އައިޖީއެމްއެޗް

ރޭޑިއޭޝަންގެ ނުރައްކާ ދުރާލާ ދެނެގަނެވޭނެ ބެޖެއް ތައާރަފް ކޮށްފި

ރޭޑިއޭޝަނުން ހަށިގަނޑަށް ނުރައްކާވާ މިންގަނޑު ދުރާލާ ދައްކުވައިދޭ ހާއްސަ ބެޖެއް ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗް) އިން ތައާރަފްކޮށްފި އެވެ.

މި ބެޖް ތައާރަފްކޮށްފައިވަނީ މިއަދު އެ ހޮސްޕިޓަލްގެ ރޭޑިއޭޝަން ޑިޕާޓްމެންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މުޅިން އަލަށް ރާއްޖެއަށް ތައާރަފްކުރި ރޭޑިއޭޝަން ބެޖް ނުވަތަ ޕާސަނަލް ޑޮސިމީޓަރަކީ ރޭޑިއޭޝަން އާއި ގުޅުންހުރި މަސައްކަތުގައި އުޅޭ މުވައްޒަފުން ރޭޑިއޭޝަނަށް އެކްސްޕޯޒްވާ މިންވަރު ދައްކައިދޭ ބެޖެއް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އެ ހޮސްޕިޓަލުން ބުނީ މި ބެޖު ހަށިގަނޑުގައި އެޅުމުން ރޭޑިއޭޝަނުން ހަށިގަނޑަށް ނުރައްކާވާ މިންވަރު ދުރާލާ ދައްކުވައިދޭނެ ކަމަށާއި މިއީ ރޭޑިއޭޝަނާ ގުޅުންހުރި މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ރައްކާތެރި ކަމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ ވަޒީފާގެ މާހައުލުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުން މިއަދު ތައާރަފްކުރެވުނު ބެޖަކީ މުވައްޒަފުންގެ ރައްކާތެރިކަމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ފެންވަރު ރަނގަޅޫ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.