ލައިފްސްޓައިލް

ދެ އަހަރުގައި ވަކިވި މަންމައާ 41 އަހަރުފަހުން ބައްދަލު ވެއްޖެ

މައިންބަފައިންނާ ކުޑައިރު ވަކިވާން ޖެހުމަކީ ބަޔާން ކުރަން ވެސް ނޭނގޭ ވަރުގެ ހިތްދަތި ކަމެކެވެ. އަދި ގިނަ ދުވަސްތަކަކު ނުފެނި ހުރުމަށްފަހު އެމީހުންނާ ބައްދަލުވާ ދުވަހަކީވެސް މިފަދަ ހާލަތެއް ދިމާވެފައިވާ މީހަކަށް ނޫނީ ބަޔާން ކުރަން ވެސް ނޭނގޭނެ ފަދަ އިހްސާސްތަކެއް ކުރެވޭނެ ދުވަހެކެވެ.

ޑޭވިޑް ނީލްސަން އަށް އޭނާ އުފަންކުރި މަންމައާ ބައްދަލު ކުރަން 41 އަހަރުގެ ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. މަންމަ ހޯދަން އޭނާ ވަރަށް ގަދަޔަށް މަސައްކަތްކުރާތާ ހައެއްކަ އަހަރު ފަހުން އޭނާއަށް އެކަން ކާމިޔާބުވި އެވެ. އޭނާގެ މަންމަ ދާނާލަކްޝްމީ ދިރިއުޅެމުންދިޔަ ގެ ހުރީ އިންޑިއާގެ މަނާލީގަ އެވެ. މިހާރު 68 އަހަރު ފުރިފައިވާ މި އަންހެންމީހާއަށް އޭނާގެ ދަރިފުޅު ފުރަތަމަ ފަހަރަށް ފެނުމުން 'މަގޭ ދަރިފުޅު، މަގޭ ދަރިފުޅު' މިހެން ކިޔާލަ ކިޔާލަ ހުރެވުނީ އެވެ. އޭނާއަށް އުފަލުން ގޮސް އެހެން އެއްވެސް އެއްޗެކޭ ނުބުނެވުނެވެ.

ޑޭވިޑް އަކީ މިހާރު ޑެންމާކްގެ ރައްޔިތެކެވެ. އޭނާ އެޑޮޕްޝަނަށް ލީ އޭނާ ބަހައްޓާފައި ހުރި ކުޑަކުދިންގެ ހިޔާ އިންނެވެ. އޭނާ އެޑޮޕްޓްކުރަން ބޭނުންވާ މީހަކަށް ދޭން އުޅޭ ކަމެއް އޭނާގެ މަންމައަކަށް އޭރަކު ނޭނގެ އެވެ.

ޑޭވިޑް، 43، އަކީ ބޮންޑް ވިޔާފާރި ކުރާ މީހެކެވެ. އިންޑިއާގައި ދިރިއުޅޭ އޭނާގެ އަސްލު އާއިލާ ހޯދުމަށް ޑޭވިޑް މަސައްކަތް ފެށިއިރު އޭނާގެ އަތުގައި ވަރަށް ކުޑައިރު މަންމަ އާއެކު ނަގާފައިވާ ކަޅާ ހުދުގެ ފޮޓޮއެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތެވެ. އެ ފޮޓޯގައި އޭނާއަކީ ތުއްތު ބޭބީ އެކެވެ. ފޮޓޯގެ ބެކްގްރައުންޑްގައި އޭނާ ބަހައްޓާފައި ހުރި ކުޑަކުދިންގެ ހިޔާގެ ނަން ފެންނަން ހުއްޓެވެ. އެއީ ޕައްލަވަރަމްގައި ހުރި ގެއެކެވެ. އެ ގެ ވަކީ 1990 ގައި ބަންދުކޮށްފަ އެވެ.

މަންމަ އާ ފުރަތަމަ ބައްދަލުވީ ދުވަހަކީ ޑޭވިޑް ބުނި ގޮތުގައި އޭނާއަށް ތަފާތު އިހްސާސްތަކެއް ކުރެވުނު އަސަރުން ފުރިގެންވާ ދުވަހެކެވެ. މަންމަ ހޯދުމުގައި އޭނާއަށް ވަރަށް ގިނަ އެކުވެރިންނާއި ގާނޫނީ ވަކީލުން އަދި އެކްޓީވިސްޓް އަންޖަލީ ޕަވާރް އާއި އަރުން ޑޯލޭގެ އެހީތެރިކަން ލިބުނެވެ. ޑޯލޭ އަކީ ވެސް ކުޑައިރު އާއިލާ އާ ވަކިވެ ފަހުން އަމިއްލައަށް އާއިލާގެ މީހުން ހޯދި މީހެކެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރަނީ މިގޮތަށް ގެއްލިފައިވާ ކުދިންނާއި އާއިލާތައް ގުޅުވައިދިނުމަށް އެހީތެރިވުމަށެވެ.

މަންމަ ހުރިތަން އެނގުނުއިރު ޑޭވިޑް ހުރީ ޑެންމާކްގެ ކޯޕަންހޭގަން ގައެވެ. އެހެންވެ އޭނާ ފުރަތަމަ ފަހަރަށް މަންމައާ ވާހަކަ ދެއްކީ ވީޑިއޯ ކޯލެއް ކޮށްގެންނެވެ. ދާނާލަކްޝްމީ މިހާރުވެސް އުޅެނީ މީހުންގެ ގޭގޭގައި ނޯކިރީ ކޮށްދީގެންނެވެ.
ޑޭވިޑް އުފަންވީ 1976 ގައި ސަރުކާރު ހޮސްޕިޓަލެއްގަ ގައެވެ. އޭނާއަކީ ދާނާލަކްޝްމީ އާއި ފިރިމީހާ ކާލިއާމުރްތީ އަށް ލިބުނު ދެ ވަނަ ފިރިހެން ދަރިފުޅެވެ.

ފަގީރުކަމުން ދަރިން ބެލޭނެގޮތެއް ނެތުމުން ދެ ދަރިން ވެސް ކުޑަކުދިން ބައިތިއްބާ ގެއަކަށް ލުމަށްފަހު ޚުދް ދާނާލަކްޝްމީ ވެސް ދިރިއުޅެމުން ދިޔައީ އެ ތަނުގަ އެވެ. އެއް ދުވަހަކު އެ ތަން ދޫކޮށް ދިއުމަށް އެ ތަން ހިންގާ އޮތޯރިޓީއިން ދާނާލަކްޝްމީ އަށް އެންގި އެވެ. އޭނާ އެތަނުން ދިއުމަށްފަހު ކުދިން ބަލާ އެނބުރި އައިއިރު ދެ ކުދިން ވެސް ވަނީ އެޑޮޕްޓް ކޮށްފަ އެވެ.

އެ ކުދިން އެޑޮޕްޓްކުރީ ޑެންމާކް އާއިލާ ތަކަކުން ކަމާއި އެ ގައުމުގައި އެ ކުދިންނަށް ވަރަށް ރަނގަޅު ދިރިއުޅުމެއް ލިބޭނެކަމުގެ ޔަގީންކަން ލިބުމުން ދާނާލަކްޝްމީ އިތުރަށް އެކުދިން ހޯދަން މަސައްކަތެއް ނުކުރެ އެވެ.
މަންމަ ހޯދަން ޑޭވިޑް ކުރި މަސައްކަތުން އޭނާގެ ބޭބެ ރާޖަން އާ ވެސް ޑެންމާކުން ބައްދަލުވި އެވެ. ރާޖަން ވެސް އެޑޮޕްޓްކުރީ ޑެންމާކް ދެމަފިރިއެކެވެ. ރާޖަން ވަނީ އޭނާގެ ނަން މާޓިން މެނުއަލް ރަސްމުސެން އަށް ބަދަލުކޮށްފަ އެވެ.