނީ އަޅުގަނޑު އެކަހަލަ ކަމެއް ނުކުރަމޭ. އޭނަ [އިމްރާން] ހުރީ އުމްރާގައި. ހުރެފައި ޓްވީޓެއް މި ކުރަނީ ތިމަންނަ އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނޭ! ނޫން... އިމްރާން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރޭ." އިމްރާނަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ރޭ ތަކުރާރުކޮށް ވިދާޅުވީ ލުތުފީ ލައްވާ ސޮއި ކުރެއްވީ ބިރު ދައްކައިގެން ކަމަށާ މުއައްވިޒަށް ބިރު ދެއްކީ ކަމެއް ހަދިޔާއެއް ދިނީއެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަކީ ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރުމުން މުއައްވިޒަށް ވާހަކަ ދައްކަން ކެރިވަޑައިނުގަތް ކަމަށެވެ.

"މި ދެ މީހުން [ލުތުފީ، މުއައްވިޒް] ލައްވާ ސޮއި ކުރެވުނީމަ މައްސަލަ މައްސަލައަކަށް މިވީ... އެމީހުންނަށް ދެ ޝަފަހީ ހެކި އެ ލިބުނީ. އެ ދެ މީހުން ހެކިބަސް ދިނީ. އެ ދެހެކިން ނެތް ނަމަ މިއީ މައްސަލައެއް ނޫން،"

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ދެ މީހެއްގެ އަތުން ގަދަކަމުން ހޯދި ހެކި ބަހެެއްގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ. އަދި އެ ދައުވާ ކޯޓްގައި ކުރިއަށް ގެންގޮސް، ހުރިހާ ކަމެއް ގޯހުން ގޯހަށް ކުރެއްވުމަށް ފަހު އެކަމުުން ނިކުންނަށް މަސައްކަތް ކުރެއްވި ނަމަވެސް ލުތުފީއަށް މިހާރު އެކަން ނުކުރެވޭނެ ކަމަށެވެ.

"މިއީ މިހާ އޮޅުވާލައިގެން ދައުލަތުން ކުރި ކުރިކަމެއް. އެހެންވެ މި ދަންނަވަނީ މިއީ ސިޔާސީ ދައުވާއެކޭ. އެކަން އަޅުގަނޑުމެންނަށް އިބްތިދާއީ މަރުހަލާގެ ތެރޭގައި އެނގުނުނަމަ މިއަށް އަޅުގަނޑުމެން ޖަވާބުދާރީވީމުސް. އެހެން ނަމަ ބަލާނެ މައްސަލައެއް ނޯންނާނެ. އެހެން ނަމ ޝަރީއަތެއް ނުހިނގާނެ. އެއީ ދައުލަތުގެ ހެކިންނެއް ނެތް."