ލައިފްސްޓައިލް

ރެކޯޑް މިންވަރެއްގެ ބޮޑު ކިޑްނީއެއް ނަގައިފި

އިންޑިއާގެ ސާ ގަންގާ ރާމް ހޮސްޕިޓަލުގެ ޑޮކްޓަރުން ރެކޯޑް މިންވަރެއްގެ ބޮޑު ކިޑްނީއެއް މީހެއްގެ އެތެރެހަށީން ނަގައިފި އެވެ.

އުމުރުން 56 އަހަރުގެ މި މީހާގެ ބަނޑުން ނެގި ކިޑްނީގެ ބަރުދަނުގައި 7.4 ކިލޯގްރާމް ހުއްޓެވެ. މި މީހާގެ ކިޑްނީ އެހާ ބޮޑީ ޖެނެޓިކް މައްސަލަތަކެއް ހުރުމުގެ ސަބަބުންނެވެ. ކިޑްނީއެއްގައި އާއްމުކޮށް ހުންނަނީ 120 އާއި 150 ގްރާމެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އެމީހުން މިފަހަރު މި ނެގި ކިޑްނީގައި އަލަށް އުފަންވާ އެވްރެޖް ކުއްޖެއްގެ ބަރުދަނުގެ ދެ ގުނަ ހުއްޓެވެ. މިއީ އިންޑިޔާގައި މިހާތަނަށް ނެގި އެންމެ ބަރު ކިޑްނީ އެވެ. އަދި މުޅި ދުނިޔޭން މިހާތަނަށް ނަގާފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ތިން ވަނަޔަށް އެންމެ ބަރު ކިޑްނީ އެވެ.

މި މީހާ އަކީ އޮޓޯސޯމަލް ޑޮމިނަންޓް ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް ކިޔާ ބައްޔެއް ހުންނަ މީހެކެވެ. މި ބަލީގެ ސަބަބުން ކިޑްނީ ފޭލްވެ ޑައިލެސިސް ހަދާ ކިޑްނީ ބަދަލު ކުރަން ޖެހެ އެވެ.

ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައި އެންމެ ބަރު ކިޑްނީ ކަމަށް ލިޔެފައިވަނީ 2017 ގައި ޑުބާއީ ހޮސްޕިޓަލެއްގައި ސާޖަރީ ހަދައިގެން ނަގާފައިވާ 4.25 ކިލޯގްރާމްގެ ކިޑްނީ އެކެވެ. ނަމަވެސް ޑޮކްޓަރުންގެ ހޯދުންތަކުން ދައްކާ ގޮތުން މިއަށްވުރެ މާ ބަރު ދެ ކިޑްނީއެއް ރެކޯޑް ކުރެވިފައި ވެއެވެ.

މެޑިކަލް ލިޓްރޭޗާގައިވާ ގޮތުން އެމެރިކާގެ ހޮސްޕިޓަލެއްގައި ނުވަ ކިލޯގެ ކިޑްނިއެއް ސާޖަރީ ހަދައިގެން ނަގާފައި ވެއެވެ. އަދި ނެދަލެންޑްސްގެ ހޮސްޕިޓަލެއްގައި 8.7 ކިލޯގެ ކިޑްނީއެއް ނެގި ކަމަށް މި ފޮތުގައި ލިޔެފައި ވެއެވެ. އެހެންކަމުން އިންޑިއާގެ ޑޮކްޓަރުން މިފަހަރު މި ނެގި ކިޑްނީ އަކީ ދުނިޔޭގައި މިހާތަނަށް ނެގި ތިން ވަނަ އަށް އެންމެ ބަރު ކިޑްނީ ކަމަށް ތަޖުރިބާކާރުން އެއްބަސްވެ އެވެ. އަދި މި ކިޑްނީ ދުނިޔޭގެ ރެކޯޑް ފޮތަށް އެރުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޑޮކްޓަރުން ބުނި ގޮތުގައި މި މީހާ ބަނޑަށް ތަދުވާތީ ފުރަތަމަ ހޮސްޕިޓަލަށް އައީ މިދިޔަ މަހު އެވެ. އޭޜު އޭނާއަށް ސީރިއަސް އިންފެކްޝަނެއް ވެސް ވަނީ ޖެހިފަ އެވެ. އެހެންވެ ސީޓީ ސްކޭން ހަދައިގެން ވެފައި ހުރި ގޮތް ބެލީ އެވެ.

"މިއީ ޖެނެޓިކް މައްސަލައެއް. ވަކި އުމުރަކަށް ދިއުމުން ކިޑްނީގެ މަސައްކަތް ހުއްޓި އޭގައި ސިސްޓް އުފެދެން ފަށަނީ. ނަތީޖާއެއްގެ ގޮތުން ފަންކްޝަނަލް ޓިޝޫތައް ވެސް ސިސްޓަށް ބަދަލުވަނީ. ސިސްޓަކީ ފެންއަޅާފައިވާ ފުއްޕާހަމެއް ފަދަ އެއްޗެއް. ނަމަވެސް އޭގެ ތެރޭގައި ހުންނަނީ ކުޑަކަމުދާ ނަޖިހެއް ނޫން. ހަގީގަތުގައި ކިޑްނި އެހާ ބަރީ އޭގައި އުފެދިފައިވާ ސިސްޓް ތެރޭގައި ފެން ހުރުމުން،" މި އޮޕަރޭޝަން ކުރި ޑޮކްޓަރު އިންޑއާގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ މިގޮތަށް ދިމާވެފައި ވިޔަސް އާއްމުކޮށް އެމީހުން ކިޑްނީ ނުނަގަ އެވެ. ނަމަވެސް ކިޑްނީ ބައިންދައިގެން ފުރާނައަށް ގެއްލުން ވެދާނެކަމުގެ ބިރު ހީވުމުން ކިޑްނީ ނަގަން މަޖްބޫރު ވީ އެވެ.

ޑޮކްޓަރުން އަދި ނަގާފައިވަނީ އެއް ކިޑްނީ އެވެ. ނަމަވެސް އަނެއް ކިޑްނީގެ ބަރުދަން އަދި މިފަހަރު ނެގި ކިޑްނީގެ ބަރުދަނަށް ވުރެ ވެސް މާ ބަރެވެ. ނަމަވެސް ބޮޑަށް މައްސަލަ ޖެހިފައިވަނީ މި ނެގި ކިޑްނީގެ އެވެ.