އަބްދުﷲ ޝާހިދު

އޯއައިސީގެ އަންހެނުންގެ ޖަމިއްޔާއާ ރާއްޖެ ގުޅިއްޖެ

އޯއައިސީ ސްޓެޓިއުޓް ފޯ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއިކުރައްވައިފި އެވެ.

ޝާހިދު ސައުދީއަރަބިއްޔާއަށް ވަޑައިގެންފައި ވަނީ އޯއައިސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އޯއައިސީ ސްޓެޓިއުޓް ފޯ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ޝާހިދު ސޮއިކުރައްވާފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހްމަދު އަލް އުތައިމީންއާ، ބައްދަލްކުރެއްވުމަށްފަހު އެވެ. -މިނިސްޓަރު ޝާހިދު އޯއައިސީ ސްޓެޓިއުޓް ފޯ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ސޮއިކުރައްވާފައިވާއިރު މިއަދަކީ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހެވެ.-

ޖިއްދާގައި ހުންނަ އެޖަމާއަތުގެ މައި އިދާރާގައި ބޭއްވެވި މި ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އޯއައިސީގެ ހަރަކާތްތަކާއި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އުތައިމީން ވަނީ ދިވެހިރާއްޖެއިން ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އަކީ އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގައި އަންހެނުން ބާރުވެރިކޮށް، އެކި ކަންކަމުގައި އަންހެނުންގެ ރޯލު އިތުރަށް ފުޅާކުރުމަށް ހިންގާ ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާގެ އުސޫލުތަކާއި މަގްސަދުތަކަށް ރިއާޔަތްކޮށް، ޖަމިއްޔާގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އޯއައިސީއަކީ ދިވެހިރާއްޖެއިން އެންމެ ހަރަކާތްތެރިކޮށް ބައިވެރިވާ ބައިނަލްއަގްވާމީ އެއް ޖަމިއްޔާއެވެ. މިއަހަރުގެ މާޗް މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި އޯއައިސީ ކައުންސިލް އޮފް މިނިސްޓާސްގެ 46 ވަނަ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފައިވާއިރު، މައްކާގައި މިއަހަރުގެ މެއި މަހު ބޭއްވި 14 ވަނަ އިސްލާމިކް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބައިނަލްއަގްވާމީ ޖަމްއިއްޔާއަކީ އޯއައިސީ އެވެ. 57 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ މިޖަމިއްޔާއަކީ އިސްލާމީ ދުނިޔޭގެ އަޑު އުފުލައިދޭ ޖަމާއަތެވެ. އެޖަމްއިއްޔާގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކުން ބޭނުންވާ ކަންކަން ޕްރޮމޯޓްކުރުމާއި، ސުލްހަ މަސަލަސްކަން ގާއިމްކުރުން ހިމެނެއެވެ. ދިވެހިރާއްޖެއިން އޯއައިސީގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ.