ހަބަރު

ފުރައްސާރަކުރި މައްސަލަ ބަލާ، ފިޔަވަޅު އެޅިން: ސީއެޗްއެސްއީ

ސެންޓަ ފޮ ހަޔަ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ އިސްލާމް ޓީޗަރެއް ދަރިވަރަކަށް ފުރައްސާރަކުރި މައްސަލައަކީ 2017 ވަނަ އަހަރު ހިނގާދިޔަ ހާދިސާއެއް ކަމަށާ އެ މައްސަލައާއި ގުޅިގެން ވަގުތުން ފިޔަވަޅު އަޅާފައިވާނެ ކަމަށް އެ ސުކޫލުން ބުނެފި އެވެ.

ސީއެޗްއެސްއީ ގެ އިސްލާމް ޓީޗަރެއްގެ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން އެ މިނިސްޓްރީން ބަލަން ފަށާފައިވަނީ ސީއެޗްއެސްއީގެ ހަސަން ޒަރީރު ނަމަކަށް ކިޔާ އިސްލާމް ޓީޗަރެއްގެ މައްސަލައެކެވެ. އެ މިނިސްޓްރީން މިހާތަނަށް ބެލި ބެލުމުން އޭގައި ދަރިވަރުން ފާހަގަކުރި ކަންކަމަކީ އޭނާގެ ފަރާތުން ހިނގާފައިވާ ކަންކަމުގައި ބެލެވެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

"މިފަދަ ކަންކަމަކީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު އޭނާގެ ބެލެހެއްޓުމުގައިވާ ފަރާތަކާ މެދު ހިންގައިގެން ވާނެ އަމަލުތަކެއް ކަމުގައި ނުދެކެމެވެ." އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ދަރިވަރަކަށް ކުރިމަތިވާނެ ފަދަ އަމަލެއް ސްކޫލްގެ އެއްވެސް މުވައްޒަފެއް ހިންގާފައިވާނަމަ އެ ކަމެއް ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ސީއެޗްއެސްއީން މިއަދު ބުނީ އެ މައްސަލައަކީ 2017 ވަނަ އަހަރު ހުށައެޅުނު މައްސަލައެއް ކަމަށާ އެ މައްސަލައަށް ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"ހަމަ އެވަގުތުން ފެށިގެން އެ ޓީޗަރު ކްލާސްތަކަށް ނުފޮނުވަން. އަދި އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާ އެ މިނިސްޓްރީގެ ލަފާގެ މަތިން އެ މައްސަަލަ ވަނީ ބަލާފައި."

ސީއެޗްއެސްއީން ބުނީ އެ މައްސަލައާއި ގުޅިގެން ދަރިވަރުންގެ ފަރާތުން ނަަގަންޖެހޭ ބަޔާންތައް ނަގާފައިވާ ކަމަށާ އަދި އެ ބަޔާންތައްވެސް މިނިސްޓްރީއާއި ހިއްސާކުރެވިފައިވާ ކަމަށެވެ.

"މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ޑިޒިޝަން ނަގާފައިވާ ކޭސްއެއް."