ލައިފްސްޓައިލް

105 އަހަރުވީ މުނިމާމަ އަދިވެސް ކިޔަވަނީ

އަހަރެމެން ކޮންމެ މީހެއްގެ ވެސް ހާސިލު ކުރަން ބޭނުންވާ ކަންތައްތަކެއް ދިރިއުޅުމުގައި ހުރެ އެވެ. ކިތަންމެ އުނދަގުލަސް އެ މީހެއްގެ ހުވަފެން ހަގީގަތަކަށް ހެދޭތޯ ގަދައަޅާ މަސައްކަތް ކުރާ މީހުން ވެސް ތިބެ އެވެ. ކެރެލާގެ ބާގީރަތީ އައްމާ އަކީ މިފަދަ އަންހެނެކެވެ. މިހާރު މުނިމާމަ ކިޔާފައިވާ މި މީހާއަށް އުމުރަކީ ހަމައެކަނި ހިސާބު އަދަދެކެވެ.
ބާގީރަތީ ކުޑައިރުވެސް ވަރަށް ކިޔަވާހިތް ވެއެވެ. ވަރަށް ކުޑައިރު މަންމަ މަރުވުމުން އޭނާއަށް ކިޔެވުން ހުއްޓާލަން ޖެހުނަސް ކިޔެވުމަށް އޮތް ލޯތްބާއި އުންމީދު އޭނާ ދޫކޮށެއް ނުލަ އެވެ.

އޭނާ މަސައްކަތްކޮށްގެން އެއްބަނޑު އެއްބަފާ ކުދިން ބަލައި ބޮޑުކުރި އެވެ. އެ ވެސް ފަސޭހަ ކަމެއް ނޫނެވެ. ފަހުން ކައިވެނިކޮށް ހަ ކުދިން ލިބުނުފަހުން ފިރިމީހާ މަރުވުމުން ހުރިހާ ދަރިން ވެސް ބެލީ ބާގީރަތީ އެކަންޏެވެ.

ބާގީރަތީގެ އުމުރުން މިހާރު 105 އަހަރު ވެފައިވާއިރު ދަރިންނަށް ދަރިން ލިބި އޭނާއަށް މުނިމާމަ ކިޔާވެސް ވަރަށް ގިނަ ދަރިން މިހާރު އެބަތިއްބެވެ. ނަމަވެސް އުމުރުން ދުވަސް ވިޔަސް ކިޔެވުމަށް އޮތް ޝައުގުވެރިކަން އޭނާގެ ކުޑައެއް ނުވެ އެވެ. އެހެންވެ ކިޔަވަން ފަށައި ދާދިފަހުން ވަނީ ކެރަލާގެ ސްޓޭޓް ލިޓަރަސީ މިޝަން ޕްރޮގްރާމްގެ ދަށުން ހަތަރު ވަނަ ގްރޭޑްގެ އިމްތިހާނު ހަދާފަ އެވެ. ބާގީރަތީ އަކީ އެ ޕްރޮގްރާމްގެ ދަށުން ތައުލީމު ހާސިލުކޮށް އިމްތިހާނު ހެދި އެންމެ ދޮށީ މީހާ އަށެވެ.

ލިޓަރަސީ މިޝަންގެ ކީ ރިސޯސް ޕާސަން ކޭބީ ވަސަންތާ ކުމާރު އިންޑިޔާގެ ނޫހަކަށް ބުނި ގޮތުގައި ބާގީރަތީގެ އުމުރު 100 އަހަރު ފަހަނަޅާ ގޮސްފައި ވިޔަސް އޭނާގެ ލޮލުގެ ފެނުމާއި އަޑުއިވުން އަދި އަދި ހަނދާން ވަރަށް ރަނގަޅެވެ. އަދި ވިސްނުން ވެސް ތޫނެވެ.

ބާގީރަތީ އަށް ލިޔަން އުނދަގުލެވެ. އެހެންވެ ލިޔުމުގައި އޭނާއަށް އެހީތެރިވަނީ އެންމެ ހަގު ދަރިފުޅެވެ. ބާގީރަތީ ވަނީ ތިން ދުވަސް މަތިން ތިމާވެށި، ހިސާބު އަދި މަލަޔާލަމް މާއްދާގެ އިމްތިހާނު ހަދާފަ އެވެ.

މިފަދަ އެހެން ހާދިސާއެއް އެމެރިކާގެ ލަސް ވެގަސް ގައި ވެސް ހިނގާފައި ވެއެވެ. ލަސް ވެގަސްގެ ޑޮރީ ޖޭކަބްސަން، 83، އަކީ ދުނިޔޭގެ އެންމެ ދުވަސްވީ ލޮންޖަރީ މޮޑެލް އެވެ. ޖޭކަބްސަން ދަނީ އޭނާ މޮޑެލްކުރާ ފޮޓޯތައް ކޮންމެ ދުވަހަކުވެސް އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ މާމަ ޒަމާނުގައި އެމީހުން އުމުރުން ދުވަސްވީމަ ތިބެނީ ރޮކިން ޗެއާގައި ވޫލުން އެއްޗެހި ވިޔާށެވެ. ނަމަވެސް މިޒަމާން ވަރަށް ތަފާތެވެ. މިޒަމާނުގައި އުމުރުން ދުވަސްވިޔަސް އެހެން ގޭގައި ތިބޭކަށް ނުޖެހެ އެވެ. އޭނާ އަދިވެސް ވިޔަފާރީގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅޭ ކަމަށާއި މެރަތަން ދުވެ ހަދާ ކަމަށް ބީބީސީ އަށް ދީފައިވާ އިންޓަވިއު އެއްގައި ޖޭކަބްސަން ބުންޏެވެ.