ސިއްހަތު

ބަރުދަން ލުއި ކުރަން އެހީވެދޭ ފަސް މޭވާ

ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ކެއުން ބަހައްޓަން ބޭނުން މީހުންގެ ހިތަށް އެންމެ ފުރަތަމަ ވެސް އަރާނީ މޭވާ ކެއުމަށެވެ. ހަގީގަތުގައިވެސް ބަރުދަން ލުއިކުރުމަށް މޭވާ ވަރެއް ހަމަ ނެތެވެ. މޭވާގައި އެތައް ބައިވަރު ވިޓަމިންސް އަކާއި މިނަރަލްސް އެއް ހުރެ އެވެ. އަދި ޚާއްސަކޮށް އެންޓިއޮކްސިޑަންޓްސް އެވެ. ހަށިގަނޑުގައި ހުންނަ ވިހަ ބައިތައް ހަށިގަނޑުން ބޭރުކޮށްލަން އެންޓިއޮކްސިޑަންޓްސް ވަރަށް މުހިއްމު ވާނެ އެވެ.

ކޮންމެ ދުވަހަކުވެސް އެކަށީގެންވާ ރަނގަޅު މޭވާ ކައިގެން ބަރުދަން ލުއިކުރުމަށް އެހީތެރިކަން ލިބޭނެ އެވެ. ދުވާލެއްގެ ކޮންމެވެސް ހަތަރު ގަޑިއެއްގައި ކޮންމެވެސް މިންވަރަކަށް މޭވާ ކެއުން ރަނގަޅެވެ. އެގޮތުން ކެއުން އެންމެ ރަނގަޅު މޭވާތަކުގެ ތެރެއިން ފުރަތަމަ އެއްޗަކީ ބްލޫބެރީ އެވެ.

ބްރިޓިޝް މެޑިކަލް ޖާނަލް އިން އެއްލައްކަ މީހުންގެ މެދުގައި ހަދާފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ބްލޫބެރީގައި ފްލެވަނޯލްސް، ފްލޭވަން-3-އޯލްސް، އެންތޮސައިނިންސް އަދި ފްލެވަނޮއިޑް ޕޮލީމާޒް ފަދަ އެންޓިއޮކްސިޑަންޓްސް ހުރެ އެވެ. އަދި މިއީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ އެއްޗިއްސެވެ.

ބްލޫބެރީ ޖޯޑެއްގައި 10 މިލިގްރާމް އެންތޮސައިނިންސް އެކުލެވިގެން ވެއެވެ. އަދި ބްލޫބެރީ އަކީ ވަރަށް އަވަހަށް ބަނޑުފުރޭ ކަމުގެ އިހްސާސް ކުރުވާ މޭވާ އެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ބްލޫބެރީ ހިމަނައިގެން ހިކެން ފަސޭހަ ވާނެ އެވެ.
އާފަލަކީ ވެސް ހިކެން ބޭނުން މީހުން ކާން ރަނގަޅު މޭވާ އެކެވެ. އާފަލުގައި ފައިބަރާއި ފްލެވަނޮއިޑް ޕޮލިމާޒް ވަރަށް ގިނަ އެވެ. މިއީ ބަރުދަން ލުއިކުރުމަށް ކާން ރަނގަޅު އެއްޗަކަށް ވަނީ އެހެންވެ އެވެ. އާފަލު ތޮއްޓާއެކު ކާށެވެ. އޭރުން ފައިބަރާއި އެންޓިއޮކްސިޑަންޓްސް ހަށިގަނޑަށް ލިބި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރެވި ހަކުރުބަލި ޖެހުމުން ދިފާއުވާނެ އެވެ. އަދި އަބަދު ކާހިތްވާ މީހުންނަށް އެކަމުން ސަލާމަތްވާން ވެސް އާފަލު ކެއުމުން އެހީތެރިކަން ލިބޭނެ އެވެ.
ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުގައި ޕިއާޒް އަކީ ވެސް ބަރުދަން ލުއިކުރަން ރަނގަޅު މޭވާ އެކެވެ. ޕެއާޒް އަކީ ފްލެވަނޮއިޑް ޕޮލީމާޒް އިން މުއްސަނދިވެފައިވާ މޭވާ އެކެވެ. ޕެއާޒްގެ ކޮންމެ 138 މިލިގްރާމެއްގައި ފްލެވަނޮއިޑް ޕޮލިމާޒް ވަރަށް ބޮޑަށް އިތުރެވެ. އެހެންކަމުން މިއީ ބަރުދަން ލުއިކުރުމަށް ވަރަށް ރަނގަޅު މޭވާއެކެވެ. މި މޭވާ ވެސް ކާން ރަނގަޅީ ތޮއްޓާ އެކުގަ އެވެ. ސަބަބަކީ ތޮއްޓާ އެކު ކެއުމުން ފައިބަރު ގިނައިން ލިބި ހަންގަނޑު ރީތިވެ ބަނޑު ފުރިފައި ގިނަ ވަގުތުތަކަކު ހުންނާނެތީ އެވެ.

ސްޓްރޯބެރީޒް އަކީ ވެސް ބަރުދަން ލުއިކުރަން އެހީވެދޭ މޭވާ އެކެވެ. އެންތޮސައިނިންސް އިން މުއްސަނދިވެފައިވާ މި މޭވާ ކާނަމަ ހިކެން ފަސޭހަ ވާނެ އެވެ. ގިނަ މީހުން ހީކުރަނީ ސްޓްރޯބެރީޒް އަކީ ވަރަށް ފޮނި މޭވާ އަކަށް ވާތީ މި މޭވާ ކެއުމުން ފަލަވާނެ ކަމަށެވެ. ނަމަވެސް މި ހުރިހާ މޭވާއެއްގައި ވެސް ހުރި ހަށީގަނޑަށް ފައިދާކުރާ މާއްދާތަކުގެ ސަބަބުން ފަލަވުމުގެ ބަދަލުގައި ހިކެން އެހީތެރިކަން ލިބޭނެ އެވެ.

ޕެޕާޒް އަކީ މޭވާއެއްހޭ ވަރަށް ގިނަ މީހުން ސުވާލު ކުރެ އެވެ. އާނއެކެވެ. ދިވެހިންނަށް ޕެޕާޒްގެ ވައްތަރުތަކަކީ ތަރުކާރީގެ ބާވަތްތަކެއް ކަމަށް ވިސްނުނަސް ބެލް ޕެޕާ ފަދަ ޕެޕާޒްގެ ވައްތަރު ތަކަކީ މޭވާގެ ވައްތަރެކެވެ. ކޮންމެ ދުވަހަކު ޕެޕާޒް ކާނަމަ ފަލައެއް ނުވާނެ އެވެ. ޗިލީ ޕެޕަގައި ހުންނަ ކެޕްސީސިން އަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމަށް ސަރުބީ ވިރުވާލަން އެންމެ ރަނގަޅު މޭވާ އެވެ.